ދިވެހި ފިލްމު އިންޑަސްޓްރީގެ ތާރީޚުގައިވެސް މިހާތަނަށް އެންމެ ގިނަ ޝޯތައް ދައްކައި، މި އިންޑަސްޓްރީގެ އެންމެ ކާމިޔާބު ފިލްމަށް ފާތިމަތު ނަހުލާގެ "ސޮރީ" ވާނެ ކަމުގެ ޔަގީންކަން ލިބިއްޖެއެވެ.
މިދިޔަ ޖޫން މަހުގެ 17ގައި ދައްކަން ފެށި ނަހުލާގެ ޑްރާމާ ފިލްމު ޕްރިމިއާ ކުރިއިރުވެސް އޮތީ އެތައް ޝޯތަކެއް ހައުސްފުލްކޮށެވެ. ބާރު ބޮޑު އޮލިމްޕަހަށް އިތުރު ހަލަބޮލިކަމެއް ގެނައީ ނަހުލާ ބްރޭކަކުން އައިސް ނެރުނު މި ފިލްމުންނެވެ. ނަހުލާގެ ކުރީގެ ފޭނުންނާއި އާ ފޭނުންވެސް ތިބީ ސޮރީއަށް ކެތްމަދުވެފައެވެ.
އެއާއެކު މިހާރު ތައްޔާރުވަނީ ފަހު ހަފުތާގެ ޝޯ ދެއްކުމަށެވެ. އޮލިމްޕަހުގައި އެކަނިވެސް ފިލްމު އަޅުވައިގެން 43 ހައުސްފުލް ޝޯއެއް އެބައޮތެވެ. ނަހުލާ ހާމަކޮށްފައިވާ ގޮތުގައި ސޮރީގެ ސިނަމާގައި ދެއްކުން ނިންމާލާއިރު އޮލިމްޕަހުގައި އެކަނިވެސް 52 ޝޯއެއް އަޅުވާނެއެވެ. މި ޝޯތަކަށް ޓިކެޓު ދޫކުރަން ފަށާފައިވާ ކަމަށްވެސް ނަހުލާ ބުނެއެވެ.
މީގެ ކުރީން އެންމެ ގިނަ ޝޯތައް ދެއްކި ކަމުގެ ރެކޯޑު އޮތީވެސް ނަހުލާ އަތުގައެވެ. އެއީ ނަހުލާގެ ހިޓް ޑްރާމާ ފިލްމު "ޔޫސުފް" އިންނެވެ. ނަހުލާ 2008 ވަނަ އަހަރު ނެރުނު އަސަރުގަދަ ޔޫސުފް ވަނީ 50 ޝޯއެއް ހައުސްފުލްކޮށް ދައްކާފައެވެ. އެއާއެކު ނަހުލާ މުގުރާލަން ރެޑީ ވަނީ އޭނާގެ 17 އަހަރުގެ ދިގު ރެކޯޑެކެވެ.
އެ ފިލްމު އޮލިމްޕަހުގެ އިތުރުން އަތޮޅުތަކާއި ރާއްޖެއިން ބޭރުގައި ވެސް ވަނީ އަޅުވާފައެވެ.
ނަހުލާ ހާމަކޮށްފައިވާ ގޮތުގައި މި ފިލްމު ވަނީ އަތޮޅުތަކުގައިވެސް ރެކޯޑު އަދަދަކަށް ދައްކާފައެވެ.