އޯޓިޒަމް އެސޯސިއޭޝަނުގެ 'އާޓް އޮފް މައިންޑް' މައުރަޒު ހުޅުވައިފި

އޯޓިޒަމް އެސޯސިއޭޝަނުގެ 'އާޓް އޮފް މައިންޑް' މައުރަޒު ހުޅުވުން -- ފޮޓޯ/ އެމްއޭއޭ

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (އެމްއޭއޭ)ގެ ހަތްވަނަ އާޓް އެގްޒިބިޝަން "އާޓް އޮފް މައިންޑް 2025" މިއަދު ހުޅުވައިފިއެވެ.

މި މައުރަޒު ހުޅުވައިދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، އިބްރާހީމް ޝަރީފް މުހައްމަދެވެ.

މި ހަފުލާގައި އެމްއޭއޭގެ ފައުންޑަރު، އަދި އެގްޒެކެޓިވް ޗެއާޕާސަން އިލްހާމް ހުސައިން ދެއްކެވި ވާހަކަފުޅުގައިވަނީ މި އަހަރުގެ މައުރަޒުގެ ސަބަބުން ވެސް ކުރެހުމާއި ފަންނުވެރިކަމުގެ ރޮނގުން އޯޓިޒަމް ސެންޓަރުގައި ދަރިވަރުންނަށް ފަހި ފުރުސަތުތަކެއް ތަނަވަސްވެގެންދިއުމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަދި 2023ވަނަ އަހަރުގެ މައުރަޒުގައި ފެނިގެންދިޔަ ބައެއް ކުރެހުންތައް، އެމްއޭސީއެލްގެ 2024ވަނަ އަހަރުގެ ކަލަންޑަރުގައި ހިމެނުމުގެ ފުރުސަތު ފަހިކޮށްދިން ކަމަށް ޓަކައި، ވަރަށް ޚާއްސަ ޝުކުރެއް ވެސް އަދާކުރެއްވިއެވެ.

އޯޓިޒަމް އެސޯސިއޭޝަނުގެ 'އާޓް އޮފް މައިންޑް' މައުރަޒު ހުޅުވުން -- ފޮޓޯ/ އެމްއޭއޭ

މި ހަލުފާގައި އެމްއޭސީއެލްގެ ފަރާތުން 150،000 ރުފިޔާގެ ޑޮނޭޝަނެއް އެ އެސޯސިއޭޝަނަށް ދިނެވެ. އަދި ދަރިވަރުންގެ ފަރާތުން ޝަރަފުވެރި މެހެމާނަށް ހަނދާނީ ކުރެހުމެއް އެރުވުމުގެ އިތުރުން، އޯޓިޒަމް ސެންޓަރުގެ ދަރިވަރުންގެ ސަގާފީ ހުށަހެޅުމެއް ވެސް ދައްކައިލިއެވެ.

އޯޓިޒަމް އެސޯސިއޭޝަނުގެ 'އާޓް އޮފް މައިންޑް' މައުރަޒު ހުޅުވުން -- ފޮޓޯ/ އެމްއޭއޭ

އާޓް އޮފް މައިންޑް 2025ގެ ނަމުގައި ބޭއްވި މި މައުރަޒަކީ އެމްއޭއޭގެ ދަރިވަރުންގެ ކުރެހުމާއި ފަންނުވެރިކަމުގެ ހުނަރު ތަރައްގީކުރުމަށާއި، އެ ކުދީންގެ މަސައްކަތްތައް އާންމުކޮށް ދައްކައިލުމަށް ޓަކައި، 2019ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ސިލްސިލާ މައުރަޒެކެވެ. މި އަހަރުގެ މައުރަޒުގައި އެ ސެންޓަރުން ޚިދުމަތް ހޯދާ ދަރިވަރުންގެ ތެރެއިން 170 ދަރިވަރެއްގެ ހުނަރުވެރި މަސައްކަތްތައް ވަނީ ފެނިގެން ގޮސްފައެވެ.

މި މައުރަޒުގައި ހިމެނޭ ކުރެހުންތައް އާންމުކޮށް ދައްކައިލުމަށް ޓަކައި، މާދަމާ ހަވީރު ތިނަކުން ފެށިގެން ފަހަކަށް އޯޓިޒަމް ސެންޓަރުގެ ހަތަރުވަނަ ފަންގިފިލާގެ ޖަވާހިރު މާލަމުގައި ބެހެއްޓިފައި ހުންނާނެއެވެ.

އެމްއޭއޭގެ ފައުންޑަރު، އަދި އެގްޒެކެޓިވް ޗެއާޕާސަން އިލްހާމް ހުސައިނާއި، އެ ތަނުގެ އިސްވެރީންނާއި މުވައްޒަފުންގެ އިތުރުން، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، މިނިސްޓްރީތަކާއި ސަރުކާރު، އަދި އަމިއްލަ ކުންފުނިތަކުގެ އިސްވެރިންނާއި ދަރިވަރުންނާއި ބެލެނިވެރީން ވެސް މި ހަފުލާގައި ބައިވެރިވިއެވެ.

comment ކޮމެންޓް