މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން، ފާއިތުވި އަށް މަސްދުވަހު، ސަސްޕެންޝަނުގައިހުރި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް އިއްޔެ ވަޒީފާއިން ވަކިކޮށްފިއެވެ.
އާސިފް ސަސްޕެންޑުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 23ވަނަ ދުވަހެވެ. އޭނާ ސަސްޕެންޑުކުރިއިރު، އާސިފް އިސްކޮށް ހުންނަވާ ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އެކިއެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލައެއް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފެންމަތިވެފައިވާ ކަމަށް ދިވެހި އޮންލައިން ނޫހެއްގައި ރިޕޯޓުކޮށްފައިވެއެވެ.
ކަރެކްޝަނުން "ސަން"އަށް ބުނީ އޭނާ ވަޒީފާއިން ވަކިކުރީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށެވެ.
އާސިފް އޭސީޕީގެ މަގާމަށް އައްޔަންކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ސެެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ މާލޭ ޖަލު ހިންގުމުގައި އިސްކޮށް، ސުޕްރިޓެންޑެންޓްގެ މަގާމުގައެވެ.