ދައުލަތުގެ ބަޖެޓުން ދިވެހި ފުލުހުންގެ ޚިދުމަތަށް ކުރި ޚަރަދު ހަ ޕަސެންޓުން އިތުރުވެފައިވާއިރު، އެމްއެންޑީއެފަށްކުރި ޚަރަދު 27 ޕަސެންޓުން ދަށްކޮށްފިއެވެ.
މި އަހަރަށް ފާސްކުރި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުން ފުލުހުންގެ ޚިދުމަތަށް ޖުމްލަ 2.7 ބިލިއަން ރުފިޔާ ކަނޑައެޅިއިރު، އެމްއެންޑީއެފަށް ދީފައިވަނީ 2.1 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ފުލުހުންގެ ޚިދުމަތަށް ދައުލަތުން ޚަރަދުކުރީ 1.1 ބިލިއަން ރުފިޔާއެވެ. އެއަށްވުރެ 200 މިލިއަން އިތުރަށް، މި އަހަރުގެ ޚަރަދު 1.2 ބިލިއަން ރުފިޔާއަށް އަރައެވެ. މިއީ ހަ ޕަސެންޓުގެ އިތުރުވުމެކެވެ.
އެއާ ޚިލާފަށް، މިދިޔަ އަހަރުގެ މި މުއްދަތުގައި އެމްއެންޑީއެފަށް 1.4 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު، މިދިޔަ އަހަރާ އަޅައިބަލާއިރު، މިއީ 27 ޕަސެންޓުގެ ދަށްވުމެކެވެ.

19 އެޕްރީލްް 2025: ދިވެހި ސިފައިންގެ 133ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޕެރޭޑު -- ސަން ފޮޓޯ/ މޫސާ ނަދީމް
ސިފައިންނާއި ފުލުހުންގެ ޚިދުމަތަކީ ދައުލަތުން އެންމެ ބޮޑު ޚަރަދެއްކުރާ ދެ ޚިދުމަތެވެ.
ފުލުހުންގެ ޚިދުމަތުގެ ޕީއެސްއައިޕީއަށް 46.1 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ. އެ މަޝްރޫއުތަކަށް މިދިޔަ އަހަރު 8.9 މިލިއަން ޚަރަދުކުރިއިރު، މި އަހަރު ޚަރަދުކުރީ 10.1 މިލިއަނެވެ. އެއީ މިދިޔަ އަހަރަށްވުރެ 12 ޕަސެންޓު އިތުރު އަދަދެކެވެ.
އެމްއެންޑީއެފްގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުކޮށްފައިވަނީ 14.1 މިލިއަން ރުފިޔާއެވެ. އެއީ ފުލުހުންގެ ޚިދުމަތާ އަޅައިބަލާއިރު، 32 މިލިއަން ދަށް އަދަދެކެވެ. ރިޕޯޓުން އެނގޭ ގޮތުގައި ސިފައިންގެ ޕީއެސްއައިޕީއަށް، މި އަހަރު ވެސް އަދި މިދިޔަ އަހަރު ވެސް ޚަރަދުކޮށްފައެއް ނުވެއެވެ.
ސްޓާފް މެޑިކަލް އެކްސްޕެންސްގެ ގޮތުގައި ސިފައިންނާއި ފުލުހުންނަށް ޚަރަދު ކުރާ މިންވަރު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރު ހެދި 2023ގެ ބަޖެޓު ރިވިއުގައި އޮޑިޓާ ޖެނެރަލް ވެސް އޮތީ އެ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
ސްޓާފް މެޑިކަލް އެކްސްޕެންސްގެ ގޮތުގައި 2023ވަނަ އަހަރު ބަޖެޓުކޮށްފައި އޮތީ 170 މިލިއަން ރުފިޔާއެވެ. ބަޖެޓު ޕޮޒިޝަން ރިވިއުގައިވާ ގޮތުން 2023ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ނިޔަލަށް އެ ބަޖެޓުވަނީ އެއްކޮށް ޚަރަދުކޮށްފައެވެ.
އާސަންދައިން ވެސް ހިލޭ ބޭސްފަރުވާކުރެވޭއިރު، ފުލުހުންނާއި ސިފައިންނަށް ހިލޭ ބޭސް ފަރުވާ ކުރެވޭ އިތުރު ސްކީމެއް އޮތުމުން ބަޖެޓަށް ބުރައަކަށްވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.
އެއާއެކު ސިފައިންނާއި ފުލުހުނަށާއި އެ މީހުންގެ އާއިލާތަކަށް ބޭސް ފަރުވާގެ ހިދުމަތް ދިނުމަށް މިހާރު ފޯރުކޮށްދެމުން އަންނަ ވަކި ލިމިޓެއް ނެތް ސްކީމް އުވާލުމަށްފަހު ޕްރައިވެޓް އިންޝްއަރެންސެއް ފޯރުކޮށްދޭން ސަރުކާރުން ނިންމިއެވެ.