ސަހަރާތައް ކޮނުން ލޭންޑްޔޫސް ޕްލޭނުގައި ވެސް ނެތް، ރައްޔިތުން ވެސް ދެކޮޅު: ސައިފް

ކައުންސިލަރު ސައިފް ފާތިހު -- ފޮޓޯ/ ސައިފް ފާތިހު ކެމްޕެއިން

ކުޅިވަރު ކުޅޭ ތަންތަން ހެދުމަށާއި ހިތްފަސޭހަ މައިޒާނުތައް ބިނާކުރުމަށް ސަހަރާތައް ސާފުކުރުމަކީ މާލޭގެ ލޭންޑް ޔޫސް ޕްލޭނުގައި އޮތް ކަމެއް ނޫން ކަމަށާއި، އެ ކަމާ އަވަށްތަކުގެ ރައްޔިތުން ވެސް ދެކޮޅު ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

ސައިފް މިހެން ވިދާޅުވީ، އިޖުތިމާއީ ބޭނުންތަކަށް ސަހަރާތައް ހުސްކުރުމަކީ އާ ކަމެއް ނޫން ކަމަށާއި، މާލޭގެ ސަހަރާތަކުގައި އެކި ބޭނުންތައް ޒަމާނުއްސުރެ ކުރަމުން ގޮސްފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމްގައި މިދިޔަ ބުދަ ދުވަހުގެރޭ ވިދާޅުވެފައިވަނިކޮށެވެ.

އާޒިމް ވިދާޅުވިގޮތުގައި ހިތްފަސޭހަ މައިޒާންތަކާއި ކުޅިވަރުކުޅޭ ތަންތަން ތަރައްގީކުރަން މާފަންނުގެ ރައްޔިތުން ބޭނުންވެއެވެ. ގަބުރުސްތާނު ހުސްކޮށް އެ ތަނުގައި އިޖުތިމާއީ ތަންތަން ތަރައްގީކުރަން ނިންމީ އެ ސަބަބަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އިސްލާމީ ފަތުވާއެއް ނުވަތަ އިސްލާމްދީނާ ޚިލާފު ކަމެއް އެއްވެސް ހާލެއްގައި މާލެ ސިޓީ ނުކުރާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް މޭޔަރު ދެއްވިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ސައިފް، ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރަށް ފޮނުއްވި ސިޓީގައި ލިޔުއްވާފައިވާ ގޮތުގައި ހުކުރު މިސްކިތުގެ ސަހަރާއަށް ފަހު، މާލޭގެ ހަތަރު އަވަށުގައިވާ ސަހަރާތަކަކީ އެންމެ ދުވަސްވީ ސަހަރާތަކެވެ. އެ ސަހަރާތަކުގައި މާލޭ ރައްޔިތުންގެ މުސްކުޅި ޖީލުން ފެށިގެން މައިންބަފައިންނާ ހިސާބަށް އެތަށް ޖީލެއް ވަޅުލާފައިވާ ކަން ފާހަގަކުރައްވާފައިވެއެވެ

މީގެ އިތުރުން މާލޭގައި އެތައް މިތަނުގައި ހުސް ބިން އެބަހުރިކަން ފާހަގަކުރައްވައި ސައިފްގެ ސިޓީގައި އިތުރަށް ލިޔުއްވާފައިވާ ގޮތުގައި، މާލޭގެ އަވަށު ސަހަރާތައް ނައްތާލުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުން ރަށުގެ ގުދުރަތީ، ސަގާފީ، ތާރީހީ، އަދި މައުނަވީ ތަރިކައަށް ލިއްބައިދޭނެ ފަދަ ކަމެކެވެ. އަދި މިކަން ހުއްޓުވައިދިނުމަށް ވެސް އޭނާ އޭރު އެދިވަޑައިގެންފައިވެއެވެ.

ނަމަވެސް "ސަން" އާ ވާހަކަ ދައްކަވަމުން ސައިފް އިއްޔެ ވިދާޅުވީ، މާފަންނު ސަހަރާގެ ގަބުރުތައް ނެގުމާ ދެކޮޅަށް ދިގު މުއްދަތެއްގައި އާދޭސް ދަންނަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ރައްޔިތުންގެ މަޖިލީހަށާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ސިޓީ ފޮނުއްވި ނަމަވެސް، ޖަވާބެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

ފަތުވާ މަޖިލީހުގެ ފަތުވާ ނެރެފައިވަނީ މާފަންނު ސަހަރާގެ ގަބުރުތައް ނަގައި އެ ތަން ސާފުކޮށް ނިމުނު ފަހުންކަން ފާހަގަކުރައްވައި ސައިފް ވިދާޅުވީ، އިންސާނުންގެ ކަށިތައް ޝަރުއީ އުޒުރެއް ނެތި ކޮނެގެން ނުނެގޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ޝަރުއީ އުޒުރުތަކެއްގެ ގޮތުގައި ސައިފް ފާހަގަކުރެއްވީ މިސްކިތްތަކާއި ހޮސްޕިޓަލުތަކާއި ސްކޫލުތައް ފަދަ ތަންތަން ބިނާކުރުމެވެ.

"ޝަރުއީ އުޒުރެއްނޫން ފުޓްބޯޅަ ކުޅޭނެ ތަނެއް ނެތުމަކީ، ޝަރުއީ އުޒުރެއްނޫން ދުވެލާނެ ޓްރެކެއް ނެތުމަކީ،" އޭނާ ވިދާޅުވިއެވެ.

ސައިފް ވިދާޅުވީ، މާލޭގައި ލޭންޑް ޔޫޒް ޕްލޭނެއް އޮތްއިރު އެ ޕްލޭންގައި ސަހަރާތައް ނަގާ ވާހަކައެއް ނޯންނާނެ ކަމަށާއި، އޭރު 2019 ވަނަ އަހަރު އޮތް ކައުންސިލުން އާންމުންނާ ބައްދަލުކުރެއްވުމަށް ފަހު ބޭއްވި މަޝްވަރާތަކުގައި ވެސް އެކަން ކުރަން ބޭނުން ނުވާ ކަމަށް ހުރިހާ އަވަށަކުން ވެސް ބުނި ކަމަށެވެ.

މާފަންނު ސަހަރާގައި ހުރި ގަބުރުތައް ނަގައި އެ ތަން ހުސްކުރުމުގެ މަސައްކަތް އާޒިމް ކުރައްވާފައިވަނީ ސައިފް ވިދާޅުވި ގޮތުގައި، އެ ކަމާ ދެކޮޅަށް ތާރީހު ދިރާސާކުރާ މީހުންނާއި ސަގާފަތް ދިރުވާ މީހުން ފަދަ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

އެހެންކަމުން މިއީ "ވަރަށް ގޮތްކުޑަ ކަމެއް"ގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"ބައްލަވާ އަމީނީމަގުގެ ދެ ފަރާތުގަ ހުރިއްޔާ ހުރި ބިން، އެސްޓީއޯ ލޭބާ ކުއާޓާސް ހަދައިގެން އެ އުޅޭ ބިން، ގުދަން ހަދައިގެން އެ އުޅޭ ބިން، މާލޭ މީހުންގެ ބިން ނުއަގުގައި ހުރި، އެހެންވީމާ ހުރި ބިންތައް ބޭނުންކުރައްވަން ނޭނގުމާއި ހުރި ހުސް ބިންތައް އަތުލައްވަން ނޭނގުމަކީ މާލޭގަ ދެން ހުރި ހެރިޓޭޖަށްވާ ބިންތައް ނަންގަވަމުން އެ ތަންތަން ހަލާކުކުރައްވަމުން ހިންގަވަން އޮތް އުޒުރެއް ކަމަކަށް އަޅުގަނޑު ނުދެކެން،"

މާފަންނު ސަހަރާ މި ފަހުން ހުސްކުރުމަށް ފަހު އެ ތަނުގައި ޕާކިން ޒޯނެއްގެ އިތުރުން، ބާސްކެޓު ކޯޓެއް ވެސް ތަރައްގީކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. އަދި، ގަލޮޅު ސަހަރާގެ ބައެއް ހުސްކޮށްގެން ވެސް ގިނަ ބަދަލުތަކެއް އެބަ ގެނެއެވެ. އެގޮތުން އެ ތަނުގައި ބޮޑުރަސްގެފާނު މަގަށްވާ ގޮތަށް ޕާކިން ޒޯނެއް މިހާރު ބިނާކޮށްފައިވެއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައިވާ ގޮތުން، އިސްލާމީ ޝަރީޢަތުގައި ގިނަގުނަ ވަޢީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރުކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެއެވެ.

comment ކޮމެންޓް