ސިއްހަތަށްޓަކައި ފުރާނަ އަތްމައްޗަށް: މި ނޫންގޮތެއް ނެތް؟

ބަޔަކު ކަސްރަތަށް މާލޭގައި ދުވަނީ: ދުވާ މީހުންގެ ސަބަބުން އެކްސިޑެންޓް ވާ ކަމަށް ބުނެ ފާޑު ކިޔަނީ -- ސަަން ފޮޓޯ/ ފަޔާޒު މޫސާ

ރޭގައި ކޮފީއަކަށް ދައުވަތު ދިން އެކުވެރިއަކަށް ދިގު އިންތިޒާރެއް ކުރަން ޖެހުނެވެ. ބުނި ގަޑިއަށް ވުރެ ތިރީހަކަށް މިނެޓް ފަހުން އޭނާ އައިއިރު ހުރީ ވަރަށް ހާސްވެފައެވެ. އިށީނދެ ފެންފޮދެއް ބޯލުމަށް ފަހު ވީގޮތް ކިޔައިދޭން ފެށިއެވެ. އޭނާ ބުނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ މޭރީބްރައުން ކައިރި ހިނގި, ކުއްޖަކު މަރުވި ފަދަ އެކްސިޑެންޓެއް އޭނާ އަންހެނުން ގޮވައިގެން އަންނަނިކޮށް ދެންމެ ނުހިނގީ ހަމަ ކިރިޔާ ކަމަށެވެ.

"ގޯޅިއަޅަނިކޮށް ކުއްލިއަކަށް ކުރިމައްޗަށް އެރީ ދުވަމުން އައި ދެ މީހުން. އެ މީހުން ތިބީ އެއްކޮށް ކަޅު އެއްޗެހި ލައިގެން. އަރާ ހަމަވީމާ މި ފެނުނީ. ކިރިޔާ ހަމަ ނުޖެހި ސަލާމަތްވީ," އޭނާ އެ ވާހަކަ ކިޔައިދިންއިރު ބިރުވެރިކަން ނުފިލާކަން އަޑުން އެނގެއެވެ.

އެ އެކުވެރިޔާއަށް ގޯސްވީ މަގުތަކުގައި ދުވާ މީހުންނެވެ. އެއީ އޭނާގެ އެކަނި ހިޔާލެއް ނޫނެވެ. މި ފަހުން މި ހިނގި އެކްސިޑެންޓާ އެކު މަގުތަކުގައި ދުވެ, ކަސްރަތުކުރުމުގެ ފުރުސަތު ނުދޭން ބައެއް މީހުން އަންނަނީ ގޮވާލަމުންނެވެ. އެހެން ގޮވާލާ މީހުން ގަބޫލުކުރާ ގޮތުގައި ދުވާ މީހުންގެ ސަބަބުން އެކްސިޑެންޓްތައް އިތުރުވަނީއެވެ.

ކަސްރަތަށް ނުކުމެ އުޅުނު ބައެއް މީހުންގެ ގައިގައި ވެހިކަލުން ޖެހި މި ފަހުން ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގާފައި އެބަހުއްޓެވެ. އެގޮތުން، 2019 ވަނަ އަހަރުގެ ރޯދަ މަހު އެމްޓީސީސީގެ ބަސް ޑްރައިވަރަކަށް ނިދި ޖެހި، ޕޭމަންޓް މަތިން ހިނގާފައި ދިޔަ ޔޫކްރޭންގެ ފަތުރުވެރިއެއްގެ ގަޔަށް ބަސް އަރައި އެ މީހާ ވަނީ މަރުވެފައެވެ. ދެހާސް ބާވީސްވަނަ އަހަރުގެ ޖުލައި މަހު ވެސް ވަނީ މޭރީބުރައުން ކައިރިން ބާރު ސްޕީޑުގައި, ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި އެމްޓީސީސީ ބަހެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާން އަންހެން ކުއްޖަކު މަރުވެފައެވެ. ވަރަށް ބާރަށް ދުއްވާފައި ދިޔަ އެ ކާރު އެކްސިޑެންޓުވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ވެސް ދުވަމުން ދިޔަ ބައެއް ކައިރިން ނައްޓަން އުޅުން ހިމެނެއެވެ. އެ ކާރުގައި ދެން ތިބި ހަތަރު މީހަކަށް ވެސް ސީރިއަސް ޒަޚަމުތަކެއް ލިބުނެވެ. ދެން މިދިޔަ އާދިއްތަ ދުވަހު, އުމުރުން 17 އަހަރުގެ, ޔޫސުފް އަލްސަން މުޙައްމަދު މަރުވި އެކްސިޑެންޓް ވެސް ހިނގީ ދުވަން އުޅުނު މީހެއް, ކަފިހިހުރަހުން މަގު ހުރަސްކުރަން އުޅުމުގެ ތެރޭގައި ސައިކަލުން ޖެހި ހިނގި އެކްސިޑެންޓެއްގައެވެ. ސައިކަލް ދުއްވަންއިން އަލްސަން މަރުވެ, ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއާއި ދުވަން އުޅުނު 40 އަހަރުގެ ފިރިހެން މީހާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓާ ތަލްހަތު އަޙްމަދު, ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ މޭރީބްރައުން ކައިރިން މިހާތަނަށް ހިނގި ނުރައްކާތެރި ދެ އެކްސިޑެންޓް ވެސް ހިނގަން މެދުވެރިވާން ދިމާވެފައިވަނީ އެ ސަރަހައްދުގައި ދުވުމުގައި ހަރަކާތެއް ހިމެނިގެން ކަމަށެވެ.

ތަލްހަތު ވިދާޅުވީ، ޓްރެފިކް ގަވައިދު ބުނާގޮތުން ނަމަ، ކަފިހިހުރަހުން ހުރަސްކުރަން ވާނީ ވެސް މަގުގެ ދެކޮޅު ބަލައިފައެވެ. އަދި، ދުއްވާ މީހުން ވެސް ހިނގާ މީހުންނަށް ޖާގަ ދޭން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

https://www.sun.mv/208555

އޭނާ ވިދާޅުވި ގޮތުގައި ރޭގަނޑުގެ ގަޑިތަކުގައި މަގުތަކަށް ދުވަން ނުކުމެ އުޅޭ މީހުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހެއެވެ. އެގޮތުން، އެ މީހާ ފާހަގަވާނޭ ފަދަގޮތަކަށް ކޮންމެ ވެސް ކަހަލަ ނިޝާނެއް ބޭނުން ކުރުމަކީ ވަރަށް ވެސް މުހިންމުކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މަގުތަކުގައި ބާރު ސްޕީޑުގައި ވެހިކަލް ދުއްވާގަޑިތަކުގައި މަގުމަތީގައި ދުވަން، ނުވަތަ ޖޮގިންއަށް ނުކުންނަން ވާނީ ވަރަށް ސަމާލުވެގެން ކަމަށް ތަލްހަތު ވިދާޅުވިއެވެ.

މައްސަލައަކީ ދުވާ މީހުންތަ؟

ރާއްޖޭގައި ކަސްރަތަށްޓަކައި ގަވާއިދުން އެންމެ ފުރަތަމަ ދުވަން ފެއްޓެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ, މަގުމަތީގައި ދުވުމަކީ އެއްވެސް ހާލަތެއްގައި މަނާކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ހެއްކާ އެކު އޭނާ ދެން ވިދާޅުވެދެއްވީ އެ ސަބަބެވެ.

"މަގުމަތީގައި ދުވުމާއި ކަސްރަތުކުރުމުންވާ ގެއްލުމަށް ވުރެ ފައިދާ މާ ބޮޑު. އާސަންދައަށްވާ ލުއި މާ ބޮޑު. މިއީ ނަފުސާނީ ސިއްހަތަށާއި ޖިސްމާނީ ސިއްހަތަށް ވެސް ވަރަށް މުހިންމު ކަމެއް. މާލޭގައި ފަސް މިނެޓުން ނުދެވޭ ތަނެއް ނެތް. އެހެންވީމާ މާ ބާރަށް ދުއްވާކަށް ނުޖެހޭ," ރާއްޖޭގެ އެންމެ ފުރަތަމަ އުފެއްދި ދުވާ މީހުންގެ ކުލަބު, "ރަނާސް މޯލްޑިވްސް"ގެ އެއް ފައުންޑާ ކަމަށްވާ ޝަމީމް ވިދާޅުވިއެވެ.

އެކްސިޑެންޓްގެ ސަބަބުން މަގުމަތީ ދުވުން މަނާކުރަން ބައެއް މީހުން ގޮވާލަމުންދާ ދިއުމަކީ, ދުވާ މީހުން ތަމުރީން ކުރާ އައި-ރަނާސްގެ ފައުންޑާއަދި ހެޑް ކޯޗު، ހުސެއިން ޝުޖާއުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ޝުޖާ ވިދާޅުވާ ގޮތުގައި އެންމެންނަކީ އަގު ބޮޑު ބޫޓް ގަނެގެން ޓްރެއިނަރުންނަށް ފައިސާ ދީގެން ކަސްރަތު ކުރެވޭނެ މީހުންނެއް ނޫނެވެ. އަދި، ޖިމަށް ދެވޭނެ ތަނަވަސްކަން ވެސް އެންމެންގެ ނުހުންނާނެއެވެ. އެހެންކަމުން އެ މީހަކަށް އެންމެ ފަސޭހަ ގޮތަކަށް ކަސްރަތުކުރަން އޮންނަ ހުރިހާ ފުރުސަތެއް ފަހިކޮށްދޭން ޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އަސްލު މައްސަލައަކީ ދުވާ މީހުންނެއް ނޫން. ބާރަށް ދުއްވާ މީހުން މައްސަލައަކީ," ޝުޖާ ވިދާޅުވިއެވެ.

މާލޭ އެކުވެނީ ދުވާ ޓްރެކް: -- ސަންފޮޓޯ/ ފަޔާޒު މޫސާ
މިހާރު އުމުރުން 50ގެ އަހަރުތައް ގުނަމުން އަންނަ, އަލީ ޚާލިދަކީ އެންމެ ޒުވާންއިރުއްސުރެ ދުވުމުގެ ތެރޭގައި ހަރަކާތްތެރިވަމުން އަންނަ މީހަކަށްވާއިރު މާލޭގެ މަގުތަކުގައި މިހާރު ދުވުމާމެދު އަލީގެ ވެސް ގިނަ ކަންބޮޑުވުންތަކަކާއި ހިޔާލުތަކެއް އެބަހުއްޓެވެ. ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ވިދާޅުވާ ގޮތުގައި ދުވާ މީހުން ވެސް ކަފިހިހުރަސް ބޭނުންކުރަން ވާނީ ދެކޮޅު ބަލައި, މަގު އަމާންކަން ޔަގީން ކުރުމަށް ފަހުގައެވެ. މާލޭގެ ގިނަ މަގުތަކުގެ ޕޭމަންޓްތަކުގެ ގާތަށް ހުރިގޮތުންނާއި އެކި ހިސާބުތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ދުވާ މީހުންނަށް ޕޭމަންޓުން ޖާގަ ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް އަލީ ވިދާޅުވިއެވެ.

"ކަސްރަތުކުރަން ބޭނުންވާ މީހުންނަށް ޖާގަ ދޭން ޖެހޭ. ޕޭމަންޓް މި އޮތީ ދުވެވޭ ގޮތަކަށް ނޫން," އަލީ ވިދާޅުވިއެވެ.

އަލީގެ އެ ޖަވާބާ އެކު މުހިންމު ސުވާލެއް ކުރިމަތިކުރީމެވެ. އެއީ، ކަސްރަތު ކުރުމަށް ޚާއްސަ ޓްރެކެއް މާލެއާއި ހުޅުމާލޭގައި ހަދާފައި އޮށްވައި މަގުތަކަށް ނުކުންނަނީ ކީއްވެގެންތޯއެވެ؟ އެ ސުވާލަށް އަލީ ވަރަށް ތަފުސީލީ ޖަވާބެއް ދެއްވެވިއެވެ. މާލޭގެ އާބާދީ ތިން ލައްކައާ ގާތްކުރާއިރު މިއޮތް ދެ ޓްރެކާ އެކު ޖާގައިގެ ދަތިކަން މާ ބޮޑީއެވެ.

"ކަސްރަތު ކުރަން އެންމެ އައިޑިއަލް ގަޑިއަކީ ހަވީރު ނޫނީ ރޭގަނޑު. ނަމަވެސް ކޮންމެ ދުވަހަކު ހަވީރު ޓްރެކް އޮންނަނީ ބަންދުކޮށްފައި. އެކެޑަމީތަކަށް ނުވަތަ ކްރިކެޓަށް. ޓްރެކަށް ވަންނަން އާއްމުންނަށް ފުރުސަތު ލިބޭނީ އެހެންވީމާ އިރުއޮއްސޭއިރު. އެ ގަޑީގައި އެތައް ބަޔަކު ވަންނާތީ މުޅި ތަން އޮންނާނީ ފުރި ބާރުވެފައި," ދުވާ މީހުންނަށް ހިތްވަރު ދިނުމަށް "ރަން ރާއްޖެ" ވެސް ހިންގަވަމުން އަންނަ އަލީ ކިޔައިދެއްވިއެވެ.

ދެން އޮތީ އެއަށް ވުރެ ފަސްކޮށްފައި ކަސްރަތަށް ދިއުމެވެ. އަލީ ވިދާޅުވިގޮތުގައި ރޭގަނޑު 8:00 ގެ ފަހުން ގިނަ މީހުން ކަސްރަތުކުރަން ނުދަނީ އޭގެ ފަހުން ކަސްރަތު ކޮށްފިނަމަ ނިދަން އުނދަގޫ ވާތީއެވެ. ކަސްރަތުގެ ސަބަބުން މީހާގެ ހަށިގަނޑުގެ ހަކަތަ އިތުރުވެފައި ހުރުމުގެ ސަބަބުން ލަހުން ކަސްރަތު ކޮށްފިނަމަ ނިދަން އުނދަގޫވެއެވެ.

ހައްލަކީ ކޮބާ؟

ހަމަގައިމު ވެސް ކަސްރަތުކުރަން އެއްވެސް ހުރަހެއް އަޅައިގެން ނުވާނެއެވެ. އެއީ، ކަސްރަތު ނުކުރެވޭނަމަ އެއީ މީހުންގެ ސިއްހީ މައްސަލަތައް އިތުރުވާނެ ކަމެކެވެ. އޭގެ ސަބަބުން ގައުމުގެ އުފެއްދުންތެރިކަމަށް ބުރޫއަރާނެއެވެ. އެހެންކަމުން ދުޅަހެޔޮ ސިއްހަތަކަށްޓަކައި ކުރާ ކަސްރަތަށް އިތުރު ފުރުސަތުތައް ވެސް ދޭންޖެހެއެވެ.

އަލީ ހާލިދު ވިދާޅުވާ ގޮތުގައި ރަނގަޅަށް ވިސްނައިގެން ބަދަލުތަކެއް ގެނެވިއްޖެނަމަ ތޮއްޖެހިފައިވާ މި މާލޭގައި އަދިވެސް މި މައްސަލަ ހައްލުކުރެވެން އެބައޮތެވެ. އެގޮތުން، އުސްފަސްގަނޑާއި ރަސްފަންނު ސަރަހައްދާއި ލޮނުޒިޔާރަތް ޕާކުގެ އިތުރުން ބުރިޖު ހައިވޭގެ އެއް ފަޅިން ހުޅުމާލެއާ ހަމައަށް ދެވޭ ގޮތަށް ޑިޒައިނަށް ބަދަލުތައް ގެނެސްގެން ކަސްރަތުކުރަން ވަރަށް އެކަށީގެންވާ ތަންތަން ހެދިދާނެ ކަމަށް އަލީ ވިދާޅުވިއެވެ.

"ހުރިހާ ސަރުކާރަކުން ވެސް މުޅިން ވިސްނަނީ ޕާކިން ޒޯން ހަދަން. އޭގެ ސަބަބުން މާލެ ތޮއްޖެހެނީ. [ހެލްތު ޕްރޮޓެކްޝަން އެޖެންސީ] އެޗްޕީއޭއާއި ހެލްތު މިނިސްޓްރީން ވެސް މިކަންކަން ބަލައި ފެސިލިޓޭޓްކޮށްދޭން ޖެހޭ،" އަލީ ވިދާޅުވިއެވެ.

ތަރައްގީ ގައުމެއްގައި ދުވަން ޚާއްސަ ގާޖައަކާއެކު ހަދާފައިވާ މަގެއް ---
އެއީ ތެދެކެވެ. ތަހުޒީބީ ގައުމުތަކުގެ ސިޓީތައް ތަރައްގީކުރާއިރު މިފަދަ މުހިންމު ކަންކަމަށް އިސްކަންދެއެވެ. އެ ގައުމުތަކުގައި ބާރު ސުޕީޑުގައި ދުއްވާ މީހުންގެ ހައްގުތަކަށް ވަކާލާތުކުރުމަށް ވުރެ އިސްކަންދެނީ ރަނގަޅަށް އުޅޭ މީހުންގެ ހައްގުތަކަށެވެ. މަގުތަކުގެ ޑިޒައިންތަކަށް ވެސް ބަދަލު ގެންނަނީ އެގޮތަށެވެ.

ޝަމީމް ވިދާޅުވިގޮތުގައި ދުނިޔޭގެ ތަހުޒީބީ ގައުމުތައް ކަމަށްވާ, ގަތަރާއި ފްރާންސްގެ އިތުރުން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީ ފަދަ ތަންތަނުގައި ސިޓީތަކުގެ ބޭރު މަގުތައް މިހާރު ޑިޒައިންކުރަނީ ދުވާ މީހުންނާއި ކަސްރަތު ކުރާ މީހުންނަށް ބޮޑު ޖާގައެއް މޫދާއި ކޯރުތަކާ ވީ ފަޅިން ލިބޭ ގޮތަށެވެ. އެހެންކަމުން މާލެއާއި ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް މިފަދަ ބަދަލުތައް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ ދާއިމީ ހައްލެވެ. ނަމަވެސް، މި ރާއްޖޭގައި ކަންކަން ވާގޮތުން އެފަދަ ހައްލެއް ގެނެވުމަކީ އަވަސް މުސްތަގުބަލެއްގައިވުމަށް ވުރެ, ނުވުން ގާތް ކަމެކެވެ. އެހެންކަމުން ދުވެ, ކަސްރަތު ކުރާ މީހުން މިހާރުން މިހާރަށް ވެސް ބަދަލުތަކެއް ބޭނުންވެއެވެ.

މަގުތަކުގައި ދުވަން ފުރުސަތު އޮންނަންވާނެ ކަމަށް ވާކާލާތުކުރަން ޝުޖާއު ވަނީ ދުވުންތެރިންނާއި ކަސްރަތުކުރާ މީހުން ސަމާލުވާން ޖެހޭ ކަންކަން ކިޔައިދީފައެވެ. އެގޮތުން، މަގުތަކަށް ކަސްރަތަށް ނުކުންނަނަމަ ދުރުން ފާހަގަވާނެ ކަހަލަ "ބްރައިޓް, ކަލަފުލް" ހެދުމެއްލުމާއި, އަނދިރި މަގުތަކުން ދުވާނަމަ ކޮންމެ ވެސް ލައިޓެއް ބޭނުންކުރުމަކީ ވެސް ރައްކާތެރި ކަމަށް ކުރެވިދާނެ ކަންކަން ކަމަށް ޝުޖާ ފާހަގަކުރިއެވެ.

ހަމައެހެންމެ ދުވާއިރު ސީދާ މަގުން ނުދުވެ ޕޭމަންޓް މަތިން ދުވަން ޝުޖާ ލަފާދެއެވެ. ދެން ދޭ ލަފަޔަކީ ދުވާއިރު އަބަދު ވެސް ޓްރެފިކާ ދެކޮޅަށް ދުވުމެވެ. އެއީ، ވެހިކަލް އަންނަތަން ފެންނާނެތީއެވެ. އަދި، މާ ބާރުބޮޑު ގަޑިތަކުގައި މަގުތަކަށް ނުނިކުންނަން ޝުޖާ ލަފާ ދެއެވެ. ޝުޖާ ބުނާ ގޮތުގައި މާލޭގެ މަގުތަކަށް ވުރެ ހުޅުމާލޭގެ މަގުތައް ދުވާ މީހުންނާއި ކަސްރަތު ކުރާ މީހުންނަށް 100 ޕަސެންޓް ރައްކާތެރިއެވެ. އެއީ ފުޅާ ޕޭމަންޓްތަކެއް އޮންނާތިއްޔާއި ޖާގައިގެ ތަނަވަސްކަމުންނެވެ.

ގިނަ މީހުން ކަސްރަތު ކުރާއިރު ލަވައެއް އަޑުއެހުން ނުވަތަ ކޮންމެ ވެސް އިލްމީ އެއްޗެއް އަޑުއެހުމަކީ އާއްމު ކަމެކެވެ. ނަމަވެސް، މަގުތަކުގައި ކަސްރަތުކުރާއިރު ޝުޖާގެ އަނެއް ލަފަޔަކީ ހެޑްސެޓް ބޭނުންނުކުރުމެވެ. ކުރާނަމަ އެއް ކަންފަތަށް އެކަނި ހެޑްސެޓް ޖެހުމެވެ. އަދި، ނޮއިސް ކެންސަލިން ފީޗާ ބޭނުން ނުކުރުމެވެ. އެއީ މަގަށް ސަމާލުކަން ދިނުމަށްޓަކައެވެ.

އެންމެ ފުރަތަމަ ހައްލުކުރަން ވާނީ އެންމެ ބޮޑު މައްސަލައެވެ. އެހެންކަމަށްވާނަމަ މަތަކުރަންވީ ގޮތެއްފޮތެއް ނެތިގެން ދުއްވާ މީހުންނެވެ. އެންމެ ބޮޑު ގޯހެއް ހަދާ މީހުންނަކީ އެއީއެވެ. ހަރުކަށި އަދަބު ވެސް ދޭންވީއެވެ. ޖޫރިމަނާއާއި އުޅަނދު ޓޯކެއްގެން ނުހުއްޓޭނަމަ ޖަލަށް ވެސް ލާންވީއެވެ. އެއީ، އެފަދަ މީހުންގެ ސަބަބުން ކުށެއް ނެތް އެތައް ބައެއްގެ ފުރާނަ ގެއްލި އެތައް ބަޔަކު ނުކުޅެދުންތެރިކަން ހުންނަ ހާލަތަށް ވައްޓާލާތީއެވެ. ކަސްރަތުކުރުމަށް ފަހި ފުރުސަތެއް އޮންނަން ވާނެއެވެ. ރޭވުންތެރިކަމާ އެކު މަގުތަކަށް ބަދަލުތަކެއް ގެނެސްފިނަމަ މިހާރު ވެސް އެ މައްސަލަ ހައްލުވާން އެބައޮތެވެ.

comment ކޮމެންޓް