ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ)އާއި ސްރީލަންކާގެ އެޗްއެންބީ އިންވެސްޓްމަންޓް ބޭންކް (އެޗްއެންބީއައިބީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގެ ކޯޕަރޭޓް ކަސްޓަމަރުންނަށް އިންވެސްޓްމަންޓް ބޭންކިން، އަދި މާލީ ލަފާދިނުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކުރުމެވެ.
ޑީއައިޕީއަކީ ރާއްޖޭގެ ކެޕިޓަލް މާކެޓް މެދުވެރިކޮށް ވިޔަފާރިތަކަށް ފައިސާ ހޯދައިދިނުމާއި ފައިނޭންސިން ހައްލުތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ، ލައިސަންސް ލިބިފައިވާ އިންވެސްޓްމަންޓް މެނޭޖްމަންޓް އަދި އެޑްވައިޒަރީ ކުންފުންޏެކެވެ. މި ކުންފުނި ހިންގަނީ ވިޔަފާރި އަދި މާލީ ދާއިރާގެ ޕްރޮފެޝަނަލުންނެވެ.
އޭގެތެރޭގައި އެންސިސް ގްރޫޕް އަދި ދިވެހި އިންޝުއަރެންސް ފަދަ އެކި ބާވަތުގެ ވިޔަފާރިތަކުގެ އެކްޓިވް އޯނަރުން ހިމެނެއެވެ.

ޑީއައިޕީއާއި އެޗްއެންބީއައިބީއާ ދެމެދު ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކުރުން --
މާލީ އައު ގޮތްތައް ތައާރަފުކޮށް ކޯޕަރޭޓް ދާއިރާ ކުރިއެރުވުމުގެ އަޒުމުގައި، މި ކުންފުނިން މާކެޓާ ބެހޭ މުހިންމު މައުލޫމާތާއި، ގާނޫނީ ތަޖުރިބާ ބޭނުންކޮށްގެން ވިޔަފާރިތަކާއި ސްްޓްރެޓެޖިކް ފައިސާގެ ވަސީލަތްތައް ގުޅުވައިދެއެވެ. ކުންފުނި ފުޅާވުމުގެ ސްޓްރެޓެޖީއާ އެއްގޮތަށް، ޑީއައިޕީން ބްރޯކަރޭޖް އަދި އިންވެސްޓްމަންޓް މެނޭޖްމަންޓް ޚިދުމަތްތައް ތައާރަފުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ޑީއައިޕީ ވަނީ ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑް (ދިނަފް)ގެ އިންވެސްޓްމަންޓް ފަންޑް މެނޭޖަރުގެ ގޮތުގައި އައްޔަންކޮށްފައެވެ. ދިނަފްއަކީ ފައިދާ ބޮޑު އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުންހިފޭ ގޮތް ހަދައިދިނުމަށް ފަރުމާކޮށްފައިވާ ރާއްޖޭގެ އިންވެސްޓްމަންޓް ފަންޑެކެވެ.
މި މަޝްރޫއުގެ މަގުސަދަކީ ކެޕިޓަލް މާކެޓުގައި ބައިވެރިވުން އިތުރުކުރުމާއި މާލީ ދާއިރާގެ ތަރައްގީއަށް އެހީތެރިވުމެވެ.
މި އެއްބަސްވުމުގައި ހިމެނޭ އެޗްއެންބީއައިބީއަކީ ސްރީލަންކާގެ އިސް އިންވެސްޓްމަންޓް ބޭންކިން މުއައްސަސާއެކެވެ. މި މުއައްސަސާއިން ދެމެހެއްޓެނިވި ކުރިއެރުމަށް އަމާޒުކޮށްގެން ފުރިހަމަ ކެޕިޓަލް މާކެޓް ހައްލުތައް ފޯރުކޮށްދެއެވެ.
މި ކުންފުނިން ވަކިވަކި ފަރުދުންނާއި، ކޯޕަރޭޝަންތަކާއި، އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނަށް ޚިދުމަތް ފޯރުކޮށްދެއެވެ. މި ޚިދުމަތް ދެނީ އެ ފަރާތްތަކުގެ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައްޔާރުކުރެވޭ މާލީ ސްޓްރެޓެޖީތައް މެދުވެރިކޮށެވެ.
އެޗްއެންބީއައިބީން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ސްޓޮކް ބްރޯކިން، ސަރުކާރާއި ކޯޕަރޭޓް ދަރަނީގެ ވިޔަފާރި، އިކުއިޓީ ކެޕިޓަލް މާކެޓް ހައްލުތައް، މާޖާސް އެންޑް އެކުއިޒިޝަންސް އެޑްވައިޒަރީ، ކޯޕަރޭޓް ފައިނޭންސް، އަދި އިކުއިޓީ ދިރާސާތައް ހިމެނެއެވެ.
އިނީޝަލް ޕަބްލިކް އޮފަރިން (އައިޕީއޯ) ތަކާއި ޕްރައިވެޓް ޕްލޭސްމަންޓްތަކުން ފެށިގެން ޓްރެޝަރީ ބިލްތަކާއި، ކޯޕަރޭޓް ބޮންޑްތަކާއި، ޑިބެންޗަރުގެ ވިޔަފާރިއާ ހަމައަށް، އެޗްއެންބީއައިބީން އުސޫލުތައް ގެންގުޅެއެވެ. މި ކަމުގެ ސަބަބުން ގިނަފަހަރަށް ދަތި މާލީ މާހައުލުތަކުގައި ހަރަކާތްތެރިވެވެއެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ މާލީ ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ ކަމަކަށްވާއިރު، ދެ ކުންފުނިން ވެސް ތަޖުރިބާއާއި ވަސީލަތްތަކާއި މާކެޓް އިންސައިޓްތައް ހިއްސާކުރާނެއެވެ.
މި ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ކުންފުނިތަކަށް ބައިނަލްއަގުވާމީ މާކެޓްތަކުން ފައިނޭންސް ހޯދުމަށް މަގުފަހިވެ، ޑޮލަރު ޑިނޯމިނޭޓެޑް ޕްރޮޖެކްޓްތަކަށް ފައިނޭންސް ހޯދި އެޑްވައިޒަރީ ޚިދުމަތްތައް ހޯދުމަށް މަގުފަހިވާނެއެވެ.