ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މިހާރު ސަރުކާރު ހިންގާ ޕީއެންސީގެ ލީޑަޝިޕުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނޭއިރު، އެ ވެރިކަމުގައި ގެނެސްދިން ތަރައްގީގެ ކްރެޑިޓުގައި އެ ބޭފުޅުންގެ ނަންތައް ވެސް ހިމެނެންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާއެއްގައި ޝުޖާއު ވަނީ ކުރީގެ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"...[ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު] މުސްތަފާ ޓްވީޓުކޮށްފައި ބުނަނީ އައިޖީއެމްއެޗަކީ ރައީސް ޔާމީން، ދަރުމަވަންތަ ހޮސްޕިޓަލް ރައީސް ޔާމީން، ސަލްމާން މިސްކިތް ރައީސް ޔާމީން. އާދެ، އަޅުގަނޑުމެން ވެސް ހިމެނިގެން ކިޔަންޖެހޭނީ. ރައީސް ޔާމީން އެކަންޏެއް ނޫން. އަޅުގަނޑުމެން ވެސް ހިމެނޭ ސަރުކާރެއް އެއީ،" ޝުޖާއު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވާ ބައެއް ވާހަކަތަކަށް ޝުޖާއުވަނީ ރައްދު ދެއްވައިފައެވެ. އެ ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއްގެ ވެރިއެއް ލައްވައި، އަމިއްލަފުޅު އެކައުންޓަށް ޗެކުތައް ޖަމާކުރަން ހަވާލުނުކުރައްވާނެ ކަމަށް ވިދާޅުވެ، ބަހުގެ ހަމަލާތައް ދެއްވިއެވެ. އޭނާ ވިދާޅުވީ، ޕީއެންސީއަށް އަމާޒުކޮށްގެން ވައްކަމުގެ ވާހަކަދެކެވެން ނޯންނާނެ ކަމަށެވެ.
"އެންމެ ގިނައިން މި ވާހަކަ [ވައްކަމުގެ ވާހަކަ] ދައްކާ މީހުންގެ ތެރޭގައި އެމްޑީޕީއާ ރައީސް ޔާމީން ހިމެނޭ. އެހެންވީމާ އަޅުގަނޑުމެންނަކީ ވަގުން ކަމަށް ވަންޏާ ރައީސް ޔާމީން ވާންޖެހޭނީ މުލުވަގަށްތާ..." ޝުޖާއު ވިދާޅުވިއެވެ.
ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕުން ރައީސް ޔާމީނަށް ކުރި އިހުތިރާމާއި ކިޔަމަންތެރިވި މިންވަރުގެ ވާހަކަ ވެސް އޭނާ ދެއްކެވިއެވެ. އެހެންނަމަވެސް، ވިދާޅުވީ އާޚިރުގައި ގޯސްވީ "ތިމަންނާމެން" ކަމަށެވެ.
"ހުރިހާ ކަމެއް އެ މަނިކުފާނު ވިދާޅުވިހާ ގޮތަކަށް ކުރީމާ ގޯސް މިވީ އަޅުގަނޑުމެން،" ޔާމީނަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ޔާމީން މިނިވަންވެވަޑައިގެން އެ ހުންނެވީ ޕީއެންސީން ވެރިކަމަށް އައުމުންނެވެ. އެ މަނިކުފާނު ކޯޓުން މިނިވަންކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ގާނޫނީ ވަކީލު އާދަމް ޝަމީމާއި، އަބްދުﷲ ޝިޔާޒު ކަމަށާއި، އެ ކަމުގައި ޑރ. މުހައްމަދު ޖަމީލް އަހުމަދު އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި މިނިވަންވެވަޑައިގެން ހުންނެވިޔަސް މިހާރު ޔާމީނާވއެކުގައި ތިއްބެވީ ކަންނެތް ބައެކެވެ. އެ މަނިކުފާނުގެ ލެގަސީ ހިފެހެއްޓި ޓީމު އޮތީ ޕީއެންސީގައި ކަމަށާއި މިހާރު އެ މަނިކުފާނާ އެކުގައި ތިބި މީހުންގެ ހިތްވަރެއް ނެތް ކަމަށް ޝުޖާއުވަނީ ވިދާޅުވެފައެވެ.
ޕީޕީއެމުން ޔާމީން ވަކިވެވަޑައިގަތީ ރިޔާސީ އިންތިޚާބަށް ފަހު ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ. އެ މަނިކުފާނުވަނީ ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިފައެވެ.
މި ވެރިކަމުގެ ވަރަށް ކުރީކޮޅު ސަރުކާރާ ދޭތެރޭ މައްސަލަ ޖެހި، ޔާމީން ވަނީ އިދިކޮޅަށް ނުކުންނަވާފައެވެ. އެ މަނިކުފާނު ގެންދަވަނީ ސިލްސިލާ ޖަލްސާތައް ބާއްވަވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އެ މަނިކުފާނު ގެންދަވަނީ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ.