އިންޑިއާގެ ކަރުނާޓަކާ ސިޓީގައި އޮންނަ ދާރުވާދު ސަރަހައްދުގައި، ފަގީރު ހާލަތުގައި ދިރިއުޅޭ 100 މީހުންގެ އަވަށަކާ އެ ގައުމުގެ ޑޮކްޓަރަކު ހަވާލުވެއްޖެއެވެ.
ވަރަށް ފަގީރު ހާލަތުގައި އޮތް މި އަވަށުގައި ދިރިއުޅޭ މީހުންނަށް ފަހި ދިރިއުޅުމެއް ހޯދައިދީ ދިރިއުޅުމުގެ ހާލަތަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ބޭނުމުގައި އަވަށާ ހަވާލުވެފައި ވަނީ ޑރ. ރާޖޭން ދޭޝްޕާންޑޭ ނަމަކަށް ކިޔާ މީހެކެވެ.
ޑރ. ރާޖޭންގެ އިސްނެގުމުގެ ދަށުން މި އަވަށާ ހަވާލުވެފައި ވަނީ އޭނާގެ އަމިއްލަ އިންސްޓިޓިއުޓެއް ކަމަށްވާ 'ވިޓަލް އިންސްޓިޓިއުޓް އޮފް ޗައިލްޑް ހެލްތު'އިންނެވެ. މަދަކިކޮށްޕާ ނަމަކަށް ކިޔާ މި އަވަށަކީ ކަރުނާޓަކާ ސިޓީއާ 33 ކިލޯމީޓަރު ދުރުގައި އޮންނަ އަވަށެކެވެ.
މި އަވަށުގައި 100 މީހުން ދިރިއުޅެމުން އަންނައިރު މުޅި އަވަށުގައި ހުންނަނީ އެންމެ 14 ނުވަތަ 15 ގެ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ. މި އަވަށުގެ މީހުން އާމްދަނީ ހޯދުމަށް އާއްމުކޮށް ކޮށްއުޅޭ މަސައްކަތަކީ ގެރި ބަކަރި ގެންގުޅެ އެ ޖަނަވާރުން ލިބެ ކިރު ވިއްކުމެވެ. އެހެންވެ މި އަވަށުގައި ދިރިއުޅޭ މީހުންނަށްވުރެ ގެންގުޅޭ ގެރި ބަކަރި ގިނަ ކަމަށްވެއެވެ.

ޑރ.ރާޖޭން ދޭޝްޕާންޑޭ އިންޑިއާގެ ދާރުވާދު ސަރަހައްދުގައި އޮންނަ އަވަށުގެ ރައްޔިތުންނާ އެކު--ފޮޓޯ/ދަނިއުއިންޑިއަންއެކްސްޕްރެސް
ވިޓަލް އިންސްޓިޓިއުޓްގެ ބާނީ އަދި ސީނިއާ ޕީޑިއެޓްރިޝަން ޑރ. ދޭޝްޕާންޑޭ ޓީއެންއައިއީއަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، 2010 ވަނަ އަހަރު މި އަވަށުގައި ދިރިއުޅޭ މީހުންގެ ސިއްހީ ޙާލަތު ދެނެގަތުމަށްޓަކައި ބޭއްވި ޚާއްސަ ޗެކް-އަޕް ކޭމްޕަކަށް އޭނާއަށް ދަޢުވަތު ލިބުނެވެ.
އޭރުވެސް އެ އަވަށުގެ މީހުންގެ މެދުގައި އޮންނަންޖެހޭ ގުޅުން ކުޑަވުމުގެ އިތުރުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޚިދުމަތްތަކެއް ނެތުމުން ވަރަށް ގިނަ ދަތިތަކަކާ ކުރިމަތިވި ކަމަށް ޑރ.ރާޖޭން ދޭޝްޕާންޑޭ ވަނީ ބުނެފައެވެ.
އެހެންވެ އެ އަވަށުގެ މީހުންނަށް އެހީތެރިވުމަކީ އަބަދުވެސް ކުރަން ބޭނުންވި ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. މި އަވަށް ޑރ.ރާޖޭންގެ ބެލުމުގެ ދަށަށް ގެންގޮސް އެތަނުގައި ދިރިއުޅޭ މީހުންގެ ކަންކަމާ ހަވާލުވުމަށް ނިންމީ ޑރ.ރާޖޭން ދޭޝްޕާންޑޭގެ 'ވިޓަލް އިންސްޓިޓިއުޓް އޮފް ޗައިލްޑް ހެލްތު'އިން މި އަހަރު ފާހަގަކުރާ ރަންޔޫބީލް މުނާސަބަތާ ގުޅުވައިގެން ކަމަށް ޑރ.ރާޖޭޝް ވަނީ ބުނެފައެވެ.
މި އިންސްޓިޓިއުޓްގެ ޚާއްސަ މަޝްރޫޢެއް ކަމަށްވާ "ސަންޝައިން" މަޝްރޫޢުގެ ދަށުން ޖުމްލަކޮށް ތަރައްގީ ގެނައުމާއި، ދެމެހެއްޓެނިވި ކުރިއެރުމާއި، އިގްތިޞާދީ ކުރިއެރުމާއި، ރަނގަޅު ފެންވަރުގެ ތަޢުލީމާއި، ޞިއްޙަތާއި، އިޖްތިމާޢީ ބަދަލު އަދި އެހެނިހެން ކަންކަން މިއަވަށުގެ މީހުންނަށް ފަހިކޮށްދިނުމަށް މަސައްކަތް ކުރާނެއެވެ.
އެގޮތުން އަންހެނުންނާއި ކުޑަ ކުދިންނަށް ސިއްހީ ޚިދުމަތްތައް ދިނުމުގެ މަސައްކަތް ފަށާފައިވާއިރު ދެން އެންމެ ބޮޑު އިސްކަމެއްދޭނީ މި އަވަށުގެ މީހުންގެ އަމިއްލަ ސަގާފަތާއި އާދަކާދަތައް ނުގެއްލޭނެހެން ރަނގަޅު ފެންވަރުގެ ތައުލީމު ފޯރުކޮށްދީ ގެދޮރުވެރިކަން އަވަށުގެ މީހުންނަށް ފޯރުކޮށްދިނުމަށް ކަމަށް ޑރ.ރާޖޭން ވަނީ ބުނެފައެވެ.
މައިގަނޑު ތިން އާއިލީ ވަންހައެއް އޮންނަ މި އަވަށުގެ މީހުންގެ ފަރާތުން ވާހަކަ ދެއްކި މީހަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، އެ މީހުންގެ ދިރިއުޅުމަށް ދިމާވެފައިވާ ދަތި އުނދަގޫ ހާލަތާ މެދު ކަންބޮޑުވެ އެ މީހުންގެ ކަންބޮޑުވުންތަކުގެ އަޑު އަހައި އެކަމަށް ހައްލެއް ހޯދައިދިނުމަށް އާއްމު ރައްޔިތަކު އަމިއްލައަށް އިސްނަގައިގެން މަސައްކަތް ފެށުމަކީ މުޅި އަވަށުގައި ދިރިއުޅޭ ކުދި ބޮޑު އެންމެންނަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މި އަވަށުގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އަމިއްލަ އިސްނެގުމުގެ ދަށުން ކުރަން ނިންމި ޑރ.ރަޖަން އަކީ އުތުރު ކަރުނާޓަކާއަށް ނިސްބަތްވާ ޑޮކްޓަރެކެވެ.
ސިއްހީ ދާއިރާގައި މަސައްކަތް ކުރުމުގެ އިތުރުން ޑރ.ރަޖަން ފާހަގަ ކުރެވެނީ ކުޑަކުދިންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އަދި މުޖްތަމައުގައި ހުންނަ އެކިއެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އިސްނަގައިގެން މަސައްކަތް ކުރަމުން އަންނަ ސޯޝަލް އެކްޓިވިސްޓެއްގެ ގޮތުގައެވެ.