ވަޓްސްއެޕްގެ "ސްޓޭޓަސް"އިން އިޝްތިހާރު ދައްކަން ފަށަނީ

މެޓާގެ ދަށުން ހިންގާ މަޝްހޫރު މެސެޖިން އެޕްލިކޭޝަން، ވަޓްސްއެޕުން އެ ކުންފުނީގެ އެންޑްރޮއިޑް ބީޓާ ވާޝަނަށް ދެ ފީޗާއެއް އިތުރުކޮށް، ޓެސްޓްކުރަން ފަށައިފިއެވެ.

މި ދެ ފީޗާއަކީ "ސްޓޭޓަސް އެޑްސް" އާއި "ޕްރޮމޯޓެޑް ޗެނަލްސް"އެވެ. މިކަން ހާމަވެފައިވަނީ ވަޓްސްއެޕްގެ ބީޓާ ވާޝަންތަކުގެ މައުލޫމާތު ހިއްސާކުރާ "ޑަބްލިއުއޭބީޓައިންފޯ"އިން ނެރުނު ރިޕޯޓެއްގައެވެ.

ރިޕޯޓްގައިވާ ގޮތުން، ވަޓްސްއެޕްގެ އެންޑްރޮއިޑް ބީޓާ ވާޝަން 2.25.21.11 ޓެސްޓްކުރާ ބައެއް ފަރާތްތަކަށް މިހާރު މި ފީޗާތައް ފެންނާނެއެވެ. މިއީ މީގެ ކުރިން ޖޫން މަހުގެ 17ވަނަ ދުވަހު މެޓާއިން އިއުލާންކުރި ފީޗާތަކެކެވެ.

ކެޕްޝަން..

ސްޓޭޓަސް އެޑްސް ފީޗާގެ ދަށުން ވިޔަފާރި އެކައުންޓްތަކަށާއި ކޮންޓެންޓް އުފައްދާ ފަރާތްތަކަށް އެމީހުންގެ ވިޔަފާރި ނުވަތަ އުފެއްދުންތައް ވަޓްސްއެޕްގެ "ސްޓޭޓަސް" ސެކްޝަންގައި އިޝްތިހާރު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މި އިޝްތިހާރުތައް ފެންނާނީ ޔޫޒަރުންގެ ކޮންޓެކްޓްތަކުގެ ސްޓޭޓަސްތަކުގެ ދެމެދުންނެވެ. ނަމަވެސް، މިއީ އިޝްތިހާރެއްކަން އަންގައިދިނުމުގެ ގޮތުން "ސްޕޮންސާޑް" ލޭބަލެއް ޖަހާފައި ހުންނާނެއެވެ. އަދި ޔޫޒަރަކު ބޭނުން ނޫންނަމަ، ވަކި އިޝްތިހާރެއް ދައްކާ ފަރާތެއް ބްލޮކްކޮށް، އެފަރާތުގެ އިޝްތިހާރުތައް އަލުން ނުފެންނަ ގޮތް ހެދުމުގެ އިޚްތިޔާރު ވެސް ލިބޭނެއެވެ.

ޕްރޮމޯޓެޑް ޗެނަލްސް އަކީ ވަޓްސްއެޕްގެ ޗެނަލްތައް އިޝްތިހާރުކޮށް، ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް އަމާޒުކޮށްފައިވާ ފީޗަރެކެވެ. ވިޔަފާރިއަކުން އެފަރާތެއްގެ ޗެނަލް އިޝްތިހާރުކޮށްފިނަމަ، އެ ޗެނަލް ވަޓްސްއެޕްގެ ޗެނަލް ޑައިރެކްޓަރީގައި ފާހަގަކޮށްލެވި، އާދައިގެ ގޮތަކަށްވުރެ އަވަހަށް ގިނަ ފޮލޯވަރުން ހޯދުމަށް މަގުފަހިވާނެއެވެ. މިފަދަ ޗެނަލްތަކުގައި ވެސް އެއީ އިޝްތިހާރުކުރެވިފައިވާ ޗެނަލެއްކަން އަންގައިދޭ ކުޑަ ލޭބަލެއް ހުންނާނެއެވެ.

"ޑަބްލިއުއޭބީޓައިންފޯ"ގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، މި އާ ފީޗާތަކުގެ ސަބަބުން ވަޓްސްއެޕް ބޭނުންކުރާ އާންމު ފަރާތްތަކުގެ ޕްރައިވެސީއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި، މިއީ ވިޔަފާރިތަކަށް ކުރިއެރުމަށް ލިބޭ ފުރުސަތެއް ކަމަށް މެޓާއިން ބުނެއެވެ.

މީގެ ކުރިން ބީޓާ ވާޝަނެއްގައި ވަޓްސްއެޕުން ވަނީ އިޝްތިހާރުތަކުގެ ތަފުސީލީ ރިޕޯޓެއް ޑައުންލޯޑްކުރެވޭނެ ފީޗާއެއް ވެސް ތަޢާރަފުކޮށްފައެވެ. މި ރިޕޯޓުގައި އިޝްތިހާރުކުރި ފަރާތާއި، އިޝްތިހާރު ފެނުނު ތާރީޚް ފަދަ މައުލޫމާތު ހިމެނޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު