"ޔެސް... ޓެލް މީ..." އިކާން ގަލަން ބާއްވާފައި ނިޝްރީނަށް ނަޒަރު ހުއްޓައިލިއެވެ.
"ވަރަށް ދުވަސްވެއްޖެ މިވާހަކަ ބުނަން ބޭނުންވެގެން... އެކަމަކު... ސޮރީ މިހާ ދުވަހު...." ނިޝްރީން ހުރީ ވާހަކަ ފަށާނެކޮޅެއް ނޭނގިފައެވެ.
********
"އޯކޭ އިށީނދޭ!..." ކުރިމަތީގައި ހުރި ގޮނޑިއަށް އިޝާރާތްކުރަމުން އިކާން ބުނެލިއެވެ.
ނިޝްރީން ދެފިކުރެއްގައި ހުރެފައި އިށީނެވެ. ދައްކަން އުޅޭ ވާހަކައިގެ ބާވަތުން ވާހަކަ ފަށަން އުނދަގޫވެގެން، ފުންކޮށް ދެތިން ނޭވާ ބޭރުކޮށްލިއެވެ. ދެއަތް ދެއަތާއި ޖޯޑުކޮށްލައިގެން އިންއިރު، ނިޝްރީންގެ މޫނުން ކޮންމެވެސް ވަރެއްގެ ހާސްކަމެއް ފެންނަން ހުއްޓެވެ.
"ރޫބީއަކީ އަޅުގަނޑު ހީކުރި ކަހަލަ ކުއްޖެއް ނޫން..." އިކާންއަށް ބަލައިލަމުން، ނިޝްރީން ބުނެލިއެވެ.
ރޫބީގެ ނަން އިވުމުން އިކާންގެ ނަޒަރު ތަފާތުވިކަން ނިޝްރީނަށް އެނގުނެވެ. އެކަމަކު، އެންމެ މުހިއްމު ހިސާބުން ވާހަކަ ހުއްޓާލާފައި ދާކަށް ނިޝްރީން ބޭނުމެއް ނުވިއެވެ.
"އަޅުގަނޑު މިވާހަކަ މި ދައްކަނީ މިތަނުގެ މުވައްޒަފެއްގެ ހައިސިއްޔަތަކުން ނޫން... އިކާންއަށްވުރެ ބޮޑު މީހެއްގެ ހައިސިއްޔަތުން، އިކާންއަށް ހެޔޮ އެދޭތީ... ބޭނުމެއް ނޫން ރޫބީ ކަހަލަ ކުއްޖެއްގެ މަޅީގަ އިކާން ކަހަލަ ރަނގަޅު ކުއްޖަކު ޖެހޭކަށް... ރޫބީއަކީ އެއްވެސް އަހުލާގެއް ނެތް ކުއްޖެއް..." ދުރުދުރުން ވާހަކަ ދައްކަން ނުހަދާ ނިޝްރީން ސީދާ މައުޟޫޢުއަށް ދިޔައެވެ.
އިކާން ދޫކޮށްލީ ފުން ނޭވާއެކެވެ. އެއްވެސް މީހަކު ރޫބީގެ ގޯސް ވާހަކައެއް ދައްކާ އަޑު އަހާކަށް އިކާނަކަށް ފަސޭހައެއް ނުވިއެވެ. އުމުރުގެ ގޮތުން ދެމީހުންގެ މެދުގައި ހުރި ފަރަގަށް ބަލައި، ނިޝްރީނަށް ގަދަރުކުރި ނަމަވެސް، އިކާންގެ ކައިރީގައި ރޫބީއާއި ބެހޭގޮތުން ދޮގު ވާހަކަތަކެއް ދެއްކުމުގެ ހައްގެއް ނިޝްރީނަކަށް ނޯންނާނެއެވެ.
"އޯކޭ.. ބުނަން ތިއުޅޭ އެއްޗެއް އެނގިއްޖެ... ދެން އެންމެ ރަނގަޅު ދިޔަސް..." ހިތްހަމަނުޖެހުނު ނަމަވެސް އިކާން މަސައްކަތްކުރީ ރީތިކޮށް ވާހަކަދެއްކޭތޯއެވެ.
"ގިނަފަހަރު އެންމެ ދެރަވާ ކަންތައް ވާނީ އެންމެ ކައިރީގަ އުޅޭ ގާތް މީހުންގެ ފަރާތުން..." ވާހަކަ ދައްކާނެ ފުރުސަތު އިތުރަށް ނުލިބޭނެކަން އެނގޭތީ ހުއްޓާކަށް ނިޝްރީން ބޭނުމެއް ނުވިއެވެ. "ރޫބީގެ މަގުސަދު ގޯސްކަން އެންމެ ފުރަތަމަ ދުވަހުންވެސް އެނގިއްޖެ... ރޫބީ އުޅެނީ ފައިސާއާ މުދަލުގެ ބޭނުމު......"
ނިޝްރީންގެ ޖުމުލަ ފުރިހަމަވުމުގެ ކުރިން އިކާން އަތުން އިޝާރާތްކޮށް ނިޝްރީންގެ ވާހަކަ ހުއްޓުވިއެވެ. ރޫބީގެ ގޯސް ވާހަކައެއް އިތުރަށް އަޑުއަހަންވެއްޖެނަމަ، އިކާން ހިފަހައްޓައިގެން އިން ރުޅިގަނޑު ފަޅައިގެން ހިނގައިދާނެތީ އޭނާ ޖެހިލުންވިއެވެ. މަސައްކަތުގެ މާހައުލުގައި އިކާނަކީ މީހުންނަށް ގަދަރުކުރާ ވެރިއެކެވެ.
"ކިހާއިރަކު މިއަދު މީޓިންގ އޮތީ؟..." ފަޒާލް ގުޅުމުން ފުރުސަތުގެ ބޭނުން ހިފައި، ފޯނު ކަންފަތުގައި ޖަހަމުން، އިކާން ކޮޅަށް ތެދުވިއެވެ.
ނިޝްރީން އޭނާގެ ފޯނުން ކޮންމެވެސް އެއްޗެއް ހޯދިއެވެ. އެކަންތައް އެހާ ފަސޭހައިން ދޫކޮށްލާ ވަރަށްވުރެ ނިޝްރީންގެ އަޒުމު ވަރުގަދައެވެ. އިކާން ދިޔުމުގެ ކުރިން ފޯނު ދިއްކޮށްލިއިރު، ކުރެވުނީ ރަނގަޅު ކަމެއްބާއޭ ނިޝްރީންގެ ހިތަށް އަރަމުން ދިޔައެވެ. އެއްކޮޅުން ނިޝްރީނަށް ލިބިފައިވި އިންޒާރެވެ. އަނެއްކޮޅުން ކަމެއް ގޯސްވެއްޖެނަމަ، ނިޝްރީންގެ ވަޒީފާއަށް ވެދާނެ ގޮތެކެވެ. ފޯނުގައި ހިފިއިރު، އިކާންގެ ހިތް ބާރަށް ތެޅެއެވެ. ފެންނަން އުޅުނީ ކިހާ ވަރެއްގެ އެއްޗެއްކަން އިކާނަށް ކުޑަކޮށްވެސް ނޭނގެއެވެ.
********
ރެސްޓޯރެންޓްގެ ސިޑިން މައްޗަށް އަރައިގެންދިޔަ މިފްޒާލް ހުރީ ރަސްމީ ހެދުމުގައެވެ. މަޑު ނޫކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނުގައި ބެގީކޮށްފައި ހުންނައިރު، އެހެން ދުވަސްދުވަހަށްވުރެ ދިގުކަމަށް ދައްކައެވެ. މިފްޒާލްގެ ފިރިހެންވަންތަކަން އިތުރުކުރުވާފައިވީ، ސްޓައިލްކޮށްލާފައި އޮތް އޭނާގެ އިސްތަށިގަނޑުން ބައެއް މައްޗަށް ހިއްލާލައި ނިތްކުރިމައްޗަށް ވައްޓާލާފައި އޮތް ގޮތުންނެވެ. މިފްޒާލް ފެނުމުން، މޭޒު ކައިރީގައި އިން އިބާ ކޮޅަށް ތެދުވިއެވެ. ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލަމުން، އަތުން ހަނާ އަޅައިލިއެވެ. މިފްޒާލް އަންނާނެކަމަށް އިބާ ކުޑަކޮށްވެސް އުއްމީދު ނުކުރާ ކަހަލައެވެ.
އިބާ ލައިގެން ހުރީ، ކަޅު ކުލައިގެ ދޫ ހަރުވާޅަކާއި، ހުދުކުލައިގެ އަތްދިގު ޓޮޕެކެވެ. ޓޮޕް ގައިގައި ހިފާލާފައި ހުރިއިރު، އިބާގެ ހިމަ ހޯލިކޮޅެއްފަދަ ހަށިގަނޑުގެ ވަނާތައް ހުރީ ރީތިކޮށް އެނގޭށެވެ. އެ ހެދުމުގައި އިބާ ހީވަނީ ވިއްސަކަށް އަހަރުގެ ޒުވާނެއް ހެންނެވެ. ކޮށްފައިވާ މޭކަޕާއި އެއްވަރަށް އިބާގެ ރީތިކަން އިތުރުކުރުވާފައިވީ ހާމައަށް ދޫކޮށްލާފައިވާ އިސްތަށިގަނޑުގައި ޖައްސާފައިވާ މުށި ކުލައިންނެވެ. އެ ކުލަ އިބާގެ ދޮން ހަންގަނޑާއި ނުހަނު ގުޅެއެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މިފްޒާލްގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. އިބާ ފެނިގެން މިފްޒާލްގެ ހިތަށް ގޮތެއް ވި އެއީ ފުރަތަމަ ފަހަރެވެ. ކުޑަކޮށް ހުއްޓުން އެރި ނަމަވެސް، މިފްޒާލް އަމިއްލަ ނަފުސު ހަމައަކަށް އެޅުވިއެވެ.
"ވާއު... ސޯ ހޭންޑްސަމް..." މިފްޒާލް ހިނގާފައި އައި މަންޒަރު ބަލަން އިބާ ހުރީ އިށީންނަންވެސް ނޭނގިފައެވެ.
"ކީއްކުރަން މިތަނަށް އަންނަން ބުނީ؟..." ގޮނޑީގައި އިށީންނަމުން މިފްޒާލް އަހައިލީ ފަރުވާކުޑަ ރާގަކަށެވެ.
"މިތަން ފިނިތަ؟..." އިބާ ފުރަތަމަވެސް ކުރީ އެސުވާލެވެ. "ކުއްލިއަކަށް ހީކަރުވާ ކަހަލަ ގޮތެއް ވަނީ... އެކަމަކު ހާޓަށް އެކަނި އެހެން ވަނީ... ހާޓްގަ އިސްތަށި ހުރިއްޔާ ހުންނާނީ މިހެން..."
މިފްޒާލް ދެފަރާތަށް ބޯ ހޫރައިލިއެވެ. އިބާގެ މައުސޫމުކަން ފެނި ރުޅި އަންނަން އުޅުނަސް، މިފްޒާލަކަށް އެކަމެއް ނުވެއެވެ. ހިނި އައި ނަމަވެސް މިފްޒާލް މޫނުމަތިން ދެއްކީ ސީރިއަސް ކަމެވެ.
"އެހެން މީހުންގެ އެޓެންޝަން ބޭނުން ނޫނިއްޔާ އިށީނދޭ!..." މިފްޒާލްގެ ރާގު ހަރުކައްޓެވެ. އެހެނަސް، ހިތް މަޑު ކަފަކޮޅެއްފަދައެވެ.
"ޔެސް ބޮސް..." އިބާ ވަގުތުން އިށީނެވެ.
"މިހާރު އިށީނދެވުނީ، ދެން އަވަހަށް ބުނޭ..." އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން މިފްޒާލް ބުނެލިއެވެ. "ދިހަ މިނެޓު ލިބޭނީ..."
"އޯކޭތަ މިފްޒާލްއަށް ޓްރަސްޓް ކުރިޔަސް؟..." އިބާ އަހައިލިއެވެ.
"ނޯ..." މިފްޒާލް ވަގުތުން ދެކޮޅު ހެދިއެވެ.
އިބާ ގޮނޑިން ތެދުވެގެން އައިސް މިފްޒާލްގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. މިފްޒާލްގެ އަތުގައި އިބާގެ އަތް ޖެހޭހައި ކައިރީގައެވެ. އިބާ އޭނާގެ ދަތްދޮޅީގައި ދެއަތް ވިއްދާލާފައި މައުސޫމު ގޮތަކަށް މިފްޒާލަށް ބަލައިލިއެވެ. އިބާ އެފަދަ ކަމެއް ކުރުމުން، މިފްޒާލަށް ވަށައިގެން ބަލައިލެވުނީ ބިރެއް ފެނުމުން ބަލައިލާ ހެންނެވެ. މާލޭގައި މިފްޒާލް ދަންނަ މީހުން ގިނައެވެ. އެތަނުގައި މިފްޒާލް ދަންނަ މީހަކު ނެތް ކަމެއްވެސް އޭނާއަށް ނޭނގެއެވެ. އިބާއަކީ އަށާރަ އަހަރުނުވާ ކުޑަކުއްޖެކެވެ. އެފަދަ ގޮތަކަށް ދެމީހުން ތިބި ތަން މީހަކަށް ފެނިއްޖެނަމަ ނެގޭނީ ގޯސް މާނައެކެވެ. އިކާނަށް ނުވަތަ އިބާގެ މައިންބަފައިންނާއި ހިސާބަށް އެ ހަބަރު ގޮސްފިނަމަ، ކަންތައް ވަރަށް ގޯސްވާނެއެވެ.
"ދޮންބެ ކައިރީ ނުބުނައްޗޭ!... ރޭގަ ވަރަށް އެހެން ކަހަލަ ކަމަކާ ދިމާވެއްޖެ... މިފްޒާލް ނޫން މީހަކު ނެތް ޝެއަރކުރާކަށްވެސް..." އިބާ ވާހަކަ ދެއްކީ އެހެން މީހަކަށް އިވިދާނެތީ ސިއްރުންނެވެ. "އައި ތިންކް ބަޔަކު ޔަޒްދާންބެ ބްލެކްމެއިލް ކުރަނީ... އެނގެއެއްނު ދޯ ޔަޒްދާންބެ... ރޭގަ އެމީހާ އުޅުނީ ޔަޒްދާންބެގެ ގެއަށް ވަދެގެން... އިބާ އޭނަޔާ ފައިޓް ކުރީމޭ... ބަލާބަ، މިއޮތީ އޭނަގެ ޖީބުން ނެގި އެއްޗެއް... ނެގީއެއް ނޫން އިނގޭ... ދަމައިގަތީ، ލައިކް ސްޓީލްކޮށްލީ... މޮޅު ދޯ؟..."
އިބާ މޭޒުމަތީގައި ބޭއްވީ ކުޑަ ކަރުދާސްކޮޅެކެވެ. ކަރުދާސްކޮޅަށް ބަލައިލި މިފްޒާލް އެއްފަހަރު އިބާގެ މޫނަށް އަނެއް ފަހަރު ކަރުދާސްކޮޅަށް ބަލައިލިއެވެ. މިފްޒާލްގެ މޫނުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ. އިބާގެ ބިރުކުޑަކަން އެނގި، މިފްޒާލަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.
"އަހަރެން ބުނީމެއްނު އަހަންނަށް ޓްރަސްޓް ނުކުރާށޭ... އަހަންނަށް ތިކަހަލަ ކަންކަން ސިއްރެއް ނުކުރެވޭނެ... އިބާ ތީ ކުޑަކުއްޖެއް.." މޭޒުމަތީގައި އޮތް ކަރުދާސްކޮޅު ނަގާ ޖީބަށް ލަމުން މިފްޒާލް ބުނެލިއެވެ.
"އިބާއަކީ ކުޑަކުއްޖެއް ނޫނޭ... އެއިޓީންވާން ކައިރިވެއްޖޭ..." އިބާ ތުން ފިއްތައިލިއެވެ.
"އެއިޓީންވިޔަސް، ބައެއް ކުދިން ތިބޭނީ ކުޑަކޮށ... ތިގޮތަށް ތުންދިގުކުރާނީ ކުޑަކުދިން..." މިފްޒާލް އިބާގެ ގޮނޑި ދުރަށް ޖައްސައިލިއެވެ.
"ކަރުދާސްކޮޅު ފޮރުވިޔަސް، އިބާއަށް ތި އެޑްރެސް އެނގޭ... އިބާ ތިކަން ހޯދާނަން... އެއިޓީން ވާއިރަށް އިބާ ވާނީ ޕޮލިހަކަށް... ތި އެންމެން އިންވެސްޓިގޭޓް ކުރާނަން..." އިބާ ފުސްމޫނު ހަދާލައިގެން ހުރެ ގޮސް އޭނާ ކުރިން އިން ގޮނޑީގައި އިށީނެވެ.
އިބާގެ ކޮންމެ ޖުމުލައަކުން މިފްޒާލްގެ ހިތަށް ކުރިން ނުވާ ގޮތްތަކެއް ވަމުން ދިޔައެވެ. އެ އަޑު އިވުމުންވެސް މިފްޒާލްގެ ހިތަށް ފިނިވާން ފެށިއެވެ. ކުޑަކުއްޖަކު ބޮޑާހޭކުމުގެ ގޮތުން ބުނާ ކަހަލަ ޖުމުލަތަކެއް އިބާ ބުނި ނަމަވެސް، މިފްޒާލަށް އެ ޖުމުލަތައް ކަމުދިޔައީ ކީއްވެ ކަމެއް ހުދު އޭނާއަށްވެސް ނޭނގުނެވެ.
********
"ސުވާލެއް ކޮށްލަންތަ؟..." ޔަޒްދާންގެ މޫނަށް ބަލަން އިން ރޫބީ އަހައިލިއެވެ.
"ހާދަ ދުރުކޮށްލީ؟ އަހާފަ ނޫނީ އަހަންނާ ސުވާލެއްވެސް ނުކުރެވޭނެތަ؟.." ޔަޒްދާން ރޫބީގެ މޫނަށް ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ.
"ބަލިވީމަ އެހީ..." ރޫބީއަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ.
"ސީރިއަސްވީތަ؟... އެއީ މަޖަލަށް ބުނި އެއްޗެކޭ... އަވަހަށް ސުވާލުކުރަން ފަށާ..." ރޫބީއަށް ވީގޮތް ފެނި، ޔަޒްދާން ޖަހައިލީ ލުއި ހިނިގަނޑެކެވެ.
"ކިހިނެއް އެނގުނީ ކަމެއް ވެއްޖެކަން؟... ކީއްވެ ގެއަށް ނުދާން ބުނީ؟..." ކުޑައިރުކޮޅަކު ވިސްނަން އިނދެފައި، ރޫބީގެ ހިތަށް އުނދަގޫކުރަމުންދިޔަ ސުވާލުތައް ޔަޒްދާނަށް ކުރިއެވެ.
ޔަޒްދާން ވިސްނައިލިއެވެ. ކޮންމެވެސް ދުވަހަކުން ހަގީގަތާއި ކުރިމަތިލާން ޖެހޭނެއެވެ. ރޫބީއަށް ހަގީގަތް ހާމަކުރަންޖެހޭ ވަގުތު އައިސް ޖެހުނީކަން އެނގުނުއިރު، އެކަމަށް ޔަޒްދާނަކަށް ތައްޔާރެއް ނުވެވުނެވެ. ވާހަކަ ފަށާނެ ކޮޅަކަށްވެސް އޭނާއަށް ޖެހުނީ ވިސްނާށެވެ.
"އިޓްސް އަ ލޯންގް ސްޓޯރީ..." ޔަޒްދާން ލޯ މަރައިލިއެވެ. "މިވާހަކަ ދައްކަން ބޭނުން... އެކަމަކު، ކޮން ހިސާބަކުން ކަމެއް ނޭނގެ ފަށަންވީ...."
"ޔަޒްދާންއަށް އުނދަގުލިއްޔާ އޯކޭ މިގަޑީ އެވާހަކަ ނުދެއްކިޔަސް..." ޔަޒްދާން ބަލިއެނދުގައި އޮއްވާ، އުނދަގުލެއް ލިބޭ ކަހަލަ ކަމެއް ކުރާކަށް ރޫބީގެ ހިތް އެއްބަހެއް ނުވިއެވެ.
"ނޫނޭ... މީ ރޫބީއަށްވެސް އެނގެންޖެހޭ ވާހަކައެއް..." ޔަޒްދާން ރޫބީއަށް ހަގީގަތް ހާމަކުރަން ނިންމީ، އެއިން ކަމަކާއި ނަޖާތާއި ގުޅުމެއް އޮވެދާނެކަމަށް ނިންމާފައެވެ. ރޫބީއާއި ގުޅިގެން ކަންކަން އިތުރަށް ހޯދަން ފަސޭހަވާނެތީއެވެ. "ހުރިހާ ކަމެއް ފެށުނީ މީގެ ވިހި އަހަރު ކުރިން... އެދުވަހުގެ ހާދިސާ ހުރިހާ ކަމެއް ބަދަލުކޮށްލި... އަހަރެންގެ ދިރިއުޅުންވެސް... އެހެން ބައެއްގެ ދިރިއުޅުންވެސް..."
"ވިހި އަހަރު ކުރިންނޭ؟..." ރޫބީގެ ނަޒަރު ތަފާތުވިއެވެ. ރޫބީގެ ހަނދާނަށް އައީ މާޒީގެ ބިރުވެރި ހާދިސާއެވެ. އެދުވަހު ފެނުނު ބިރުވެރި މަންޒަރު މިއަދުވެސް ރޫބީގެ ހިތަށް ސިފަކުރެވެއެވެ.
"ރޫބީއަށްވެސް އެނގޭނެ ކަންނޭނގެ އޭރު މާލޭގަ ހިނގި އެންމެ ބޮޑު ކިޑްނެޕިން ކޭސްތަކުގެ ވާހަކަ... އޭރު ވަރަށް މަޝްހޫރުވި ވާހަކައެއް އެއީ... ހަބަރުތަކަށްވެސް އެރި... އެދުވަހު ހަތަރު ކުދިން ކިޑްނެޕްކުރި... އޭގެ ތެރެއިން އެކަކު ސަލާމަތްވީ... ދެޓް ވޯޒް އަ މިރެކަލް... އެ އަންހެންކުއްޖާއަށް ނުފެނުނުނަމަ، އެކުއްޖާގެ ދިފާއުގަ ނުދިޔަނަމަ، މިއަދު އެކުއްޖާވެސް ސަލާމަތުން ދުނިޔޭގަ ނުހުރީސް ކަންނޭނގެ..." ޔަޒްދާން އެހިސާބަށް ބުނެފައި ހުއްޓައިލިއެވެ.
ވާހަކަ ދައްކަމުން ދިޔައިރު، ޔަޒްދާނަށް ރޫބީއާއި ހަތަރުކަޅި ހަމަކުރާކަށް ފަސޭހައެއް ނުވިއެވެ. ރޫބީވެސް އެއްޗެއް ނުބުނެ ޔަޒްދާންގެ މޫނަށް ބަލަން އިނެވެ. ޔަޒްދާން ވާހަކަ ދައްކަމުން ދިޔަގޮތުން ވިސްނަންވީ ގޮތެއްވެސް ނޭނގިފައެވެ. ޔަޒްދާންގެ ވާހަކަ ހުރީ އަމިއްލައަށް ދިމާވި ކަމެއްގެ ވާހަކަ ކިޔައިދޭ ފަދައަކުން ނޫން ކަމުގައިވީތީއެވެ.
"ދެރައީ އަދިވެސް އެކަން ކުރި މީހުން ހައްޔަރު ނުކުރެވޭތީ... އެއްވެސް ހެއްކެއް ނެތް... ދެން ގެއްލުނު ތިން ކުދިންގެ ހަށިގަނޑުވެސް ނުފެނޭ... އެކުދިން ދުނިޔޭގަ ތިބެދާނެކަމަށް މިހާރު އަހަރެން އެއްވެސް އުއްމީދެއް ނުކުރަން... އެންމެން ގިވްއަޕްކޮށްފި... އެ ހާދިސާ މަތިން ހަނދާން ނައްތާލައިފި.." ޔަޒްދާންގެ މޫނުން ފެނުނީ މާޔޫސްކަމެވެ. ނުދައްކާ ފޮރުވާފައި ހުރި ހިތާމަތަކެވެ.
ސުވާލުތަކުން ރޫބީގެ ހިތް ފުރެމުން ދިޔައެވެ. އެދުވަހު ރޫބީ ސަލާމަތްކުރީ ކާކު ހެއްޔެވެ؟ ޔަގީނުންވެސް އެމީހަކީ ޔަޒްދާން ނޫންކަން ކަށަވަރުވާ ވަރަށް ޔަޒްދާންގެ ވާހަކަތައް ހެކިދީފިއެވެ. އެމީހަކީ ޔަޒްދާންއަށް ނުވާއިރު، ރޫބީއަށް ނުވިސްނުނީ، އެދުވަހު ރޫބީ އެތަނަށް ދޫކޮށްލި ކުޑަ ޔަޒްދާންގެ އަތުގައި އޮތް ސަބަބެވެ. ޔަޒްދާން އެ ކުޑަ ރޫބީއަށް ދިނީ ކީއްވެ ކަމެވެ. އެއީ އިއްތިފާގެއް ހެއްޔެވެ؟ ނޫނީ ޔަޒްދާންގެ ރޭވުމެއް ހެއްޔެވެ؟ ނޫނީ އިތުރު ބައެއްގެ އަތެއް އެކަމުގައި ވަނީ ހެއްޔެވެ؟
"މިހާރު އެކުއްޖާ ކޮބާ؟..." ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިންދާލަން މަސައްކަތް ކުރަމުން، ރޫބީ ސުވާލުކުރިއެވެ.
"ދުނިޔޭގަ އެބަހުރި... އެކަމަކު، އޯކޭއެއް ނޫން... މިހާރުވެސް އެކަނި ތަންތަނަށް ދާން ޖެހިލުންވާނެ... އަހަރެންގެ ސަބަބުން ހުރިހާ ކަމެއް ވީ... އެދުވަހު އަހަރެން އޭނަ އެކަނި އެތަނަށް ދޫކޮށްލާފަ ނުދިޔަނަމަ، މިހެން ނުވީސް..." ޔަޒްދާން ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ.
ރޫބީއަށް ފުންމައިގެން ގޮނޑިން ތެދުވެވުނެވެ. މީގެ ވިހި އަހަރު ކުރިން ރޫބީގެ ހިތް ފަތަހަ ކުރި މީހަކީ ޔަޒްދާނެއް ނޫނެވެ. ރޫބީގެ ކުޑަ ޔަޒްދާންގެ އަތުގައި އޮތަސް، އެދުވަހު ރޫބީ ސަލާމަތްކުރީ ޔަޒްދާންގެ ފުރާނައެއް ނޫނެވެ. އެއީ ކާކުކަން އެނގޭ ވަރަށް ހެކި ފެނި، އެމީހަކާއި އެހާ ކައިރީގައި އެތައް ދުވަހެއް ވޭތުކުރި އިރުވެސް، ރޫބީއަށް އެއީ ކާކުކަމެއް ނޭނގުނެވެ. ރޫބީގެ ދެލޮލަށް ގިނަވި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތެވެ. ހުރިހާ ހެއްކެއް ކުރިމަތިން ފެންނަން ހުރެމެ، ރޫބީއަށް އެކައްޗެއްވެސް ނޭނގުނެވެ. ނުވިސްނުނެވެ.
(ނުނިމޭ)