ކިއުބާގައި ސަލާން ޖަހާ މީހަކު ނެތް ކަމަށް ބުނުމުން ވަޒީރަށް ފާޑުކިޔުން އަމާޒުވެއްޖެ

ކިއުބާގެ ހަވާނާގައި، ބަޔަކު ކުނިގޮނޑުން ތަކެތި ޙޯދަނީ. ފޮޓޯ/އޭޕީ

ކިިއުބާގައި ސަލާން ޖަހާ އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި އެއީ މީހުން ހެދިގެން ތިބޭ ގޮތެއް ކަމަށް ބުނުމުން އެ ގައުމުގެ ވަޒީރަކަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އެކަމަށް ކިއުބާގެ ރައީސްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ.

ކިއުބާގެ މަސައްކަތްތެރިންނާއި އިޖްތިމާއީ ރައްކާތެރިކަމާބެހޭ ވަޒީރު، މާޓާ އެލީނާ ފެއިޓޯ ކަބްރޭރާ އެގޮތަށް ވިދާޅުވެފައިވަނީ މިދިޔަ ހޯމަ ދުވަހު ނޭޝަނަލް އެސެމްބްލީގެ ކޮމިޓީއެއްގައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އިގްތިސާދީ ގޮތުން ދަތި ހާލަތެއްގައި އޮތް ކިއުބާގައި ސަލާން ޖަހާ ބަޔަކު ނެތޭ ބުނުމަކީ، މަސައްކަތަށް ގާބިލުކަން ނެތުން ކަމަށާއި، އެހެންވެ ފެއިޓޯ މަގާމުން އިސްތިއުފާ ދެއްވުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ކިއުބާގައި އިގްތިސާދީ ދަތިކަމުގެ ސަބަބުން އިޖުތިމާއީ ނާޒުކުކަން އިތުރުވެ، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުން ދަނީ މަގުތަކަށް ނުކުމެ ސަލާން ޖަހަމުންނެވެ.

"އަޅުގަނޑުމެންނަށް ފެނިފައިވަނީ ސަލާން ޖަހާ ކަމަށް ބެލެވޭ މީހުން، ނަމަވެސް އެ މީހުން އަޅައިގެންތިބޭ ހެދުންތަކަށް ބަލާއިރު، އެ މީހުން ތިބެނީ ސަލާން ޖަހާ މީހުންނަށް ހެދިގެން. އެއީ ސަލާން ޖަހާ ބައެއް ނޫން،" ގައުމީ މަޖިލީހުގެ ކޮމިޓީގައި ފެއިޓޯ ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް ވިދާޅުވި ގޮތުގައި މަގުމަތީގައި ތިބޭ އިމާރާތްތަކުގެ ބިއްލޫރި ސާފުކުރާ މީހުންނަށް ލިބޭ ފައިސާ އެ މީހުން ބޭނުންކުރަނީ ބަނގުރާ ރާ ބުއިމަށެވެ. ކުނިއަޅާފައި ހުންނަ ޑަސްބިންތައް ބަލާ އެކި ކަހަލަ ސާމާނު ހޯދާ މީހުންނަށް ވެސް ފެއިޓޯ ވަނީ ފާޑުކިޔާފައެވެ. އަދި އެ މީހުން ޑަސްބިންތަކުން ހޯދާ ތަކެތި އަލުން ވިއްކާ ކަމަށާއި އެއަށް ޓެކްސް ވެސް ނުދައްކާ ކަމަށް ފެއިޓޯ ވިދާޅުވިއެވެ.

ފެއިޓޯގެ ނަން ވިދާޅުނުވެ، ގައުމީ މަޖިލީހުގެ ކޮމިޓީގައި ބޭއްވި ބައްދަލުވުމަށް އިޝާރާތް ކުރައްވައި ރައީސް މިގްއެލް ޑިއާޒް ކެނެލް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

އަމިއްލަ ވަޒީފާ އަދާކުރާ އެންރިކޭ ގިލެން ގަބޫލުކުރާ ގޮތުގައި ވަޒީރު ދެއްކެވި ވާހަކަފުޅު ގޯހެވެ. ބައެއް މީހުންނަށް ހާލަތު ސާފުކޮށް ނުފެންނަ ކަމަށާއި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ގިލެން ބުންޏެވެ.

"އެއީ ޕެންޝަން ނުލިބޭ އުމުރުން ދުވަސްވީ މީހުން. ބިސް ކާޓަންއެއްވެސް އެ މީހުންނަށް ނުގަނެވޭ. އެއީ އަޅުގަނޑުމެންގެ ކިއުބާގެ ހަގީގަތް،" ގިލެން ބުންޏެވެ.

ކިއުބާގައި ރިޓަޔާ ކުރާ މީހެއްގެ ޕެންޝަނަކީ މަހަކު ގާތްގަނޑަކަށް 2000 ކިއުބާ ޕެސޯ ކަމަށްވާއިރު، އެއީ ޑޮލަރު މާރުކުރާ ރޭޓުން 13 ޑޮލަރެވެ.

ކިއުބާގެ ކަމާބެހޭ އިދާރާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރު ކިއުބާގެ ޖުމްލަ އުފެއްދުންތެރިކަން 1.1 ޕަސެންޓް ދަށްވެ، ފާއިތުވި ފަސް އަހަރު ތެރޭގައި ވަނީ 11 ޕަސެންޓް ދަށްވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް