ތަހައްޖުދު ނަމާދު ކުރާ މީހުންނަށް މި އާޔަތާއި ހަދީސްއިން ހިތަށް އިތުރު އުފާވެރިކަމާއި ހަމަޖެހުން ލިބިގެންދާނެއެވެ.

" ގުރުއާނުގެ އަލްއިސްރާ ސޫރަތުގެ ހަތްދިހަ ނުވަވަނަ އާޔަތުގައި ﷲ ވަހީކުރައްވާފައިވެއެވެ."وَمِنَ اللَّيْلِ فَتَهَجَّدْ بِهِ نَافِلَةً لَّكَ عَسَىٰ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودً"

ރޭގަނޑުގެ ފަހު ބައިގާ ﷲ ތައާލާ ފުރަތަމަ އުޑަށް ފައިބާ ވަޑައިގަންނަވާކަމަށް ބުޚާރީ ހަދީސެއްގައިވެއެވެ. ﷲ ތައާލާ ވަހީކުރައްވާކަމުގައިވެއެވެ." ތިމަން އިލާހުގެ ހަޟުރަތުގައި ދުޢާ ދަންނަވަނީ ކާކުހެއްޔެވެ؟ އޭނަގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ތިމަން އިލާހުގެ ހަޟުރަތުން ކަމަކަށް ބޭނުންވެގެން އުޅެނީ ކާކުހެއްޔެވެ؟ ތިމަން އިލާހު އެމީހަކަށް ބޭނުންކަމެއް ފުއްދަވައިދެއްވާހުށީމެވެ. ތިމަން އިހާލުގެ ހަޟުރަތުގައި ފާފަ ފުއްސެވުމަށް އެދެނީ ކާކުހެއްޔެވެ؟ އެމީހެއްގެ ފާފަ ފުއްސަވާ ދެއްވާހުށީމެވެ.

***

މިރިއަމް ހަށަން ބަދެލައިގެން ހުރިއިރު ނިޔަފަތިތައް އަތަށް ވަންނަމުން ދިޔައެވެ. ޒުބޭރު ގަބޫލުނުކުރުމުން ރުޅިއަންނަ ގޮތްވިއެވެ." ހުވަފެނެއްހެނެއް ނޫން ފެނުނީ. މިބުނީނު ފެނުނޭ....ހުވަފެނާއި ހަގީގަތާއި އޮޅޭވަރެއް އަދި ނުވޭ......"

ޒުބޭރު އަރައިރުންވެ ޖަދަލުކުރާކަށް ނޫޅުނެވެ. އެކަމަކު އޭނަ އެވާހަކަ ގަބޫލެއްވެސް ނުކުރެއެވެ. އޭރުވެސް މިރިއަމްގެ ނަޒަރުވީ އެ ޝަޚުސް ފެނުނު ދިމާލުގައި ހަރުލާފައެވެ.

"މިރިއަމް ނިދައިލަންވީނު. އަހަރެން ހޭލާ ހުންނާނަން...އެއްވެސް މީހަކަށް މި ކޮޓަރިއާއި ކައިރިއެއްނުވެވޭނެ. ގެއްލުމެއް ނުދެވޭނެ..އަހަރެން ޔަގީންކަން ދެން..."

މިރިއަމް މުޅި ގައިގާ ރަޖާ ލައިގެން އަނެއް ފަރާތަށް އެނބުރުނަސް ނިދި ވަނީ އޭނައާއި ރުޅިވެފައެވެ.

***

ހާރިސާ ބަންލާފައި ދޮރާށި ޖެހުމަށްފަހު ކޮންކްރީޓް ތަޅުމުގައި ފައިވާނުން އަޑުގޮއްވަމުން ކުދިކިޔަމުން ކުރިއަށް ދިޔައެވެ. ކަޅުކުލައިގެ ސްކާފްގެތެރެއިން އިސްތަށިތައްވެސް ސަލާމަތްވާން މަސައްކަތްކުރާއިރު ބުރަކަށީގައި ކުޑަގުދުކަމެއްވިއެވެ. އޭނަ ރުޅިއައިސްގެން ހުރިއިރު ލޮލުގައިވެސް އަލިފާނުގެ ވިދުމެވެ. ސިޓިންރޫމަށްވަދެ ފައިތިލައިން ފައިވާން ދަމައިގަނެފައި ހޫރައިލިއެވެ. ކައުޗްގައި ނިކަން ހަމަޖެހިލައިގެން ޕާކިސްތާނުގެ ސީރީޒްއެއް ބަލަން އިން ހީރާއަށް މަންމަގެ ރުޅިގަނޑު އިހުސާސްވުމުން ރިމޯޓުން އަޑު މަޑުކޮށްލިއެވެ.

"އެންމެފަހުން އަހަންނަށް އެ ފިރިހެނާ ފެނިއްޖެ..."

"މަންމަ ތިކިޔަނީ ކާކުގެ ވާހަކައެއްތަ؟"

"އެ ޗާލާކު ހަރުފަ ދޫ ލިބިފައިވި ގާނޫނީ ވަކީލެއްގެ ނަމުގައި އުޅޭ މުނާފިގުގެ ވާހަކަ މަންމަ މިކިޔަނީ.. ގަސްތުގައި އެކަލޭގެ ކުރިކަމެއް...މަގޭ މާމަދަރީގެ އެއްވެސް ކުށެއްނެތި އޭނަގެ މޫނަށް ބަލާލާފައި ޖަލަށް ލީ...ސޫޓެއްލައިގެން ހުރި އެ މޮޔަކަލޭގެ މަގުމަތިން ހިފި މީދަލެއްހެން އަހަރެމެންގެ ދަރި ޖަލަށް ކޮށްޕައިލީ.." ހާރިސާގެ އަޑު ކުރަކިވެގެން ވާހަކަދައްކަން ދަތިވިއެވެ. އޭނައަށް ފަރުވާލެއްނެތެވެ. މޭޒުމަތީގައި ހުރި ޖަގުން ބިއްލޫރިތަށްޓަކަށް ފެން އޮއްސައިލިއެވެ.

"އެންމެ އަޖައިބުވަނީ އޭނަ އަހަރެމެންނަށް ދިފާއުގައި އަނގަ ހުޅުވައިލުމުގެ ފުރުސަތެއްނުދިން.. އަހަރެމެންގެ މަތިން އަރާ ވާހަކަދައްކައިގެން އަދި އޭނަ ހީކުރި ކާމިޔާބެއްކަމަށް އެލިބުނީ....ވައްﷲ އެކަމުގެ ހިތިކަން ފެންނާނެ...އަދި އެ ފަނޑިޔާރު....އެތާ ހަމަ އިނީ ގަނޑުވެފައިއިން މަހެއްހެން...ﷲ ދެނެވޮޑިގެންވާނެ. އަހަރެން މިކަމާއިމެދު އެއްޗެއް ނުބުނެ ހަނު ހިމޭނުން ހުރިތާ ކޮންދުވަހެއް.."

އޭނަ ފެންތަށި ދަމައިލުމަށްފަހު އަތުގެ ނުފުށުން އަނގަމަތި ފޮހެލައިފިއެވެ. ބިއްލޫރިތަށި މޭޒުމަތީގައި ބެހެއްޓިއިރު އިނގިލިތައް ތުރުތުރުލައެވެ.

ހީރާއަށް ރަގަޅަށް ވާހަކަ އޮޅުން ފިލަން ފެށުމުން ހަށިގަނޑު ސީދާކޮށްލިއެވެ."މަންމާ....ތިބުނީ ކީކޭ؟"

"ކަލޭގެ ދަރި ޖަލަށް ލީ މީހާ ހުރިތަން ހޯދައިފިން..އަހަރެމެންގެ ދަރީގެ ކުރިމަގު ހަލާކުކޮށްލާފައި އޭނަ ލަދެއް ހަޔާތެއްނެތި މީހަކާއި އިނދެފި...." އޭނަ އިތުރަށް އޮޅުން ފިލުވާދިނެވެ.

"މަންމަ އޭނަ ހޯދައިގަތީ ކިހިނެއްތަ؟މަންމައަށް ލަގަބެއް އަރުވަން ހައްގު. މޮސާޑް އެޖެންޓެއްގެ މަގާމަށްވެސް މަންމަ ހަމަ ގާބިލުކަން ދައްކުވައިދީފިން... ."ހީރާވެސް އޭނަގެ މަންމައާއި ބައިވެރިވިއެވެ. އެދެމީހުންގެ ހިތުގައި އުފަންވެފައިވާ ނަފްރަތުގެ އަލިފާންގަނޑު އަނދައިގަތްއިރު ދެމީހުންވެސް ބަދަލުހިފުމުގެ މަޝްވަރާކުރުމުގައި ސޯފާގައި ހޭލާތިބިއިރު އެކަމުގެ ހިލަމެއްނެތި ޒުބޭރުއާއި މިރިއަމް ނިދީގެ ވާދީއަށް ދަތުރުކޮށްފިއެވެ.

***

މިރިއަމްއަށް ހޭލެވިގެން އިރުކޮޅެއްވާންދެން އޮވެވުނުތަނާއި ވަގުތުވެސް އޮޅޭގޮތްވިއެވެ. ފަތިސްނަމާދަށް ބަންގިގޮވައިފިހެއްޔެވެ؟ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ހިތަށް ލިބިފައިވިއެވެ. މިއީ އޭނައާއި ޒުބޭރުގެ ފުރަތަމަ ފަތިސްނަމާދެވެ. ޒުބޭރު އިމްޕްރެސްކޮށްލަން ކޮންމެހެންވެސް ވާނެއެވެ. ޒުބޭރުއަށްވުރެ ކުރިން ހޭލައިގެން ނަމާދުކޮށް ކުރި އަތުލާން ނިންމިއެވެ. ކުޑައިރުހެން ހުރިހާ މުބަރާތްތަކުގައާއި އެހެން ކަންތައްތަކުގައި އަބަދުވެސް ޒުބޭރުއާއި ވާދަކުރުމުގެ ގޮތްގަނޑު އަދިވެސް ނަފުސްގައި ހަރުލާފައިވަނީއެވެ. އަނެއް ފަރާތަށް އެނބުރި ބަލައިލިއިރު ޒުބޭރު ފެންނާކަށް ނެތެވެ.

އޭނަ ގަޑިއަށް ބަލައިލިއިރު އަދި ގަޑީގެ ކަށި ހަތަރެކާއި އަރާ ހަމަވަނީއެވެ. އެހާ ފަސޭހައިން މިތަނުން ދިޔައީ ތަޅުންމަތީގައި އޮންނަން އުދަގޫވެގެން ކަމަށް ވެދާނެއެވެ. އެހާވެސް އަރާމެއް ނުލިބުނީހެއްޔެވެ؟ ނޫނީ ސިޓިންރޫމްގައި ހުރި ކައުޗްގައި އެ ފިރިހެނާ ނިދަން އޮތީހެއްޔެވެ؟ ކޮޓަރިން ނުކުމެގެން ހިނގައިގަތްތަނާހެން ފެނުނީ މުސައްލަ ފަތުރާލާފައި އޮތްވައެވެ. ޒުބޭރު އޮތީ ސަޖިދައިގައެވެ. އަވަހަށް އޭނަ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއިރު މޮޅިވެރިކަމެއް ލިބުނެވެ. އޭނަ ޒުބޭރުއަށް ދީން ފިލާވަޅެއްދޭން ހިތުލާފައިވަނިކޮށް އެކަންވެސް އަތުން ބީވެގެން ދިޔައީއެވެ.

މިރިއަމްއަށް ދަސްވީ އެހެން ފިލާވަޅެކެވެ. ހިމޭންކަމުގެ މާނައެވެ. އޭނަ ހުރީ ގަދަނިދިން ޒުބޭރު ހޭލައްވާ އޭނަގެ އަޅުވެރި ދީނީ ބައި ދެއްކުމަށެވެ. އެކަމަކު އޭގެ ކުރިން ޒުބޭރު މިހިރީ ތަހައްޖުދު ނަމާދުކުރުމުގައި ޚުޝޫއަތްތެރިކަން މަތީގައެވެ.އެއާއެކު އޭނަގެ ބޮލަށް އެއްޗެއް ވަނެވެ.ޒުބޭރުގެ ނަމާދުތަކުގައި ދެއްކުންތެރިކަމެއްނެތެވެ. ނަމާދުކުރަނީ މިރިއަމްއަށް ކަންދެއްކުމުގެ ނިޔަތުގައެއްނޫނެވެ. އިޚުލާސްތެރިކަމާއެކުގައެވެ. މިރިއަމް ހޭލައިގެން އޭނަގެ މި އަމަލަށް ތައުރީފުކުރާނެކަމުގެ އުއްމީދުގައެއްނޫނެވެ. ޒުބޭރު ތަހައްޖުދު ކުރަނީ އޭނަ އެ ހަޔާތަށް އައުމުގެ މާ ކުރިންފެށިގެން ކަން ނޭގެއެވެ. ބައެއް މީހުންނަށް ތަޖުރިބާނުކުރެވޭފަދަ ފޮނިކަމެއް އެ ނަމާދުތަކުން ލިބެނީއެވެ. އޭނަގެ ހިތަށް އެކި އެއްޗެހި އަރާ ފޭބިއެވެ. ސަޔާރާގެ ޖުމްލައެއް ކަންފަތުގައި ގުގުމަންފެށިއެވެ. (الرِّيَاءُ )އައްރިޔާއަކީ ފޮރުވިފައިވާ ޝިރުކެކެވެ." އެހެން މީހުންނަށްޓަކާ އަމަލުތައް ރީތިކޮށް ދޭން އުޅޭ މީހާ، ﷲ ތައާލާ އެބަޔަކަށް ދޫކޮށްލައްވައެވެ."

ޒުބޭރު އެހެން މީހުން ރުއްސަން އަޑު ރީތިކުރާކަށް ނޫޅެއެވެ. ނޫނީ އޭނަގެ ޚުޝޫއަތްތެރިކަމާއި މަޑުމޮޅިކަންވެސް އެހެން މީހަކަށް ދައްކަން ނޫޅެއެވެ. އެއީ ހަމަ ﷲތައާލާގެ ރުހިވޮޑިގަތުން ހޯދުމަށް އަމަލުތައް ބައްޓަންކުރާ އަޅުންގެ ތެރޭގައި ހިމެނޭ އެކެކެވެ. މިރިއަމްގެ ކަނދުރާގައި ވި ލޯލިތައް ކޮޅަށް ޖެހުނެވެ. އޭނަ އިރުގަނޑެއްކުރިން ނަމާދުކުރަން އުޅުނީ ޒުބޭރުގެ ކުރިމަތީގައި މޮޅުވާންވެގެންނެވެ. އަޅުކަން ސިއްރުންކުރުމުގައި ބަޔާންނުކުރެވޭފަދަ ފޮޮނިކަމެއްވެއެވެ. އިޚުލާސްތެރިކަމުގެ ބުރަދަންވެސްމެއެވެ.

***

ޒުބޭރު މުސައްލަމަތީގައި ތަވާޟުއުވެރިކަމާއެކު އިށީދެލައިގެން އިނެވެ. އޭނަގެ ދަންވަރުގެ މިގަޑި މިހެން އިންނަތާ ކޮން ޒަމާނެއްހެއްޔެވެ؟ އެތައް އަހަރެއްވެދާނެއެވެ. އެތައް އިރެއްވާންދެން އޭނަ ސަޖިދައިގާ އޮވެއެވެ. އޭރު އޭނައަކީ ހިކިކަމުން ވަޔާއި ގޮސްދާނެހެން ހީވާފަދަ ކުއްޖެކެވެ. އެކަމަކު ވުޟޫއިންނާއި ކަރުނުން މޫނު ތެތްވެ، އަޑު ތުރުތުރުއަޅާ ހާލުގައި އޭނަ ގެ ރައްބުގެ ހަޟުރަތުގައި މިހެން ހުރެ ކޮންމެ ރެއެއް ވޭތުކުރެއެވެ. އެންމެ ކައިރީގައިވާ އެއްޗަކީ މަރުކަން ދެނެގެންނެވެ. އެވަގުތު ފޮރުވިގެންވާތީއެވެ. މަގުން ހިނގާފައި ދަނިކޮށް، ކޮފީއެއްގައި އިންދާ، ސްޓޭޖްމަތީގައިވަނިކޮށް ނޫނީ އަޅުކަމެއްގައި ހުއްޓާވެސް މަރުގެ މަލާއިކަތާ ފުރާނަ ހިއްޕަވާފާނެކަން ރަގަޅަށް އެނގޭ ހާލުގައެވެ. ބައެއްރޭތަކުގައި އޭނަ ދެރަވެގެންގޮސް ހަލާކުވާވަރުވެއެވެ. އަނެއްބައިރޭގައި އާދޭސް ދަންނަވައެވެ. އަނެއްބައި ރޭގައި ހަމަ ހިތާހިތުން ލޯބިވާ ފަރާތްތަކުގެ ނަން ކިޔައިލެވެއެވެ. އަނެއްބައިރޭ ހަމަ ކިޔާނެ އެއްޗެއް ނޭގިފައި ސަޖިދައިގާ އޮވެވެއެވެ. ހަމައެކަނި ކަރުނަ އޮއްސުމުގައެވެ. ކަރުނައިގެ ބަސްމޮށުމެވެ. އިޖާބަވީ ކިތައް ދުޢާހެއްުޔެވެ؟

އޭނަގެ އަންހެންކޮއްކޮ ބަލިހާލު ބޮޑުވެ އުއްމީދި ކަނޑާލާފައި އައިސީޔޫގައި އޮތްވާ ހަފްތާތަކެއްފަހުން އެކުއްޖާގެ ހާލު ރަގަޅުވާންފެށީ އެންމެން ހައިރާންކޮށްލާފައެވެ. އޭނަގެ ފިރިހެންކޮއްކޮ ބޮޑުވަމުން އައިވަރަކަށް ދީނާއި ދުރުވެ ނުވީތާކަށް ފޭސްބުކް ގްރޫޕެއް ހެދިއެވެ. އިސްލާމް ދީނަށް ފުރައްސާރަކުރުމާއި ހަޖޫޖެހުމަށް މަޝްހޫރުވިއެވެ. ދީނުގެ ކޮންމެ ލަފުޒެއް، ކޮންމެ އަމަލެއްވީ ޖޯކަކަށެވެ. ނަމަވެސް މިހާރު އޭނައަށްވުރެ ކުރިން ކޮއްކޮ ނަމާދަށް ތެދުވެއެވެ. އޭނަގެ އަމިއްލަ ނަފުސްވެސް ގެއްލި ހައްގުގެ މަގުން އެއްކިބާވާން ޖެހުނު ސަބަބަކަށް ސިޔާސީ ކަންތައްތަކާއި ފައިސާ ހިމެނުނެވެ. ފައިސާއާއި ނުފޫޒަކީވެސް މީހާގެ އީމާންތެރިކަން ގެއްލި ހަވާނަފުސަށް ހެއްލިގެންދާ ބިރުވެރި ވަސީލަތެކެވެ. އޭނަ މަގުން ކައްސައިލަން އުޅެނިކޮށް ހިދާޔަތް ދެއްވިއެވެ.

މިހިސާބަށް އައުމުން ދިރިއުޅުމުގެ އެހެން ބާބެއް ފެށުނީއެވެ. އޭނަގެ އުމުރުން ބާރަ އަހަރުއްސުރެ މިރިއަމްދެކެ ލޯބިވާންފެށިއެވެ. އެކުއްޖާއަށް އެއްވެސް ވަރަކަށް އެކަން އެނގުމެއްނެތިއެވެ. އޭނަގެ ދުޢާތަކުގައި މިރިއަމްވެސް ހިމެނުނެވެ. ނުސީދާކޮށެވެ.

"ގިވް މީ ވަޓްސް ބެސްޓް ފޯ މައި ދީން، މައި ލައިފް އެންޑް މައި އާޚިރަތް"

"މޭކް ހާރ ދަ ވަން.....އޯ ޓޭކް އިޓް ފްރޮމް މައި ހާޓް ޖެންޓްލީ..."

އެތައް އަހަރެއް ފާއިތުވެއްޖެއެވެ. އޭނައާއި މިރިއަމް ދަތުރުފެށީ ތަފާތު ދެ މަންޒިލަކަށެވެ. ނަމަވެސް ދަތުރުގެ މިސްރާބު އަނެއްކާ ބަދަލުވެ ތަގުދީރު އެދެމީހުން ގެނެސް ހަމަ އެއް ސާހިލަކަށް ލައްގައިފިއެވެ. މިހާރު މިރިއަމްވަނީ އޭނަގެ ގާތުގައެވެ. ނިދާ ކޮޓަރީގައެވެ. އޭނަގެ އަނބިމީހާގެ މަގާމުގައެވެ.

އޭނަގެ ތަގުދީރުގައި ލިޔުއްވާފައިވަނީ މިރިއަމްއެވެ. އެހެން ހިތަށް އަރާ ކޮންމެ ފަހަރަކު އޭނައަށް އަސަރުކުރެއެވެ. ހިތަށް މަޑުމޮޅިކަން ވެރިވެއެވެ. ދުޢާވެސް ކިހާ ބާރުގަދަހެއްޔެވެ؟ ގުރުއާނުގެ އަލްއިސްރާ ސޫރަތުގެ 79 ވަނަ އާޔަތް ކިޔަވާއިރުވެސް އޭނަގެ ކަށިތަކަށްވެސް އަސަރުކުރާހެން ހީވެއެވެ. ހަގީގަތުގައިވެސް ދަމުނަމާދު ކުރުމަކީވެސް ނަފުސާއި ކުރެވޭ ހަގުރާމައެކެވެ. ހޫނު އެނދުގެ އަރާމު ދޫކޮށް ތެދުވުމާއި، ވަރުބަލިވެފައިވާ ހަށިގަނޑު އަރާމުކުރަން އާދޭސްކުރަނިކޮށް ކޮޅަށް ހުރުމާއި، މިރޭ އެކަނި ދޫކޮށްލިޔަސް ރަގަޅުވާނެކަމަށް ބުނެ ޝައިތާނާ ވަސްވާސްދިނުމުންވެސް އޭނަ ހަމަ އެހުރިހާ ކަމަކާއި ދެކޮޅަށް ތެދުވުނެވެ. މިހާރު ދަމުނަދާދުގެ ފޮނިކަމާއި ލިބޭ ހިތްހަމަޖެހުން ބޮޑުކަމުން އިންތިޒާރުކުރެވެއެވެ. ހީނުކުރާ ގޮތްގޮތަށް ދުޢާވެސް އިޖާބަވެއެވެ.

ބައެއްފަހަރު ދުޢާކުރާ އެއްޗެއް ނުލިބި އެހެން ދިމާލަކުން އެއަށްވުރެ ރަގަޅު އެއްޗެއް ލިބެއެވެ. އެންމެ ފުރިހަމަގޮތުގައެވެ.

އޭނަގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ބޯ އެސްފިޔަތައް ފޫދުއްވާފައި އޮހިގަތެވެ.

އެންމެން އޭނައާއިމެދު ދެކެނީ ލާނެތް ޖޯކަރެއްގެ ގޮތުގައެވެ. އެކަމަކު އޭނަގެ ހިތް ދެނެވޮޑިގެންވަނީ ހަމަ އެކަނި ﷲ ތައާލާއެވެ.

***

ޒުބޭރު އޭނަގެ ވަޒީފާއާއި ގުޅޭ ކޮންމެވެސް މަސައްކަތެއްގައި ގެއިން ނިކުތްފަހުން މަންމަގެ ރިޕޯޓް ބަލާދާން މެސެޖްއައެވެ. ގޮނޑީގައި އިންތިޒާރުގައި ތިބިއިރު މިރިއަމް އިނީ މަންމަގެ އަތުގައި ހިފަހައްޓާލައިގެންނެވެ. މަންމަގެ ނަޒަރު ހުސްކަމުގެ ތެރެއަށް ހުއްޓިފައިވާއިރު ކޮންމެވެސް އެއްޗެއްކިޔަމުން ދިޔައެވެ. ދުޢާއެއްހެއްޔެވެ؟ ނޫނީ ކުރީގެ ހަނދާނެއް އާވީއެވެ. މަންމަގެ އަތުގެ ހޫނުކަމާއިއެކު ނާޒުކްކަން އިހުސާސްވީއިރު އޭނަގެ ލޯ ކަރުނުން ފުރުނެވެ. އޭނަވަނީ ކުރިން އެ މަންމަގެ އަތުން ދޫކޮށްލާފައެވެ. ބައްޕަ ނިޔާވުމުން އެހެން މީހަކާއި ކައިވެނިކުރިކަމަށްޓަކާ މަންމައަކީ ކުށްވެރިއެެއްކަމަށް ކަނޑައެޅުނެވެ. އަމަލުކުރެވެން ފެށީ ކުށްވެރިއަކާއިމެދު ގެންގުޅޭ އުސޫލުންނެވެ. އެ ދޫކޮށްލި އަތުގައި އޭނައަށް ހިފުނުއިރު މަންމައަށް އެކަން ރޭކާލާހެނެއް ހިޔެއްނުވެއެވެ. އޭނަގެ ގާތުގައި އިނަސް މަންމަވަނީ ދުރުގައެވެ. މަންމަގެ ޚިޔާލުތަކަށް ވަނުމުގެ ހުއްދަ އޭނައަކަށްވެސް ނުލިބެއެވެ.

ދޮރު ހުޅުވުމާއެކު އޭނަގެ ހިތަށް ފިނިވާންފެށިއެވެ.

"މިސިޒް ޖަމީލާ؟" ނަރުސްކުއްޖާ ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.

ނަރސްކުއްޖާ އޭނަގެ ގާތުގައި އެދުނީ އެތެރެއަށް ވަނުމަށެވެ. އޭނަ މަންމަގާތު މަޑުކުރާނެކަމުގައެވެ.

"ޑޮކްޓަރ ސާރާ ރިޒަލްޓާއި ބެހޭގޮތުން ވާހަކަދައްކައިލަންވެގެން..."

އޭނަ އެތެރެއަށް ވަންއިރު ޑޮކްޓަރ ސާރާއާއެކު އެހެން ޑޮކްޓަރެއް ވިއެވެ. ޑޮކްޓަރ ހަމްޒާއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު