ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކާއި، ތަފާތު ހަރަކާތްތައް ހިމެނިގެން ކުރިއަށްދިޔަ މި ދަތުރުފުޅުވީ، މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުން ދޭ އަހުމިއްޔަތުކަން ފާހަގަކުރެވުނު ދަތުރުފުޅަކަށް ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ އިނގިރޭސި ރަސްގެފާނު، ކިންގް ޗާލްސް ތިންވަނަ އާވެސް ބައްދަލުކުރައްވާފައެވެ. ވިންޑްސާ ކާސަލްގައި ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމަކީ ދެ ގައުމުގެ ފަސްދޮޅަސް އަހަރުވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އިސްކަންދޭ މިންވަރު ކަށަވަރުކޮށްދިން ބައްދަލުވުމަކަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް މުއިއްޒު ކިންގް ޗާލްސްއާ ބައްދަލުކުރެއްވުން --
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ.
އޭގެ ތެރޭގައި ހައުސް އޮފް ކޮމަންސްގެ ސްޕީކާ ލިންޑްސޭ ހޮއިލް އަދި ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމެންޓް އެފެއާޒް، ޑޭވިޑް ލެމީ ހިމެނިވަޑައިގެންނެވިއެވެ. އެބޭފުޅުންނާއެކު މަޝްވަރާކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމާއި، ތައުލީމާއި ސްކޮލާޝިޕްގެ ފުރުސަތުތަކާއި، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ.
މީގެ އިތުރުން ރައީސް ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ޝާލީ އަޔޯކޯ ބޮޗްވޭއާވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ކޮމަންވެލްތުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުގައި އެއްބާރުލުންދެވޭ މިންވަރު އިތުރުކުރުމާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

"މޯލްޑިވްސް- ޔޫކޭ ބިޒްނަސް ފޯރަމް"ގައި ރައީސް މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
ހަމައެއާއެކު ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ވުނަކުރުމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްހުރި ފުރުސަތުތަކަށް އަލިއަޅުވާލައި ބޭއްވި "މޯލްޑިވްސް- ޔޫކޭ ބިޒްނަސް ފޯރަމް"ގައި ވެސް ރައީސް ބައިވެރިވެވަޑައިގަތެވެ. މި ފޯރަމްގައި، ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ވެސްޓް ލަންޑަން ޗެމްބާސް އޮފް ކޮމާސްއާއި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ.
އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތައް ކުރިއަރުވައި، ޕްރިމިއަމް އެކްސްޕޯޓް ޕްރޮޑަކްޓެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ދިވެހި ސީފުޑް ޕްރޮމޯޓްކުރުމަށް ބޭނުންކުރާ މަރުކާގެ ގޮތުގައި "ފްރޮމް މޯލްޑިވްސް" މި ފޯރަމުގައި ވަނީ އިފްތިތާހުކޮށްފައެވެ.