ޕީއެންސީ މީހުންނަށް ވަޒީފާ ހަމަޖައްސައިދޭނަން، މި އުޅެނީ ޕާޓީގެ ވެރިކަމެއް ކުރަން: ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު: ވެރިކަން ކުރާ ސިޔާސީ ޕާޓީ ޕީއެންސީއަށް ނިސްބަތްވާ މެމްބަރަކަށް ވަޒީފާ ނުލިބިއްޖެ ނަމަ، އެ މެމްބަރަކަށް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ މަޖިލިސް

ވެރިކަން ކުރާ ސިޔާސީ ޕާޓީ ޕީއެންސީއަށް ނިސްބަތްވާ މެމްބަރަކަށް ވަޒީފާ ނުލިބިއްޖެ ނަމަ، އެ މެމްބަރަކަށް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، މިރެއަކީ ވަރަށް އުފާވެރި ރެއެއް ކަމަށާއި އެ ޕާޓީގެ މެމްބަރުންގެ އަދަދު ވަރަށް ގިނަވަމުން ދާކަމަށެވެ. ކުރިއަށްއޮތް ދުވަސްތަކުގައި މުޅި ރާއްޖެ އެއްކޮށް ކަވަރުކޮށް ޕާޓީގެ އާންމު މެމްބަރުން ޕާޓިގެ ރައީސާ ހިއްސާކުރަން ޖެހޭ މައުލޫމާތުތައް ހިއްސާކޮށް އަތޮޅުތެރެއަށް ރަސްމީ ދަތުރުތައް ވަރަށް އވަހަށް ފަށާނެ ކަމަށެވެ.

"ޕާޓިގެ ލޮބުވެތި މެމްބަރުން އަޅުގަނޑުމެން މި އުޅެނީ ޕީއެންސީގެ ވެރިކަމެއް ކުރަން،"

ޕާޓިގެ ލީޑަރުން އަތޮޅުތެރެއަށް ދަނީ ޕާޓީގެ މެމްބަރުންގެ މައުލޫމާތު އެއްކޮށް މެމްބަރުން ހިތްހަމަޖައްސައިދޭން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީ މީހަކަށް ވަޒީފާ ނުލިބިއްޖެއްޔާ އޮންނަ އުސޫލުގެ ތެރެއިން އެމީހަކަށް ވަޒީފާ ލިބޭނެ، އެއީ ޕާޓި ވެރިކަން ކުރަން މި އުޅެނީ،" އޭނާ ވިދާޅުވިއެވެ.

ޝުޖާއު: ވެރިކަން ކުރާ ސިޔާސީ ޕާޓީ ޕީއެންސީއަށް ނިސްބަތްވާ މެމްބަރަކަށް ވަޒީފާ ނުލިބިއްޖެ ނަމަ، އެ މެމްބަރަކަށް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ އިބްރާހީމް ޝުޖާއު، އެކްސް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕާޓީ ވެރިކަން ކުރަން ކެރިވަޑައިގަންނަވާނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ކުރިން ޕީޕީއެމްއާ އިދިކޮޅަށް ދާންޖެހުނީ ޕާޓީ ވެރިކަން ނުކުރެވުމުން ކަމަށެވެ. އޭރު ވެރިކަން ގެއްލުމުން ރަށްރަށަށް ގޮސް ވެރިކަން ގެއްލުނީ ކީއްވެތޯ އާންމުންނާ ސުވާލުކުރުމުން، ވެރިކަން ގެއްލުނީ "މެޑަމް"ގެ ސަބަބުން ކަމަށް އެމީހުން ބުނާކަމަށް ޝުޖާއު ވިދާޅުވިއެވެ.

ނަމަވެސް، ޕީއެންސީ ހިންގަން "މެޑަމް"އެއް ނޫޅޭނެ ކަމަށާއި ޕާޓީ ހިންގާނީ ޕާޓީގެ ރައީސާއި ލީޑާޝީޕުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޕާޓީގެ މެމްބަރުންނަށް ވަޒީފާ ދޭނެކަމަށް ޝުޖާއު ވިދާޅިވިއިރު، މި ވެރިކަމުގައި ސިޔާސީ މަގާމުތައް އިންތިހާއަށް ގިނަކަމަށް ބުނެ އިދިކޮޅުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

https://sun.mv/208651

ރޭ ރައީސް އޮފީހުން ހާމަކުރި މައުލޫމާތުގައި ވާގޮތުން، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި 922 ބޭފުޅުން އެބަ ތިއްބެވިއެވެ.

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700އަށްވުރެ ގިނަ ނުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް، ރައީސް އޮފީހުން ހާމަކުރި މައުލޫމާތުގައި ވާގޮތުން މި ވައުދުފުޅަށްވުރެ އިތުރަށް، 222 ބޭފުޅުން ސިޔާސީ މަގަމުތަކުގައި އެބަ ތިއްބެވެ.

comment ކޮމެންޓް