ސޫރިޔާގެ ހުޅަނގު ދެކުނުގައި އޮތް ސުވަޔިދާގައި ދިރިއުޅޭ ދުރޫޒީ ވަންހައިގެ މީހުންގެ ދިފާއުގައި ކަމަށް ބުނެ، އިސްރާއީލުން މިހާރު އަންނަނީ ސޫރިޔާގެ ސިފައިންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.
އެ ހަމަނުޖެހުންތަކުގެ ސަބަބުން މި ހަފުތާ ތެރޭގައިވެސް އެތައް ބަޔަކު މަރުވެފައިވާއިރު، އިއްޔެވެސް ވަނީ ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ ސިފައިންގެ މަރުކަޒަކަށް ބޮން އަޅާފައެވެ.
ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާއިން ސީރިއާއަށް ކަނޑައަޅާފައިވާ ޚާއްސަ މަންދޫބު ޓޮމް ބެރެކް ވިދާޅުވި ގޮތުގައި އެމެރިކާއިން ދެކެނީ މި ހާލަތަކީ ކަންބޮޑުވުން އޮތް ހާލަތެއް ކަމަށެވެ. އެމެރިކާއިން ވަނީ އެ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް އިލްތިމާސްކޮށްފައެވެ. ނަމަވެސް ބުދަ ދުވަހު އިސްރާއީލުން ވަނީ ސުވަޔިދާގައި ތިބި ސީރިއާ ސަރުކާރުގެ ސިފައިން އަނބުރާ ނުގެންގޮސްފި ނަމަ ހަމަލާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ދިނުމަށްފަހު ހަމަލާ ދީފައެވެ.
މި ހަފުތާގައި ވީ ކިހިނެއް؟
ސީރިއާގެ ދެކުނުގައި އޮންނަ ދުރޫޒް ވަންހައިގެ ގިނަ މީހުން އުޅޭ ސަރަހައްދެއް ކަމަށްވާ ސުވަޔިދާއަށް ސީރިއާގެ އަސްކަރީ ބާރުތަކުން އަންގާރަ ދުވަހު ވަދެފައިވަނީ ހަފުތާ ބަންދުގައި ދުރޫޒް ސިފައިންނާއި ބަދަވީންގެ ގަބީލާތަކާ ދެމެދު ހަމަނުޖެހުންތަކެއް ހިންގަން ފެށުމުން ހަމަނުޖެހުންތައް ކޮންޓްރޯލު ކުރުމަށެވެ.
އެ ހަމަނުޖެހުންތަކުގައި އަންގާރަ ދުވަހުގެ ނިޔަލަށް 30 މީހުން މަރުވެ އިތުރު މީހުން ޒަޚަމްވެފައިވެއެވެ.
ސީރިއާގައި ތިބި ދުރޫޒް މީހުން ހިމާޔަތް ކުރުމަށް ވައުދުވެފައިވާ އިސްރާއީލުން ވަނީ ސުވަޔިދާގައި ހަރަކާތްތެރިވާ ސީރިއާ ސަރުކާރުގެ ސިފައިންނަށް ހަމަލާތަކެއް ދީ، އެ ޖަމާއަތް ހިމާޔަތް ކުރުމަށް ހަމަލާތައް ކުރިއަށް ގެންދިއުމަށް ވައުދުވެފައެވެ.
ސީރިއާގެ ޚާރިޖީ ވުޒާރާއިން ބުނީ އެ ހަމަލާތަކުގައި އާންމުންނާއި ސަލާމަތީ ބާރުގެ ބައެއް މީހުން މަރުވެފައިވާ ކަމަށެވެ. އެ ވުޒާރާއިން ވަނީ އިސްރާއީލުގެ ހަމަލާތައް ކުށްވެރިކޮށްފައެވެ.
ދުރޫޒުންނަކީ ކޮންބައެއް؟
ގާތްގަނޑަކަށް މިލިއަނެއްހާ މީހުން ހިމެނޭ ދުރޫޒް ވަންހައިގެ މީހުންނަކީ ހުޅަނގު އޭޝިއާގެ ބައެއް ގައުމުތަކުގައި ދިރިއުޅޭ މައިނޯރިޓީ ވަކި ދީނެއްގެ ބައެކެވެ. މި ދީން ބިނާކުރީ މުސްލިމުންގެ ފިކުރާއި ކްރިސްޓިއަނުންގެ ފިކުރު މަސްހުނިކޮށްގެންނެވެ.
އެމީހުން އާންމު ގޮތެއްގައި ދިރިއުޅެނީ ސީރިއާ، ލުބުނާން އަދި އިސްރާއީލުގައެވެ.
ސީރިއާގައި ދުރޫޒް ވަންހައިގެ މީހުން އެންމެ ގިނައިން އުޅެނީ އެގައުމުގެ ދެކުނުގައި އޮންނަ އިސްރާއީލުން ހިފާފައިވާ ގޯލާން އުސްބިންތަކުގައާއި ކައިރި ތިން ޕްރޮވިންސެއްގެ ވަށައިގެންނެވެ.
ހަ ދުވަހުގެ މުއްދަތަކަށް 1967 ވަނަ އަހަރު ކުރި ހަނގުރާމައިގައި ސީރިއާ އަތުން އިސްރާއީލުން އަތުލި ގޯލާން އުސްބިންތަކުގައި 20،000 އަށްވުރެ ގިނަ ދުރޫޒް ވަންހައިގެން މީހުން އުޅެއެވެ.
އެ ސަރަހައްދުގައި އެމީހުން އުޅެނީ ގާތްގަޑަކަށް 25،000 އިސްރާއީލުގެ ވަޒަންވެރިންނާއެކުގައެވެ.
ދުރޫޒުންނާ ސީރިއާގެ ބާރުތައް ކުރިމަތިލަނީ ކީއްވެ؟
ސީރިއާގައި ގިނަ ދުވަސްތަކެއް ވަންދެން ވެރިކަންކުރި ޚުދުމުހުތާރު ވެރިޔާ ބައްޝާރުލް އަސަދު ވެރިކަމުން ދުރުކުރުމަށްފަހު ސީރިއާގެ އާ ރައީސް އަހުމަދު އަލް ޝަރާ ވަނީ ސީރިއާގެ ހުރިހާ ތަފާތު ޖަމާއަތްތައް ހިމާޔަތް ކުރުމަށް ވައުދުވެވަޑައިގެންފައެވެ.
ނަމަވެސް މާޗް މަހު، އަސަދު ވެސް ނިސްބަތްވެވަޑައިގަންނަވާ ސޫރިޔާގައި ދިރިއުޅޭ އަލް-ޢަލަވިއްޔަތު ނުވަތަ އަލް-ޢަލަވީ ދަރިކޮޅުގެ މީހުންނަށް ސަރުކާރުގެ ބާރުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު، އޭޕްރީލް މަހުވެސް ސަރުކާރަށް ތާއީދުކުރާ ހަތިޔާރު އެޅި ސިފައިންނާއި ދުރޫޒް ހަނގުރާމަވެރިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 100 މީހުން މަރުވެފައިވެއެވެ.
ސީރިއާގެ އާ ސަރުކާރާއި ދުރޫޒްގެ ގުޅުން ގޯސްވެފައިވަނީ ދުރޫޒް ހަނގުރާމަވެރިން ހަތިޔާރު ނުބެހެއްޓުމާއި، އެއްބާރުލުން ނުދިނުމުންނެވެ.
ހަތިޔާރު އެޅި ޖަމާއަތްތައް އެއް އަސްކަރިއްޔާއެއްގެ ދަށުން އެއްބައިވަންތަ ކުރުމަށް އަމާޒު ހިފާފައިވާ އަލްޝަރާއަށް ވަނީ ދުރޫޒުންނާއެކު އެއްބަސްވުންތައް ހެދުމަށް ނާކާމިޔާބުވެފައެވެ.
އަންގާރަ ދުވަހު ސީރިއާ ސިފައިން ސުވަޔިދާއަށް އެރިތާ ގަޑިއެއްހާއިރު ފަހުން އެ ގައުމުގެ ދިފާއީ ވަޒީރު، މުރުހަފް އަބޫ ޤުސްރާ ވަނީ ހަނގުރާމަ ހުއްޓާލަން އެއްބަސްވުން އިއުލާންކޮށްފައެވެ.
ނަމަވެސް ބުދަ ދުވަހު ގާނޫނާ ޚިލާފަށް ހިންގާ ބައެއް ޖަމިއްޔާތަކުން ވަނީ ބަދަލު ހިފުމުގެ ގޮތުން ސަރުކާރުގެ ބާރުތަކަށް ހަމަލާތައް ދޭން ފަށާފައި ކަމަށް ދިފާއީ ވުޒާރާއިން ބުންޏެވެ.
އިސްރާއީލުން ހަމަލާދޭން ފެށީ ކީއްވެ؟
އަންގާރަ ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ އިސްރާއީލުގައި ތިބި ދުރޫޒް ރައްޔިތުންނާ އެކު އޮތް އަޚުވަންތަ އިއްތިހާދާއި، ސީރިއާގައި ތިބި ދުރޫޒް ރައްޔިތުންނާ އޮންނަ އާއިލީ އަދި ތާރީޚީ ގުޅުންތަކުގެ ސަބަބުން ސީރިއާގައި ތިބި ދުރޫޒްންނަށް ދޭ އަނިޔާތައް ހުއްޓުވަން ވައުދުވެފައިވާ ކަމަށެވެ.
އިސްރާއީލުގެ އުތުރުގައި އޮންނަ ކަރްމަލް އާއި ގަލީލީގައި 130،000 އެއްހާ އިސްރާއީލުގެ ދުރޫޒް ވަންހައިގެ މީހުން ދިރިއުޅެއެވެ. އިސްރާއީލުގެ ބޯޑަރުތަކުގެ ތެރޭގައި ހިމެނޭ އެހެން މައިނޯރިޓީ ކޮމިއުނިޓީތަކާ ޚިލާފަށް، 18 އަހަރުން މަތީގެ ދުރޫޒް ވަންހައިގެ ފިރިހެނުން 1957 ވަނަ އަހަރުން ފެށިގެން ވަނީ އިސްރާއީލުގެ އަސްކަރިއްޔާއަށް ވަންނަންފަށާފައެވެ. އިސްރާއީލުގެ އަސްކަރިއްޔާގެ މަތީ މަގާމުތަކުގައި އެ ވަންހައިގެ މީހުން ތިބޭއިރު، ގިނަ ބަޔަކު އަންނަނީ ފުލުހުންގެ އިދާރާ ނުވަތަ އަސްކަރީ ބާރުތަކުގައި މަސައްކަތްކުރަމުންނެވެ.
ނަމަވެސް ދުރޫޒީންގެ ދިފާއުގައި ކަމަށް ބުނެ އިސްރާއީލުން ދެމުންދާ ހަމަލާތައް އަމާޒު ކުރަމުން ދަނީ ސީރިޔާގެ ސިފައިންނާއި އަސްކަރީ އުޅަނދުފަހަރަށް ކަމުގައި މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އަދި އެއީ އިސްރާއީލުގެ ބޯޑަރާ ވީހާ ވެސް ދުރަކަށް ސީރިއާ ސިފައިން ޖެއްސުމަށް އަމިއްލަ އަސްކަރީ މަގުސަދެއް ހާސިލްކުރުމަށް ކުރާ ކަމެއް ކަމުގައިވެސް އެ ފަރާތްތަކުން ބުނެއެވެ.