ނ. ކެނދިކުޅުދޫގެ ސްކޫލް ދަރިވަރުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ދެ ބަސް އެ ރަށަށް ގެންދިޔުމުގެ މަސައްކަތް ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އަފޫ ހާމިދު ވިދާޅުވީ ކެނދިކުޅުދޫ ސުކޫލަށް ދިމާވެފައިވާ ބަހުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން އެ ރަށު ސުކޫލަށް ބޭނުންވާ ދެ ބަސް ގެންދިއުމަށްޓަކައި މިހާރު ލޯޑުކޮށްފައިވާ ކަމަށެވެ.
އެގޮތުން ކުރިޔަށް އޮތް ތަނުގައި އެ ޚިދުމަތް ފޯރުކޮށްދޭނީ ސީދާ އެމްޓީސީސީގެ ބެލުމުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.
'ސަން' އާ ވާހަކަދައްކަވަމުން މެންބަރު އަފޫ ހާމިދު ވިދާޅުވީ މީގެ ކުރިން ބަހުގެ ޚިދުމަތް ސްކޫލް ދަރިވަރުންނަށް ފޯރުކޮށްދެމުން ދަނީ ސްކޫލުން އަމިއްލައަށް ކަމަށެވެ. ނަމަވެސް އަވަސް އަވަހަށް މަރާމާތު ކުރަން ޖެހި، ދަރިވަރުންނަށް އެ ޚިދުމަތް ލިބުމުގައި ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
ދެހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ކެނދިކުޅުދުއަށް ވެސް އެ ޚިދުމަތާއެކު މަންފާ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސްކޫލް ދަރިވަރުންގެ އިތުރުން ރަށުގެ ރައްޔިތުންނަށް ވެސް ދެން ބަހުގެ ޚިދުމަތް ލިބޭނެއެވެ.
އެކަން ފަހިކޮށްދެއްވި ކަމަށްޓަކައި މެންބަރު ވަނީ ރައީސް މުއިއްޒަށާއި، އެމްޓީސީސީއަށް ޝުކުރުއަދާކުރައްވައިފައެވެ.
އާރްޓީއެލް ބަހުގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ރަށްތަކުގައި ލިބެއެވެ.
ރާއްޖޭގެ އެންމެ ދިގު ރަށްތަކުގެ ތެރޭގައި ހިމެނޭ ކެނދިކުޅުދޫގެ ދިގު މިނުގައި 4.9 ކިލޯމީޓަރު ހުރެއެވެ. ރާއްޖޭގެ އެންމެ ދިގު ރަށް ކަމަށްވާ ލ. ގަމުގެ ދިގުމިނުގައި ހުންނަނީ 7.8 ކިލޯމީޓަރެވެ.