ޣައްޒާގައި ކާނާ ނުލިބޭ ކުޑަކުދިންގެ އަދަދު ދެ ގުނަ އިތުރުވެއްޖެ: އދ

ޣައްޒާގެ ނޫސެއިރަތު ރެފިއުޖީ ކޭމްޕްގައި ޗެރިޓީ ބަދިގެއަކުން ބަހާ ކާނާގެ ހޯދުމަށް ކުޑަކުދިންތަކެއް ކިޔޫގައި. ފޮޓޯ/އޭއެފްޕީ

މާޗް މަހު އިސްރާއީލުން ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ވަރުގަދަ ހުރަސްތަކެއް އެޅުމުން ޣައްޒާގެ ކުޑަކުދިންގެ ތެރޭގައި ކާނާ ނުލިބޭ ކުދިންގެ ނިސްބަތް ދެގުނައަށް އިތުރުވެފައިވާ ކަމަށް އދ. އިން ބުނެފިއެވެ.

ފަލަސްތީނު ރެފިއުޖީންނާބެހޭ އދ.ގެ އިދާރާ ޔޫއެންއާރުޑަބްލިއުއޭގެ ވެރިޔާ ޖެނެރަލް ފިލިޕް ލަޒާރީނީ ވިދާޅުވި ގޮތުގައި 2024 ވަނަ އަހަރުން ފެށިގެން ސްކްރީން ކުރި ކޮންމެ 10 ކުއްޖަކުން އެއް ކުއްޖަކީ ކާނާ ލިބުން ދަތިވެފައިވާ ކުއްޖެކެވެ.

އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާ ސަރަހައްދުގައި ކާނާ ލިބުން ދަތިކޮށްފައި ވަނީ ގަސްދުގައި ކަމަށެވެ.

އަދި ކާބޯތަކެތި ބަހާ މަރުކަޒުތައް ކައިރިއަށް ކާނާ ހޯދަން ދިޔަ އެތައް ބަޔަކު މަރާލުން ވެސް ލަޒާރީނީ ވަނީ ކުއްވެރިކުރައްވާފައެވެ.

"ކާބޯތަކެތި ހޯދުމަށް ކެތްމަދުވެފައި ތިއްބާ ބަނޑުހައިހޫނުކަމުގެ ތެރޭގައި 870 އަށް ވުރެ ގިނަ މީހުން މަރާލި" އޭނާ ފާހަގަކުރެއްވިއެވެ.

ލަޒާރީނީ ވަނީ އިންސާނީ އެހީތެރިކަން ހޯދުމަށް ހުރަހެއް ނެތި އަވަސް ފިޔަވަޅުތަކެއް އަޅަން އިލްތިމާސް ކުރައްވާފައެވެ.

"ޔޫއެންއާރުޑަބްލިއުއޭ އާއި ޕާޓްނަރުން ހިމެނޭ ގޮތަށް އދ ގެ މަސައްކަތްތައް ކުރުމުގެ ހުއްދަ ދޭން ޖެހޭނެ. އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ,"

"ހަނގުރާމަ ހުއްޓާލުމަށް އިތުރު ލަސްކަމެއް އަންނަނަމަ، އިތުރު މީހުން މަރުވާނެ"

ޖޫން މަހު ޣައްޒާގެ 5،800 އަށް ވުރެ ގިނަ ކުދިން ކާނާ ނުލިބުމުގެ ސަބަބުން ބަލިވެފައިވާ ކަމަށް އދ.ގެ ކުޑަކުދިންނާ ބެހޭ އިދާރާ، ޔުނިސެފުން ވެސް ވަނީ ބުނެފައެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި މިދިޔަ މަހު މަދުވެގެން 5،870 ކުދިން އަވަސް ފަރުވާއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު، އޭގެ ތެރެއިން 1،000 އަށް ވުރެ ކުދިންނަކީ ކާނާ ނުލިބުމުގެ ސަބަބުން ސީރިއަސް ހާލަތަކަށް ގޮސްފައިވާ ކުދިންނެވެ.

ޔޫއެންއާރްޑަބްލިޔުއޭ އިން އެގޮތަށް ބުނެފައިވާއިރު، ޣައްޒާގައި އިންސާނީ ހާލަތު ރަނގަޅު ނުވެއްޖެނަމަ، އިސްރާއީލާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ވަޒީރުން ބްރަސެލްސްގައި ބައްދަލުކުރައްވާފައެވެ.

ނަމަވެސް ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް އިތުރުކޮށްފައިވާއިރުވެސް، އިސްރާއީލުން ކުރިމަތިލާނެ ގޮތަކާ މެދު އީޔޫގެ ގައުމުތަކުގެ މެދުގައި ވަނީ ދެބަސްވެފައެވެ. އަންގާރަ ދުވަހުގެ ބައްދަލުވުމުގައި އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމާ މެދު އެއްބަސްވުމަކަށް އައިސްފައެއް ނުވެއެވެ.

comment ކޮމެންޓް