ޔާމީން ގެއްލުން: "ރާއްޖެއިން ބޭރަކަށް ނުދޭ، ތުހުމަތުކުރެވޭ ކަމެއް ފާހަގަނުވޭ"

ގެއްލިގެން ހޯދަމުންދާ މާލޭ ގ. ގާނެޓް، ހަސަން ޔާމީން: ރާއްޖެއިން ބޭރަށް ގޮސްފައިނުވާ ކަމަށާއި، ތުހުމަތުކުރެވޭ ކަމެއް ތަހުގީގަށް ފާހަގައެއް ނުވި --

ގެއްލިގެން ހޯދަމުންދާ ގ. ގާނެޓް، އުމުރުން 30 އަހަރުގެ ހަސަން ޔާމީން ރާއްޖެއިން ބޭރަށް ގޮސްފައިނުވާކަމަށާއި، އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރު ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދާތާ ހަފުތާއެއްވިއިރު އަދިވެސް އޭނާ ފެނިފައެއް ނުވެއެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރުދުވަހުގެ ރޭ 21:25 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ނިކުތްފަހުން ޚަބަރެއް ނުވާ ކަމަށެވެ. އެއާއެކު މިދިޔަ ހޯމަ ދުވަހުގެރޭ 20:30ހާއިރު، އޭނާގެ އާއިލާއިން އެކަން ފުލުހަށް އެންގިއެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ޔާމީން ހޯދުމުގެ މަސައްކަތް ފުލުހުން އަދިވެސް ކުރަމުންދާ ކަމަށެވެ. އާއިލާގެ ފަރާތުން އޭނާ ގެއްލިފައިވާ ކަމުގެ ރިޕޯޓު ލިބުނު ހިސާބުން، ގެއްލިގެން ހުށަހަޅާ މީހުންގެ މައުލޫމާތު ފޯމު ފުރިހަމަކޮށް، ގުޅުންހުރި ބަހާތަކަށާއި މުއައްސަސާތަކަށް އެ މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ތަހުގީގުގެ މަސައްކަތްތައް ފަށައި، އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

https://sun.mv/208649

ފުލުހުން ބުނީ މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. އަދި އާއިލާގެ އެއްބާރުލުމާއެކު އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރު ތުހުމަތުކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް ބުންޏެވެ.

އަދި އޭނާ އުޅޭ އެޕާޓްމަންޓަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

އަދި ތަހުގީގުން އޭނާ ގައުމުން ބޭރަށް ގޮސްފައި ނުވާކަން ކަމާގުޅުންހުރި އިދާރާތަކުން ކަށަވަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ޔާމީނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް، ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053އަށް ގުޅައި، މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެއެވެ.

މީހުން ގެއްލުމުގެ މައްސަލަތައް މި ފަހުން ވަނީ ވަރަށް އާންމުވެފައެވެ. ގެއްލިގެން ރިޕޯޓުކުރާތާ މާ ގިނައިރު ނުވެ، ގިނަ ފަހަރު މީހުން ފެނެއެވެ.

comment ކޮމެންޓް