އިޖުތިމާއީ ބޭނުންތަކަށް ގަބުރުސްތާނުތައް ހުސްކުރުމަކީ އާ ކަމެއް ނޫން: އާޒިމް

މާލޭގެ މޭޔަރު އާދަމް އާޒިމް: ވިދާޅުވީ ހަނދާން ހުންނަން ފެށީއްސުރެ ގަބުރުސްތާނުގައި ކަންކަން ކުރާ ކަމަށާއި، މިއީ އަލަށް ކުރާ ކަމެއް ނޫން ކަމަށް -- ފޮޓޯ/ އެމްޑީޕީ

ހަނދާން ހުންނަން ފެށީއްސުރެން މާލޭގެ ގަބުރުސްތާނުތަކުގައި އެކިއެކި ކަންތައްތައް ކުރަމުންގޮސްފައިވާ ކަމަށާއި، އިޖުތިމާއީ މުހިންމު ބޭނުންތަކަށް އެ ތަންތަން ހުސްކުރުމަކީ އައު ކަމެއް ނޫން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެއެވެ.

މާފަންނު ސަހަރާ މި ފަހުން ހުސްކުރުމަށް ފަހު އެ ތަނުގައި ޕާކިން ޒޯނެއްގެ އިތުރުން، ބާސްކެޓު ކޯޓެއް ވެސް ތަރައްގީކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. އަދި، ގަލޮޅު ސަހަރާގެ ބައެއް ހުސްކޮށްގެން ވެސް ގިނަ ބަދަލުތަކެއް އެބަ ގެނެއެވެ.

އޭގެ މާ ފަހުން، ދަލީލުތަކާ ހަވާލާދީ މިދިޔަ ބުރާސްފަތީގައި ފަތުވާ މަޖިލީހުން ނިންމި ނިންމުމުގައި ބުނެފައިވަނީ މިއީ އިސްލާމީ ޝަރީޢަތުގައި ގިނަގުނަ ވަޢީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރުކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެ ކަމަށެވެ.

https://sun.mv/208418

މި ކަމާ ގުޅޭގޮތުން އެސްއެސްޓީވީގެ "ބާރު ހަތަރެއް"ގައި ވާހަކަ ދައްކަވަމުން އާޒިމްވަނީ، އިސްލާމްދީނާއި ގާނޫނުތަކާ ޚިލާފަށް މާލެ ސިޓީން ކައުންސިލުން އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

އެހެން ނަމަވެސް ގަބުރުސްތާނުތައް ސާފުކޮށް، އެ ތަންތަނުގައި އިމާރާތްތަކާއި ޕާކިން ޒޯނު ފަދަ ތަންތަން މީގެ ކުރިން ވެސް އަޅާފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ މިދިޔަ 50 އަހަރުގެ ތެރޭގައި ރާއްޖޭގައި ކުރަމުން އައިސްފައިވާ ކަމެކެވެ.

"މާލޭގައި ކުރީގައި ހުރި ހުރިހާ މިސްކިތްތަކެއްގެ ވަށައިގެން އޮތީ ގަބުރުސްތާނު. އެ ތަންތަން ސާފުކޮށްފައި އެ ތަންތަނުގައި ގެދޮރު އަޅައިގެން މިއަދު މީހުން ދިރިއުޅެމުން އެ ދަނީ... މިއީ އަލަށް ރާއްޖޭގައި ހިންގި ކަމެއް ނޫން," އާޒިމް ވިދާޅުވިއެވެ.

ގަބުރުސްތާނު ހުސްކޮށް، އެ ތަނުގައި ކުޅިވަރު ކުޅޭ ތަނެއް ނޭޅޭނެ ކަމަށް ފަތުވާ ނެރުނީ މާފަންނު ސަހަރާގައި ޕާކިން ޒޯނަކާއި ބާސްކެޓް ކޯޓެއް ތަރައްގީ ކުރުމުގެ ބޮޑު ބައެއް ނިމިފައިވަނިކޮށެވެ.

އާޒިމް ވިދާޅުވި ގޮތުގައި ހިތްފަސޭހަ މައިޒާންތަކާއި ކުޅިވަރުކުޅޭ ތަންތަން ތަރައްގީކުރަން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަރަށް ބޭނުންވެއެވެ. ގަބުރުސްތާނު ހުސްކޮށް އެ ތަނުގައި އިޖުތިމާއީ ތަންތަން ތަރައްގީކުރަން ނިންމީ އެ ސަބަބަށް ޓަކައިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް އިސްލާމީ ފަތުވާއެއް ނުވަތަ އިސްލާމްދީނާ ޚިލާފު ކަމެއް އެއްވެސް ހާލެއްގައި މާލެ ސިޓީ ނުކުރާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް މޭޔަރު ދެއްވިއެވެ.

މާލޭގެ ޒަމާންވީ ގަބުރުސްތާނުތައް ހުސްކުރާތީ އެ ކަމުގެ ކަންބޮޑުވުން ތާރީޚު ދިރާސާކުރައްވާ ބައެއް ބޭފުޅުން ފާޅުކުރެއްވިއެވެ. އެގޮތުން މަހާނަ ގާތައް ނައްތައިލުން ފަދަ ކަންކަމަކީ ތާރީޚަށް އަސަރުކުރާނެ ކަންކަމަށް ބުނަމުން އައެވެ.

comment ކޮމެންޓް