ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކޮންމެހެން ބޭނުންވާ އެސިސްޓިވް ޑިވައިސް ފޯރުކޮށްދިނުމުގައި ރާއްޖެއިން އިސްކަންދޭނެ ނޭޝަނަލް ޕްރައޯރިޓީ އެސިސްޓިވް ޕްރޮޑަކްޓު ލިސްޓެއް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ތައްޔާރު ކުރަން ފަށައިފިއެވެ.
މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެހީތެރިކަމުގެ ދަށުން، އެ ޖަމިއްޔާއިން މިކަމަށް ކަނޑައަޅުއްވާފައިވާ ޓެކްނިކަލް ކޮންސަލްޓަންޓުގެ ފަންނީ ލަފާގެ އަލީގައި ފެށުނު މަސައްކަތެކެވެ.
މި ލިސްޓުގައި ހިމެނޭނީ ރާއްޖޭގެ ހާލަތަށް ބިނާކޮށް، އެންމެ އިސްކަންދޭންޖެހޭނެ ކަންކަމާއި، އެ ކަންކަމަށް އެހީތެރިވުމަށް ބޭނުންވާ އާލާތްތަކެވެ. މިފަދަ "އެސިސްޓިވް ޕްރޮޑަކްޓްސް"ތަކަކީ ޖިސްމާނީ، ހިއްސުތަކާގުޅޭ އަދި ވިސްނުމާއި، ހަނދާންކުރުމުގައި ހުންނަ ތަފާތު އުނިކަންތައް ތަހައްމަލްކުރާ ފަރާތްތަކަށް އެހީތެރިވުމަށް ފަރުމާކޮށްފައި ހުންނަ ތަކެއްޗެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހަކު މަގުމަތީ: ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި 4،000 އަށްވުރެ ގިނަ މީހުން އެބަތިބި -- ފޮޓޯ/ ބީއެމްއެލް
މި ލިސްޓު އެކުލަވައިލުމުގެ މަގުސަދަކީ އެ ފަދަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފެންވަރު ރަނގަޅު އެސިސްޓިވް ޕްރޮޑަކްޓްގެ އެކިއެކި އާލާތްތައް ހެޔޮއަގުގައި ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދިނުމެވެ. އަދި އެކަމަށްޓަކައި ދައުލަތުގެ ފަރާތުން ލިބެންހުރި ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތަށް ބޭނުން ކުރުމަށް މަގުފަހިކުރުމެވެ.
މި މަސައްކަތުގެ ތެރެއިން އެއްކުރެވުނު މަޢުލޫމާތާ ގުޅޭ ވެލިޑޭޝަން ވޯކްޝޮޕެއް، ކަމާގުޅުންހުރި ފަރާތްތަކަށް އަމާޒުކޮށް މިއަދުވަނީ މީރުމާ މާލަމުގައި ބާއްވައިފައެވެ. މި ވޯކްޝޮޕް ބޭއްވީ ހެލްތު މިނިސްޓްރީއާއި އެންސްޕާގެ އިތުރުން ޑަބްލިއުއެޗްއޯ ގުޅިގެންނެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް -- ފޮޓޯ/ މިނިސްޓްރީ
ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މި މަސައްކަތް ރަނގަޅު މަގުން ކުރިއަށް ގެންދެވޭކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
މި ލިސްޓު އެކުލަވައިލުމަށް ޓަކައި އަތޮޅުތެރެއާ މާލެ ސަރަހައްދުގައި ވެސް ވަނީ ސާވޭތަކެއް ހަދައިފައެވެ. ލިސްޓު އެކުލަވައިލަނީ އެ މައުލޫމާތާއި ސިއްހަތު ޖަމިއްޔާގެ ފަންނީ ލަފާގެ މަތިންނެވެ.

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު -- ފޮޓޯ/ ހެލްތު މިނިސްޓްރީ
ނޭޝަނަލް ޕްރައޯރިޓީ އެސިސްޓިވް ޕްރޮޑަކްޓު ލިސްޓު ތައްޔާރު ކުރުމުގެ މަސައްކަތް އެންސްޕާއާ ހަވާލުކޮށްގެން ކުރިއަށްގެންދާއިރު، އެ ތަނުގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވި ގޮތުގައި މިއަދުގެ ވޯކްޝޮޕަކީ އެންސްޕާގެ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.
މިދިޔަ މެއިމަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 14،308 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރޭގައި، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ 4،091 މީހުންނާއި، މަލްޓިޕަލް ޑިސެބިލިޓީ ހުރި 3،194 މީހުންގެ އިތުރުން، ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 1،892 މީހަކު ހިމެނެއެވެ.