ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްފި، ވައުދުފުޅަށްވުރެ 222 މީހުން އިތުރު

ރައީސް މުއިއްޒު: ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ހާމަކުރިއިރު، ރައީސްގެ ވައުދުފުޅަށްވުރެ 222 މީހުން އިތުރު -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސް އޮފީހުން މިރޭ ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިވަގުތު ސިޔާސީ މަގާމުތަކުގައި ތިއްބެވީ 922 މުވައްޒަފުންނެވެ. އޭގެތެރޭގައި ހިމެނެނީ:

  • ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން
  • ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން
  • ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
  • ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން
  • ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
  • ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
  • ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
  • ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން
  • ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
  • ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި ހަތަރު ބޭފުޅުން
  • އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅުން
  • އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް، ރައީސް އޮފީހުން ހާމަކުރި މައުލޫމާތުގައި ވާގޮތުން މި ވައުދުފުޅަށްވުރެ އިތުރަށް، 222 ބޭފުޅުން ސިޔާސީ މަގަމުތަކުގައި އެބަ ތިއްބެވެ.

ސިޔާސީ މުވައްޒަފުންނާއި ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ވެސް ސަރުކާރުން މީގެ ކުރިން ވަނީ ދެކޮޅު ހަދައިފައެވެ.

https://sun.mv/205863

ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ނިންމައި، އެ މައުލޫމާތު ހާމަނުކުރަން ރައީސް އޮފީހުން ހައިކޯޓަށް ވެއްދި މައްސަލައެއް މީގެ ކުރިން އަނބުރާ ގެންގޮސްފައި ވެސް ވެއެވެ. އެކަމަކު، އޭގެ ފަހުން ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ވެސް ހާމަނުކުރަން ހައިކޯޓަށް ހުށަހަޅާފައި އޮތް މައްސަލައެއް އެ ކޯޓުގައި އެބައޮތެވެ.

މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކަމާ ގުޅިގެން ސުވާލުކުރުމުން އެ މަނިކުފާނު ވިދާޅުވީ، އެ މައުލޫމާތުތައް ސިއްރުކޮށްފައި އޮތްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރަން ހައިކޯޓުގައި މައްސަލަ އޮތްކަން ވެސް އެ މަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މައުލޫމާތު ހާމަނުކޮށް އޮވެގެން ނުވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ.

ސިޔާސީ މުވައްޒަފުން ގިނަކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުން އަންނަނިކޮށް އޮކްޓޫބަރު 15، 2024ގައި ރައީސް މުއިއްޒު ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމަވައި، އެކަން އިއުލާނުކުރައްވައިފައެވެ. އޭގެ ފަހުން ނޮވެންބަރު އެކެއް، 2024ގައި ރައީސް އޮފީހުން ވަނީ 248 ސިޔާސީ މުވައްޒަފުން ވަކިކުރިކަން ހާމަކޮށްފައެވެ.

އެ މީހުންގެ ތަފުސީލުތައް ހޯދަން އެދުމުން ރައީސް އޮފީހުން ވަނީ އެ ކަމަށް ދެކޮޅު ހަދައިފައެވެ. އެ މައްސަލަ އިސްތިއުނާފުކުރުމުން، އެ މަައުލޫމާތު ހާމަކުރަން ޖަނަވަރީ 23ވަނަ ދުވަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ވަނީ ނިންމައިފައެވެ. އެކަމަކު، ރައީސް އޮފީހުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

comment ކޮމެންޓް