އިމްރާންގެ ބަތަލާއަކަށް ޖެނީލިއާ

ބަތަލާ ޖެނީލިއާ އަދި އިމްރާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑް އެކްޓަރު އިމްރާން ހާޝިމީ އަލަށް މަސައްކަތް ފަށަން ސޮއިކޮށްފައިވާ ފިލްމު "ގަންމާސްޓާ ޖީ9"އިން ބަތަލާގެ ރޯލްއިން ފެންނާނީ ޖެނީލިއާ ޑި ސޫޒާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިއީ އިމްރާނާއި ޖެނީލިއާ އެކީގައި ފިލްމެއްގައި މަސައްކަތްކޮށް ދެ ތަރިން އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ މަސައްކަތް މި މަހު ފަށަން ނިންމި ނަމަވެސް އިންޑިއާގެ އުއްތަރުހާންދަށް ބޯކޮށް ވިއްސާރަ ވެހި މޫސުމް ގޯސްވުމުގެ ސަބަބުން ފިލްމުގެ ޝޫޓިންގް ވަނީ ފަސްކުރެވިފައެވެ.

އުއްތަރުހާންދުގެ އިތުރުން ވެރިކަންކުރާ ސިޓީ ނިއު ދިއްލީގެ މޫސުމް ވެސް މި ދުވަސްވަރު ގޯސްވުމުގެ ސަބަބުން ދިއްލީގައި ޝޫޓްކުރަން ނިންމި ބައެއް ޝެޑިއުލްތައް ވެސް ވަނީ ފަސްކުރެވިފައެވެ.

ޖެނީލިއާ އަދި އާމިރު ޚާން ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ

މި ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ގުޅުންހުރި ފަރާތަކުން ބޮލީވުޑްހަންގާމާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ފިލްމުގެ ޝޫޓިންގް ދެން އެންމެ އަވަހަށް ވެސް ފެށޭނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށެވެ.

މި ފިލްމުގެ ލޮކޭޝަންތައް މާކުރިން ކަނޑައެޅި ނިމިފައިވާތީ އަލުން ލޮކޭޝަން ބަދަލުކުރުމަށް ވެސް ވަގުތު ނަގާނެތީ އެންމެ ރަނގަޅު ގޮތަކީ މިހާރު ނިންމާފައި ހުރި ލޮކޭޝަންތަކުގައި ފަހުގެ ތާރީޚެއްގައި ޝޫޓިންގް ފެށުން ކަމަށް ޕްރޮޑަކްޝަން ޓީމުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޮމޭންޓިކް ތުރިލާއެއް ކަމަށްވާ "ގަންމާސްޓަ ޖީ 9"އަކީ އިމްރާން މުހިއްމު ރޯލް ކުޅުނު 2005ގެ ފިލްމު "އާޝިގް ބަނާޔާ އާޕްނޭ"ގެ ޑައިރެކްޓަރު އަދިތިޔާ ދަތު ޑައިރެކްޓްކޮށް ދީޕަކް މުކުތު ޕްރޮޑިއުސްކުރާ ފިލްމެކެވެ.

އިމްރާނާއި ޖެނީލިއާ މި ފިލްމުގައި މަސައްކަތް ކުރަން ނިންމިއިރު ބަތަލާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި ފިލްމު "ސިތާރޭ ޒަމީން ޕަރު"އިންނެވެ. މިއީ ދިގު މުއްދަތަކަށްފަހު ފިލްމު ކުޅުމާ ދުރުގައި ހުރުމަށްފަހު ޖެނީލިއާ އެނބުރި ފިލްމީ މަސައްކަތަށް ނުކުތް ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް