އދ. ދިގުރަށުގައި މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހި ޒަޚަމްވެގެން ނިޔާވި، ސިންގަޕޫރަށް ނިސްބަތްވާ އުމުރުން 15 އަހަރުގެ ކުޑަކުއްޖާގެ މަރުގެ ތަހުގީގަށް، މުދައްރިސަކާއި ބައެއް ދަރިވަރުންގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ނޮވެމްބަރު އަށްވަނަ ދުވަހު ދިގުރަށުގައި ސްނޯކްލިންއަށް ގޮސް އުޅުމުގެ ތެރޭގައި ބޯޓު ޕްރޮޕެލާއަކުން ޖެހި ނުރައްކާތެރި ޒަޚަމްތަކެއް ލިބުނު ސިންގަޕޫރުގެ ދަރިވަރެއް ކަމަށްވާ ޖެނާ އާރިއަން ޗަން ޒީ-އެން މަރުވި ހިތާމަވެރި ހާދިސާގެ ފުރިހަމަ ތަހުގީގެއް ފުލުހުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގާފައި ވަނީ ވޭލް ޝާކްއާ ގުޅޭ ދިރާސާއެއް ހަދަން ސްޓަޑީ ޓުއާއެއްގައި ގޮސް އުޅެނިކޮށެވެ.
އެ ހާދިސާއާ ގުޅިގެން މި އަހަރުގެ މެއި މަހުގެ ތެރޭގައި ފުލުސް އޮފިސަރުން ސިންގަޕޫރަށް ގޮސް ސްޓަޑީ ޓުއާގައި އުޅުނު ދަރިވަރުންނާއި މުދައްރިސެއްގެ ބަޔާން ހޯދާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ތަހުގީގު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެހެނިހެން އިދާރާތަކާ ގުޅިގެން ޒިންމާދާރުކަމާއެކު ކުރަމުންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ އަރުވައިފައެވެ. އަދި ހުޅުވާލެވިފައިވާ ތަހުގީގެއް ކުރިއަށް ގެންގޮސް، ތަހުގީގު ނިންމައި، ރިޕޯޓް ކަމާބެހޭ އެންމެހާ އިދާރާތަކަށް ފޯރުކޮށްދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނޮވެމްބަރު އަށްވަނަ ދުވަހު 'ސަން' އަށް މައުލޫމާތުދެމުން ފުލުހުން ބުނީ ދިގުރަށުގައި ސްނޯކްލިންއަށް ދިޔަ ކުއްޖާ ދޯނިން މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހި ޒަޚަމްވެގެން ހެލްތު ސެންޓަރަށް ގެންދިޔައީ އެ ދުވަހުގެ ހެނދުނު ކަމަށެވެ. އެ ކުއްޖާ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިފަދަ ހާދިސާތައް ރާއްޖޭގައި ހިނގުން އާއްމެވެ. ރާއްޖޭގެ ރީތިކަން ތަޖުރިބާކުރަން ކުރާ ދަތުރުގައި، އުޅަނދެއްގެ ބުރަފަތީގައި ޖެހި ހިތާމަވެރި ގޮތަކަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުން ރާއްޖޭގައި މަރުވެފައި އެބަހުއްޓެވެ. މިފަދަ ހާދިސަތައް ރާއްޖޭގައި ކައިރިކައިރީ ހިނގަމުން އަންނައިރު، މިކަމާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން ގެންނަ ފަރާތްތަކުގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރަން ކުރެވިދާނޭ ފަސޭހަ ކަންކަން ހުރިއިރު އިދާރާތަކުން އެ ކަމާ އަޅައިނުލާ ހަނު ހުރުމެވެ. މި ފަދަ ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާކަމުގެ ނިޝާނެއް ވެސް ނުދޭތީއެވެ.
ރާއްޖޭގައި މޫދުގައި ހިނގާ ހާދިސާތަކުގައި މަރުވާ ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް ތަފާސްހިސާބުން ދައްކައެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 2020ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މޫދުގައި ހިނގި އެކިއެކި ހާދިސާތަކުގައި 112 ފަތުރުވެރިން މަރުވެފައިވެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ގެނބިގެން މަރުވުން ކަމަށްވާއިރު އެފަދަ 68 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.