ރާއްޖޭގައި އިންވެސްޓުކުރަން ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށާއި، އެ ދާއިރާތަކުން އިންވެސްޓުކުރުމަށް ފަހި ފުރުސަތުތަކުގެ ބޭނުން ހިފުމަށް އިނގިރޭސިވިލާތުގެ އިންވެސްޓަރުންނަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.
ލަންޑަނުގައި ރާއްޖޭގެ ވިޔަފާރި މައުރަޒުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، 60 އަހަރުގެ ތެރޭ އިނގިރޭސިވިލާތާއި، ރާއްޖޭގެ އެކުވެރިކަމުގެ ގުޅުން، ދެ ގައުމުން ގަބޫލުކުރަ ހަމަތަކާއި، އިހްތިރާމާއި، ދޭދޭ ފަރުދުންގެ ގުޅުމުގެ ތެރެއިން ވަރަށް ވަރުގަދަވެފައިވާ ކަމަށެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިވެފައިވާ ކަމަށް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި އޮތް ބޮޑު ދެ ސިނާއަތްކަމަށްވާ މަސްވެރިކަމާއި، ފަތުރުވެރިކަމުގައި އިނގިރޭސިވިލާތުން މުހިންމު ދައުރެއް އަދައިކުރާ ކަމަށެވެ.

ލަންޑަނުގައި ރާއްޖޭގެ ވިޔަފާރި މައުރަޒުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
"އިނގިރޭސިންގެ އިންވެސްޓްމަންޓުތަކުގެ ސަބަބުން ރާއްޖޭގެ މަތީފަންތީގެ ފަތުރުވެރިކަަން ތަރައްގީކުރަން ވަނީ މަގުފަހިވެފައި. އަދި މިދިޔަ އަހަރު އެކަނި ޒިޔާރަތްކުރި 180،000 ފަތުރުވެރިންނާއެކު މިއަދު އިނގިރޭސި ފަތުރުވެރިން ހިމެނެނީ ރާއްޖެއަށް އެންމެ ގިނައިން އަންނަ، އެންމެ މުހިންމު ފަތުރުވެރިންގެ ތެރޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހި މަސްވެރިކަމުގެ ތެރެއިން ބާނާ މަހުގެ ބާވަތްތަކަކީ މިހާރު އިނގިރޭސިވިލާތުގެ ފިހާރަތަކާއި ގޭގޭގައި ވެސް އާންމުވަމުން އަންނަ އުފެއްދުންތަކެއް ކަމަށެވެ.
އެއާއެކު ރައީސް ވަނީ އެ މަނިކުފާނުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ ތަރައްގީއަށް މުހިންމު ދާއިރާތަކަށް އިންވެސްޓުކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި، ކްރިއޭޓިވް އިންޑަސްޓްރީއާއި، އުމްރާނީ ތަރައްގީއާއި، އިންސާނީ ވަސީލަތާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

ލަންޑަނުގައި ރާއްޖޭގެ ވިޔަފާރި މައުރަޒުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ވަނީ 2030ވަނަ އަހަރު އަންނަންވާއިރަށް އަމަޒަކީ ކްރިއޭޓިވް އިންޑަސްޓްރީގެ ތެރެއިން ޖީޑީޕީއަށް މަދުވެގެން 15 ޕަސެންޓު ހިއްސާކުރުން ކަމަށް މީގެކުރިން ވިދާޅުވި ވަހަކަފުޅު ތަކުރާރުކުރައްވައިފައެވެ.
އަދި މި ދާއިރާއިން އެ ގައުމުގެ ކްރިއޭޓިވް އިންސްޓިޓިއުޝަންތަކާއި، ޑިޖިޓަލް ސްޓާޓްއަޕްތަކާއި، މީޑިއާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ދައުވަތު ދެއްވައިފައެވެ.
މީގެ އިތުރުން ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ސަރުކާރުން މިހާރު ފަށައިފައިވާ ޑިޖިޓަލައިޒޭޝަންގެ މަސައްކަތް ފާހަގަކުރައްވައި ރައީސް ވަނީ، އިނގިރޭސިވިލާތުގެ އިދާރަތަކުން އެހީތެރިކަން ދިނުމަށް ދައުވަތު ދެއްވައިފައެވެ. އަދި ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާއިން ވެސް އެހީއަށް އެދިވަޑައިގަތެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މަސް ޕްރޮސެސްކުރުން އަވަސްކުރުމަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ލަންޑަނުގައި ރާއްޖޭގެ ވިޔަފާރި މައުރަޒުގައި ރައީސް މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި، ވިޔަފާރިއަށް ޚާއްސަ މެރިކަލްޗާ ސައިޓުތަކާއި، ހެޗަރީތަކާއި ނާސަރީތަކާއި، ގްރޯއައުޓް ހަބްތަކާއި، ޒަމާނީ ޕްރޮސެސިން ހަބްތައް ތަރައްގީކުރަމުުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
އެއާއެކު އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ކުންފުނިތަކަށް މި ކަންކަމަށް އިންވެސްޓުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭ، މެރިން ސައިންސް، ކޯލްޑް ޗެއިން ލޮޖިސްޓިކްސް، ސަސްޓެެއިނެބަލް ޕެކޭޖިން ހިމެނޭކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް ޓަކައި، ރާއްޖެއިން ވެލްނެސް، ސްޕޯޓްސް، ކްރޫޒް، އަދި ހަލާލް ޓޫރިޒަމަށް އިންވެސްޓުކުރަމުން އަންނަ ކަން ފާހަގަކުރައްވައި އިންވެސްޓުމަންޓްތަކަށް ފުރުސަތު އޮތްކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން އޮތީ، ވިޔަފާރިއަށް ތައްޔާރަށް ކަމަށެވެ. އަދި މިއީ އޭޝިއާއާއި އެފްރިކާއާއި މެދުއިރުމައްޗާ ގުޅޭ ސްޓްރެޓެޖިކް ސަރަހައްދެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ކުރިއެރުމާއި، އީޖާދީ ހައްލުތައް ހިއްސާކުރާ ފަރާތްތަކަށް މަރުހަބާ ކިޔާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މިއީ ހަމައެކަނި އިންވެސްޓްމަންޓެއް އެކަނި ކުރުން ނޫން ކަމަށާއި މިއީ މުސްތަގްބަލަށް ތައްޔާރު އިގްތިޞާދެއް ބިނާކުރުމަށް ކުރާ މަސައްކަތެއް ކަމަށް ވެސް ވިދާޅުވިއެވެ.
މިހާރު ރައީސް އިނގިރޭސިވިލާތަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރަސްގެފާނު ޗާލްސް (ތިންވަނަ)އާއި އެހެނިހެން އިސްވެރިންނާ ވަނީ ބައްދަލުކުރައްވައިފައެވެ.