"އިމާމް އިބުނު ގައްޔިމު ރަހިމަހުﷲ ވިދާޅުވިއެވެ. ރިޒުގު ދަތިވާ ހަތަރު ސަބަބެއްވެއެވެ. ހެނދުނު ނިދުން، ނަމާދަށް ފަރުވާކުޑަކުރުން، ކަނެންތްކަން އަދި ޚިޔާނާތްތެރިވުމެވެ."
***
"ކައި އޭރު ކުޑަކުއްޖެއްނު.ކައިގެ މަންމައާއި މާމަ ނިންމީ ކައި ދުރުގައި ބަހައްޓަން....ކައި އަމިއްލައަށް ދިޔައީކީނޫން...އެހެންވީމަ ގިލްޓީވާނެކަމެއްނެތް.މިހާރު ކައި މިހިރީ މިތާގައި...ކޮންމެހެން ކަމެއް ފިކްސްކުރާކަށް ނޫން. ހަމަ އައީ....އެވަރުވެސް ފުދޭނެ....."ޒޭބާ ވިސްނައިދިނެވެ.
ބޭރުން މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން ޒޭބާ ފުންމައިގެން ތެދުވެ ހިޖާބު ނަގާ ބޮލުގައި އޮޅައިލިއެވެ. ދެވަނަ ސިކުންތުގައި ދުއްވައިގަތީ އަލަމާރިއާއި ދިމާލަށެވެ. ދޮރުފަތުގައި ޓަކިދޭން ފެށުމާއެކު އަޒިއެލްގެ އަޑު އިވުނެވެ." ސުލްހަވާންވެގެން މިއައީ....އެއްވެސް ކުޅަދުރެއްނެތް އިނގޭ........."
ކައިލާ ދޮރު ހުޅުވައިލިއިރު ހަރަކާތްތަކުގައި ލަސްކަމެއް ހުއްޓެވެ.
އަޒިއެލް ތަބަކެއްގައި ދެތަށި ސަޔާއިއެކު ކުކީޒްތަކެއް ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ. އަދި އެއް ޖޯޑު ނަގާފައި ދިއްކޮށްލީ ހިނިތުންވެލަމުންނެވެ. ޖޯޑުގައި ސްޓިކާއެއް ތަތްކޮށްފައިވިއެވެ."ކައިލާ. ދުނިޔޭގައިވާ އެންމެ ހަމަޖެހޭ އަންހެންކުއްޖާ އަދި ކުޑައިރުގެ ސިއްރުތައް ހިފަހައްޓާ ވެރިޔާ"
ކައިލާއަށް ނުފިހެއްޓިގެން ހޭންފެށުނެވެ. ކުޑައިރުގެ މަޖާ ހަނދާންތައް އާވުމުން ދެބެންނަށްވެސް ހެވުނީއެވެ. އިރުގަނޑެއްފަހުން ކައިލާ ސައިތަށި ހިފައިގެންގޮސް ކުޑަދޮރުގެ ސީޓުގައި އިށީދެ ހަމަޖެހިލިއެވެ. އަޒިއެލްއަށް ހިމޭނުން ނުހުރެވެއެވެ. މޭޒުމަތީގައި ހުރި ރީތިވާ ސާމާން ޗެކްކޮށް ވަސްބަލާ ފޮތްތައްވެސް ބަލަން އިރުކޮޅަކު ހުރެފައި އަލަމާރިއާއި ދިމާލަށް ހިނގައިގަތުމުން ކައިލާއަށް ފާޑަކަށް އަޑެއް ލައްވައިލެވުނެވެ. އޭނަ އެނބުރި ބަލައިލުމާއެކު ކުޑަދޮރުން ބޭރަށް އިޝާރާތްކޮށްލިއެވެ.
"ކޮބާ ޒޭބް؟" އޭނަ އަހައިލިއެވެ. ކައިލާއަށް ހާސްކަމާއެކު ވަށައިގެން ހޯދައިލެވުނެވެ. ދޮގު ހެދުމުގެ ހުނަރެއް ނެތުމުން އަނގަ ހުޅުވާފައިވެސް ލައްޕައިލެވުނީއެވެ.
"މިއީ ޒޭބްއަށް ގެނައި ސައި؟"
"ނޫން....އޭނައަށް ސައިދޭން ޚިޔާލުގައި ނެތް...މައިންޑް ތަންކޮޅެއް ބިޒީކޮށް އުޅޭތީ...ސިކްސްތް ސެންސް ކިޔާ އެއްޗެއް އަޑުއަހަންތަ؟ނޫނީ ސައިކިކް އާއި ޕްރެމޮނިޝަން...ބައެއްމީހުންނަށް މުސްތަގުބަލްގައިވާން ހުރި ކަންތައް ކިޔައިދެވޭ..ޕްރޮފެޓުންނަށް ވަހީ ބާވައިލައްވައެއްނު...އެކަހަލަ ކަންތައް ގަބޫލުކުރަމެއްނު...މިސާލަކަށް އަހަންނަށް ޒޭބް ހުރިތަން އެނގިއްޖެއްޔާ ސްޕެޝަލް އެބިލިޓީއެއް ހުރިކަމަށް އެންމެން އެއްބަސްވާނެ.އެކަމަކު...ބިރުން ފިލައިގެން އުޅޭ ކުދިން ހޯދުން އެހާ އޯކޭ ކަމެއްނޫން...." އޭނަ ސައިތަށި ހިފައިގެން އިށީނީ އެއްފައި މަތީގައެވެ.
"އަދިވެސް ގުރުއާން ޖައްވުގެ މެޕް ކުރަހަންތަ؟" ކައިލާ އެހިއެވެ.
"ހަމައެކަނި ވީކެންޑްގައި..."
އިރުގަނޑެއްވާންދެން އަޒިއެލް ވާހަކަދައްކަން އިނެވެ. ގިނައިން ވާހަކަދެއްކީ އަޒިއެލްއެވެ. ކައިލާ އަޑުއަހަން އިނީއެވެ. އޭނަ ދޮރު ހުޅުވާލާފައި ނުކުތުމާއެކުހެން ޒޭބާ އަލަމާރިތެރެއިން ނުކުމެގެން އައިއިރު އޭނަގެ މޫނު ހުދުވެ ނިތްކުރިން ދާތިކިތައް ހިއްލާލައިފިއެވެ.
"އަޒިއެލް ނަފްސާނީ މައްސަލައޭ ކިޔަސް މުޅިން އޮޅުވައިލަން ދައްކާ ވާހަކައަކާއި ވައްތަރީ..........ސީރިޔަސްކޮށް މިބުނީ..ދެން އަމިއްލައަށް ކުފުރުވާހަކަދައްކާފައި މިޒަމާނުގައި ދީން ގަބޫލުނުކުރާ މީހުން އެހެން މޮޔަކަމަށް ހެދިގެންފާނެ...ގަބޫލެއްނުކުރެވޭ....ހަމަ ވިސްނުން އެބަހުރި. އަނެއްހެން ބުނަންޏާ ހަމަ ސައިންސްވެރިއެއް... އަމިއްލައަށްވެސް އެކަމަށް ދައުވާ ކުރޭ..ފަލްސަފާވެރިން މޮޔައެއްނުވާނެ........."
މާހިރާ އަބަދު ޒޭބާގެ ގާތު އެހެން ކިޔައިގެން އޭނަގެ ސިކުނޑިވެސް ދޮވެވުނީއެވެ. އެފަދަ ޚިޔާލުތައް އަންނާންފެށިއެވެ. އޭނައަށްވެސް ޝައްކުވާންފެށީ އަޒިއެލް މަކަރުހަދަނީކަމެވެ. ބައެއްފަހަރު ދަރިން މާ ޅަކުރަން ހަދައިގެން ހަލާކުވަނީއެވެ.
"ނޫން..އެހެނެއްނޫން .ބައެއްފަހަރު ކެމިކަމް އިމްބެލެންސްގެ ސަބަބުން އެހެން ދިމާވަނީ.........."
"ކައި....ނަފްސާނީ ކަންތައްތައް ދިމާވަނީ އަޅުކަމާއި ދުރުވީމަ. ތަރުބިއްޔަތުގެ ސަބަބުން...އަޒިއެލް ހަމަ އެހެން އިންސާނެކޭ ތަފާތެއްނެތް..ތެދަށް ބުނަންޏާ އައްމާރުއަށްވުރެ އަޒިއެލްގެ ވިސްނުން ރަގަޅު...އެއީ ހަމަ މަކަރެއް..ހުވާ..ކައި ރަގަޅަށް ވިސްނައިލީމަ އެނގޭނެ..ނުދެނެހުރިކަމަށް ހަދައިގެން ހުރެ ނަބިއްޔުންނަށް ޖޯކުޖެހުން ބަލައިނުގަނޭ. އަޒިއެލް ހަމަ މުރުތައްދުކަމަށް މަންމަވެސް ބުނި..."
"ހަމަ ރަގަޅަށްވެސް އެހެން ބުނިތަ؟"
"އާނ...އަބަދުވެސް ބުނެއެއްނު މާމަވެސް ދަރިންނަށް ތަފާތުކުރާ ވާހަކަ....ދައްތަ ކިޔެވުމަށް މޮޅުވެފައި ހުނަރުވެރިކަމުންނާއި އިސްކޮޅުން އެހާ ދިގުވެފައި ރީތިވެފައި ދޮންކަމުން ޚާއްސަކަމެއް ބަހައްޓާވާހަކަ..ކާފަވެސް ދުނިޔޭގައި ހުރިއިރު މަންމަ ވަރަށް ދުރުކޮށްފައި ބެހެއްޓީ. އެހެންވެ މަންމަ އެހާ އިންސެކިއޯ ވެފައި ހުންނަނީ. އެހެން ހުއްޓާ ދައްތައަށް ދަރިން ލިބުނީމަވެސް އަންހެންކުއްޖާ މާމަ ބޮލަށް ޖަހާލާފައި ރަންދަރިން ގޮވައިގެން ލަންޑަނަށް ދެވުނީވެސް ކާފަމެން އަތް ހުސްކޮށް ތިބިހާ ފައިސާއެއް ޚަރަދުކޮށްގެން. އަޒިއެލްއަށް ބޭސްކުރުވާށޭ ކިޔާފައި.....ކައި އެހެން ހިތަށް ނާރާތަ؟ ބާކީވެފައި އެ ފީލިން؟" ޒޭބާގެ ވާހަކަތަކުން ކައިލާއަށް ހާސްކަމެއް ލިބުނެވެ.
"މަންމަ ބުނާގޮތުން ތިއްތި ބަލިވީމަ...އަހަރެންވެސް ހަދާން ހުރޭ...."
"ކޮންކަމެއް ހަދާން ހުންނަނީ؟ އެމީހުން ކިޔާދޭ އެއްޗެހި ދޯ..."
"ހޫމް...."ކައިލާ ކުޑަކޮށް ހީލިއެވެ.
އޭނަ ނުތަނަވަސްވާގޮތްވިއެވެ. މާހިރާދައްތަ އޭނައާއި އަބަދުވެސް ޒާތީވެ ފާޑުފާޑު ބަސްތައް އުކާކަން އެނގުނަސް ކެތްތެރިވެއެވެ. ބޮޑުދައިތަ އަބަދުވެސް ބުނާނީ އެއީ ފަރުޒާނާގެ ދަރިއެއްނޫންކަމަށެވެ. އެއްލާލާފައި އޮތްވާ ނަގައިގެން ދަރިއެއްގެ ގޮތުގައި ބަލައިގަތީކަމުގައެވެ. އެހެންކިޔަ ކިޔާ ބައެއްފަހަރު އެއީ ހަމަތެދަކަށްވެދާނެއޭވެސް އަމިއްލަ ޟަމީރު ސުވާލުކުރެއެވެ. މާމަ ފަރުޒާނާއަށް ވަކިން ޚާއްސަގޮތެއް ބަހައްޓާ ލިބޭހާ ފައިސާ އެމީހުންނަށް ފޮނުވާ ވާހަކައާއި އެހެން ދަރިންނާއި އަޅާނުލާވާހަކައަކީ އޭނަ އަބަދުވެސް އަހާ އެކަމަކު އެކަމަށް ހިތް އެއްބަސްނުވާ އަސްލެއް ނެތް ވާހަކަތަކެވެ.
***
ގޭގެ ފަހަތުގައިވާ ބަގީޗާއަށް ވަދެފައި މާހިރާ ހަމަ މޮޔަވާވަރުވިއެވެ. ހޫނު މޫސުމުގައިވެސް ކުޑަކޮށް ވާރޭ ވެހި ޖައްވު ފިނިވެފައި އޮތުމާއެކު ގަސްތަކާއި މާތައް ފެންނަނީ ތާޒާކޮށެވެ. ވިސްޓީރިއާ ލެވެންޑާ ފްލޮކްސް ޑޭޒީ ލިލީ ހައިޑްރެންޖިއާފަދަ އެތައް މާތަކާއެކު އާފަލާއި ވައްތީނި މޭބިސްކަދުރު އަދި ބެރީސްތަކުން ގަސްތައް ފަޅުފިލުވާފައިވުމުން އެތަނުގައި ކިތަންމެ އިރެއްވިޔަސް ފޫހިވުމެއްނެތެވެ. އެތަނުގައި އޭނަގެ ދައްތަ ފަރުޒާނާއާއި އެކީ ސައިބޯން އިންއިރުވެސް އޭނަގެ ހިތުގައި ހިނގަމުން ދިޔައީ ޝަކުވާއެވެ. މިއީ އިންސާފެއްނޫނެވެ. ބައްޕަމެންގެ ހުރިހާ މުއްސަދިކަމެއް ހޭދަކުރީ އަޒިއެލްއަށެވެ.
ދެކެވުނު ވާހަކަތަކުގެ ތެރޭގައި ފަރުޒާނާ ބުނި އެއްޗަކުން އޭނަގެ ހުރިހާ ހިއްސުތައް ކޮޅަށް ޖެހުނެވެ.
"އުމައިމާއަކީ އަހަރެމެންގެ އަވަށްޓެރިއެއް...އޭނަގެ ދަރިފުޅަށް އެމެރިކާއިން ވަޒީފާއެއްލިބިގެން އެގެ ރެންޓަށް ދީފައި ދަނީޔޯ...އެނގޭތަ؟ ކުރިން އަހަރެމެންގޭގައި ކިޔަވަން ހުރި ކުލްސޫމް.....ހަމަ ރޭ އޭނަ ގުޅާފައި ބުނީ ދަރިފުޅަށް މިކޮޅުން ޖޮބް ހަމަޖެހިގެން މިކޮޅަށް އަންނަނީ ޔޯ.....ކިހާ ރަގަޅު އެހެންވެ ހިތަށް އެރީ ތަންކޮޅެއް ރަގަޅު އަގެއްގައި އެމީހުންނަށް ހަމަ އެގޭގައި އުޅެވިދާނެއޭ.."
"ހާދަ ޒަމާންވެއްޖެ..އޭނަ އޭރު ނަހަލާލަށް ޕްރެގްވީގޮތަށް ޚަބަރެއް ނުވެ ފިލައިގެން އުޅުނީ..އަހަރެން ހީކުރީވެސް ރާއްޖެތެރޭގައި ހަމަ އެހެން ސާދާ ދިރިއުޅުމެއްގައި ކަމަށް އުޅެނީ. ހާދަ ކުރިއަށް ޖައްސާލައިފިތާ......." މާހިރާގެ ހިތުގައި ހަސަދައިގެ އޮއިވަރެއް ހިނގައިލިއެވެ. ކުލްސޫމް އަކީ އެއާއިލާގެ އެކުވެރިބަޔެއްގެ ދަރިއެކެވެ. ތައުލީމް ހާސިލުކުރަން މާލެ އައުމުން ރާއްޖެތެރޭގެ ބީރައްޓެހިކުއްޖަކަށްވުމުން ގެންގުޅުނީ އަޅެއްހެންނެވެ. އެހެން އަންހެންކުދިން މަސައްކަތެއްނުކޮށް ތިބޭއިރު ހުރިހާ މަސައްކަތެއް ކޮށް ގޭގެ ނޯކަރެއްހެން ކުލްސޫމް އުޅުނީ ތުންފިތައިގެން ހުރެއެވެ.
"ބަސްއަހާ ދަރިންނަކީ ހަމަ ނިއުމަތެއް..."
މާހިރާގެ ސިކުނޑިއަށް ވާންވިއެވެ. އޭނަގެ ހިތަށް ބިރުވެރިކަމުގެ ރާޅެއްޖެހިއެވެ. ކުލްސޫމްއަށް އަދި އެހެން މޮޅުވިޔަދީގެންނުވާނެއެވެ. އޭނަ ހޫނު މޫސުމް ނިމިގެން ޒޭބާ ގޮވައިގެން ރަށަށް ދިޔުމަކީ ނާކާމިޔާބީއެވެ.
ވަށައިގެން ފެންނަ މަންޒަރުތައްވެސް އިރުކޮޅެއްވާންދެން ކަޅާއި ހުދުން ފެނުނެވެ.
"ކަމީލާ ކިޔެވީ ކޮން ދާއިރާއަކުންތަ؟"
"ކަމީލާއަކީ ޑޮކްޓަރެއް..."
"ނާ ހަމަތެދެއް؟" މާހިރާގެ އަނގަ ހުޅުވުނެވެ. ފަރުޒާނާ އޭނައަށް ބަލައިލިގޮތުން ހިތުގައިވާ ހަސަދަ ބޭޒާރުވެދާނެކަމުގެ ބިރުން އަވަހަށް ފުޅާ ހިނިތުންވުމެއް ވެރިކޮށްލައިފިއެވެ." އެކަމަކު ވަރަށް ދެރަވޭ އެފަކީރާއިމެދު...ބައްޕަނެތް ކުއްޖަކަށް ވުމުން ވަރަށް ގިނަ މަންމައިން ފިރިހެންދަރިންނާއި ދެވަން ދެކޮޅުހަދާނެ. ސަބަބަކީ މައިމީހާގެ ޚަސީލަތް ދަރިއަށް ވާރުތަވާނެތީ އަދި ރާއްޖެތެރޭގެ ކޮންފަދަ އާއިލާއެއްގެ ބަޔެއްކަމެއްވެސް ނޭގޭ.."
މާހިރާ އެހުރިހާ ވާހަކައެއް ދެއްކީ ހަގީގަތުގައި އޭނަގެ ހިތަށް ވަދެގަތް ވަހުމަކުންނެވެ. ފަރުޒާނާގެ ފިރިހެންދަރިއަކާއި އެބުނާ އަންހެންކުއްޖާ ގުޅުވަން ވިސްނާފައި އޮތަސް އެ ޚިޔާލު ބަދަލުކުރުވުމުގެ ނިޔަތުގައެވެ. ހީވާގޮތުން އެކަންކާމިޔާބުވެސް ވިއެވެ.
"ޢާނ...ކުލްސޫމް ހާ މައުސޫމްކުއްޖެއް ކުއްލިއަކަށް ބަދުނާމުވީމަ ހަމަ އެންމެން ދެކޭގޮތް ވަރަށް ތަފާތުވިދޯ..މަންމަވެސް ވަގުތުން ގެއިން ނެރެލީ...ވަރަށް ރުއި.."
"ދައްތަގެ ހިތް ބޮޑުކަމުން ކޮންމެފަދަ ކުށަކަށް އަރައިގަތަސް ފޮގޭވްކުރާނެ..ޔޫ ހޭވް ގޯލްޑް ހާޓް.... އެކަމަކު އެ ފެމިލީ މީހުން މަންމަމެންނާއި ދިމާލަށް ކިހާ އެއްޗެހި ކި. ބަވާ ފުކަކަށް ހަދައިލި... ދައްތަ އެކަނި ސިމްޕަތައިޒްކުރީ..ޔޫ ސަޕޯޓެޑް ހާރ...އެހެންވެ އަނެއްކާ އެޑްވާންޓޭޖް ނަގަން ނޫންތަ ގުޅީ؟"
"ނޫނޭ ދޭތެރެއަކުން ޚަބަރެއްވެލާ....އަހަރެން ސަޕޯޓް ނުދިނަސް އުޅެވޭނެއްނު ..އެކުއްޖާ އަމިއްލައަށް ޖޮބެއް ހޯދީ.."
"ހޫމްމްމްމް...މާހިރާގެ ހަނދާނުގައި މާޒީގެ ދުވަސްތައް ނިއުޅެންފެށިއެވެ. އޭނައަށްވުރެ އޭރުވެސް ކުލްސޫމް ރީތިވެފައި ފިރިހެންކުދިން ހިތްކިޔާގޮތް ހުރެއެވެ. ދެމީހުން އެކީގައި މަގަކުން ދިޔަސް އެންމެންގެ ކަޅި ހުއްޓުނީ ކުލްސޫމްއަށެވެ. އޭނަގެ ހިތުގައި ހަސަދަ އުފަންވީވެސް އޭނަ އެންމެ ލޯބިވާ ޒުވާނާގެ ހިތް ކުލްސޫމްއަށް ދިންކަން އެނގުނު ހިސާބުންނެވެ. ނަމަވެސް އެ ޒުވާނާ ފަހުން ހަޔާތުން ގެއްލުނެވެ.
***
ހަފްތާއެއްހާ ދުވަސްވީއިރު ލަންޑަންގެ މަޝްހޫރު ތަންތަނުގެ އިތުރުން ކައިރީގައި އޮންނަ ހިތްގައިމު އަވަށަކަށް ޒިޔާރަތްކުރުމުގެ ނަސީބު ޒޭބާމެންނަށް ލިބުނެވެ. ލަންޑަނަށް އައިފަހުން ޒޭބާއަށް މޭކަޕަށް ޚާއްސަ ސަމާލުކަމެއްދެވި ތަންކޮޅެއް ދިގުވާންވެގެން އުސްފައިވާންތަކަށް އަރަންފެށުނެވެ. އެވަރުންވެސް ކައިލާމެންގާތުގައި ހުންނައިރު އޭނަ ކުޑަކަމުން ބައެއްފަހަރު ހިތަށް އުދަގޫވެއެވެ. އެއިން ދަތުރެއްގައި އައްމާރުއާއި އަޒިއެލް ބައިވެރިވިނަމަ އިތުރަށް މަޖާވާނެކަމުގައި އޭނަގެ ހިތް ބުނަމުން ދިޔައެވެ.
ފަރުޒާނާއާއި މާހިރާ ބަގީޗާތެރޭގައި ތިއްބާ ޒޭބާ މައްޗަށް ދިޔައީ ކައިލާ ނުފެނިގެ ހޯދަމުންނެވެ. އައްމާރުވެސް ވީ ވަޒީފާގައެވެ. އޭނަކޮންމެހެން ދިޔައީ އަޒިއެލް ކޮޓަރީގައި އުޅެދާނެކަމަކަށް ނޫނެވެ. އެކޮރިޑޯއިން ލާފައި ދިޔައިރު ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވިފައި ހުރުމުން އެތަނުގައި ހުރެ އަޒިއެލް ވާހަކަދައްކާ އަޑު ކަންފަތުގައި ޖެހުނެވެ. އޭނަ ފޯނެއްގައި ހުރީހެއްޔެވެ؟ ވާހަކަދައްކަނީ އެހާ ބާރަކަށް ނޫނެވެ. އަޑު އެއްވަރަށެވެ. ވަރަށް އަވަސްއަވަހަށެވެ. ޝައުގުވެރިވީވަރުން އޭނައަށް އެތެރެއަށް ބަލައިލެވުނެވެ.
މާބޮޑު މަންޒަރެއް ނުފެނުނެވެ. އަނެއްހެން ބަލާއިރު ހަމަ އާއްމު ދިރިއުޅުމުގައިވެސް ފިރިހެނެއްގެ ކޮޓަރިން ފެންނާނެފަދަ ކަންތައްތަކެވެ. އަޒިއެލް މޭޒުކައިރީގައި ހުރިއިރު ފޮތްތަކާއި ނޯޓުފޮތާއި އުކާލެވިފައިވާ ގަނޑުތަކެއްވެސްވިއެވެ. އޭނަ ކޮންމެވެސް އެއްޗެއް ލިޔަމުން ވާހަކަދައްކަނީއެވެ. އަރަބިބަހާއި އިނގިރޭސިއެއްކޮށްގެންނެވެ. އޭނަ ގުރުއާނުގެ ނޫރު ސޫރަތުގެ 35 ވަނަ އާޔަތުގައިވާ " نُوۡرٌ عَلٰی نُوۡرٍ" އެތަންކޮޅު ޚާއްސަކޮށް ކިޔައިލިއެވެ. އަލިކަމުގެ މައްޗަށް ހުރި އަލިކަމެކެވެ.
"ހުރިހާކަމަކަށްފަހުގައިވެސް ރަހުމަތް..."
އޭނަ ލޯ ބޮޑުކޮށްގެން ހުރެ ހިނގަންފެށިގޮތަށް ކުރިއަށްވުރެ ލަފުޒުތައް އަވަސްވިއެވެ. އެއާއެކު ކުއްލިއަކަށް އެނބުރިގެން އައިގޮތަށް ބިއްލޫރިތަށީގައި ހުރި ފެން ތަޅުންމައްޗަށް އޮއްސަންފެށިއެވެ. ލަސްލަހުންނެވެ. ރަސްމެއް ފުރިހަމަކުރާފަދައިންނެވެ. އެ މަންޒަރު ފެނުމުން ޒޭބާ ގަނޑުވިއެވެ. އޭނައަށްވެސް ވަނީ ނަފްސާނީ ވީޑިއޯތައް ފެނިފައެވެ. މިފަހަރު ތަފާތެވެ. ލޮލަށް މަންޒަރު ފެނުމުންނެވެ.
އަޒިއެލްއަށް ޔަގީނުންވެސް ޒޭބާ ނުފެންނާނެއެވެ.
އަޒިއެލް ތެމިފައިވާ ތަޅުންމަތީގައި ހުސްފަޔާ ހުއްޓިގެން ހުރެ ދުޢާކުރާ ފާޑަކަށް ނޫނީ ބްރޯޑްކާސްޓަކަށް ތައްޔާރުވާފަދައިން އަތް އުފުލައިލިއެވެ.
"ނިދުމުގެ ވައްޓަފާޅިގަނޑު ބަދަލުވެއްޖެއްޔާ އެ އަސްލު އިލާހީ އިންޒާރެއް.....ސިކުނޑި ހުޅުވައިގެން އުޅެންޏާ މަލާއިކަތުންނަށްވެސް ސާފުކޮށް ފެންނާނެ..އެހެންވީމަ ޖެހޭނީ ހަމަ ހޭލާ ހުންނަން. ކޮންމެފަދަ ހާލެއްގައިވެސް ނިދައިގެން ނުވާނެ..."
އަޒިއެލް ކުޑަކޮށް އެނބުރިލީ މީހެއްގެ ހިލަންވެގެން ކަން ނޭގެއެވެ. ޒޭބާއާއި ހަތަރުކަޅިހަމަވިއެވެ. އެއާއެކު އޭނަގެ ވާހަކަ ހުއްޓުނެވެ. މާހައުލަށްވެރިވީ ނުތަނަވަސް ހިމޭންކަމެކެވެ. ޒޭބާގެ ހިތް ޑަންޑަން ލާފައި ތެޅިގަތެވެ. އޭނައަށް ހިންދިރުވައިލެވުނެވެ.
"ޢައިމް ސޮރީ..." އޭނައަށް ބުނެވުނެވެ. އަދި ފަހަތަށް ޖެހިލެވުނީ އަޒިއެލް ދޭނެ ރައްދެއްނޭގިފައެވެ. އަދި ބަލައިލެވުނީ ތިރިއަށެވެ. ފެނުން ތެމިފައިވާ ތަޅުންމައްޗެވެ. އޭނަގެ ޚިޔާލުގެ އޮޅުން ބޮޅުން ޒޭބާ ދެކެފިއެވެ. ތޫފާނީ ވިލާގަނޑެއްހެން ލަދުވެތިކަން އޭނަގެ މޫނަށް ވެރިވިއެވެ.
"އައި ޑިޑިންޓް މީން...އައި ވޮޒްންޜް..އިޓްސް ޖަސް...........އައި ހެޑް އެ ތޯޓް...."
"ބިރުގަންނާނެކަމެއް ނެތް..." އޭނަ ބުނެލިއެވެ. ޒޭބާއަށް ހިޖާބުގެ ކަނެއްގައިި ބާރަށް ހިފަހައްޓައިލެވުނެވެ.
"މަންމަ އަބަދުވެސް ބުނޭ މިގޭގައި ހައްދެއްނެތް ވަރަށް މިނިވަންކަން އޮންނަވާހަކަ...ބޭނުންގޮތަކަށް އުޅެ..ބޭނުން ވާހަކައެއް ދެއްކޭ..ދެޓް...ދެޓް މޭ ބީ އިޓްސް ވަޓް މޭޑް ޔޫ......."ޒޭބާއަށް އަޅަ އަޅައިގެންފާ ވާހަކަ ދެއްކުނެވެ.
"ކްރޭޒީ؟"
ހިމޭންކަން ވެރިވިއެވެ. ޒޭބާގެ ކަންފަތަށް ވިންދުގެ އަޑު އިވުނެވެ.
"އެހެން ނުބުނަން...." ޒޭބާގެ އަތް ހައްތާ ފިނިވިއެވެ. އަވަހަށް މިތަނުންދާންވީއެވެ. ސިންގާ ކޮށްޓެއްގެ ދޮރު ހުޅުވާނީ މޮޔައެކެވެ.އޮޅުވިޔަސް ހަމަ ގޮތެއް ނޭގޭނެއެވެ.
"އެކަމަކު ހިތުގައިއޮތީ އެހެން..."އޭނަ ރުޅިއެއް ނާދެއެވެ. ހިތުގައިވީ ހުސްކަމެވެ. ޒޭބާ ދުރަށް ބަލަންފެށީ ލަދުންނެވެ. ބުނާނެ އެއްޗެއް ނޭގިފައެވެ. ނުބައި އެއްޗެއް ބުނެވިދާނެތީ ބިރުންނެވެ. ނޫނީ ހަމަ ހަގީގަތްނަމަވެސް ފައުޅުކުރެވިދާނެތީއެވެ.
"ހިޖާބު އެޅުމުން މީހާ ހަލާކުވުމުން ސަލާމަތްވާނެކަމަށް ހީކުރަންތަ؟ ނޫނީ އާޔަތުލްކުރުސި ކިޔެވުމުން މީހާ އިންސާނެއްގެ ގޮތުގައި ހުރުމުން ދުރުކޮށްދޭނެކަމަށް؟" އޭނަ ކުޑަކޮށް ފަހަތަށް ޖެހިލަމުން ބޮލުގައި އިނގިލި ޖައްސައިލިއެވެ."މިއީ މި ޒަމާނުގެ ނާކާމިޔާބީއެއްހެން ދެކެންތަ؟ އީމާންކަން ބަލިކަށިވުންކަމަށް؟"
ޒޭބާގެ މުޅި ވުޖޫދަށްވެސް ލޮޅުމެއްއެރިހެން ހީވިއެވެ. ބިރަކުން ނޫނެވެ. އޭނަ ގަބޫލުކުރަންވީގޮތެއް ނޭގިގެންނެވެ.
"ބުނާނެ އެއްޗެއްވެސް ނޭގޭ..." އޭނަ ހީކުރަނީ ނަފްސާނީ ބަލިތަކަކީ ހަގީގަތުގައިވެސް އީމާންކަން ޟައީފުކަމުގެ ހެއްކެއްކަމުގައެވެ. އަޅުކަމާއި ދުރުހެލިވުމުން ދިމާވާ ޝައިތާނީ ކަމެކެވެ. މަންމަ ދެކޭގޮތުން ޖިންނިއާއި ސިހުރުވެސް އެކަމާއި ގުޅި ލާމެހިފައިވިއެވެ.
"އެތަނުން ފަށާބަލަ.."އަޒިއެލް ބުނެލިއެވެ.
ކުއްލިއަކަށް ފަހަތުން ކައިލާގެ އަޑު އިވުނެވެ. އޭނަގެ އަތުގައި ތުވާއްޔެއް އޮތެވެ. ގޭގައި ލާކަހަލަ ޖިންސަކާއި ފިޔާތޮށިކުލައިގެ ޓޮޕަކާއެކު ހިޖާބުވެސް ނާޅައެވެ.
"ތިއްތި...މުޅި ހޯލްވޭގައިވެސް ފެން އެބަހުރި...ކީއްވެ؟"
އަޒިއެލް ތަޅުންމައްޗަށް ބަލާލާފައި ހޭންފެށިއެވެ. އެހާ ފޯރިއެއްވެސް ނެތެވެ. ދެރައެއްވެސް ނުވިއެވެ. ނަމަވެސް ވަރުބަލިވެފައި ހުރިކަމުގެ އަސަރު މޫނުމަތިން ފެނުނެވެ.
"އަހަރެން އުޅުނީ ހީވާގޮތުން މަގޭ ނިއުރޯންސްތައް ބެޕްޓައިޒްކޮށްލަންވެގެން.........." އޭނަ ހިނގައިގަތީ ފާޚާނާއާއި ދިމާލަށެވެ. ކައިލާ ޒޭބާއަށް ފުން ނަޒަރަކުން ބަލައިލިއެވެ.
"އޯކޭތަ؟"
އޭނަ ބޯ ޖަހައިލިއެވެ.އެކަމަކުވެސް އެފެނުނު މަންޒަރުތަކާއި އަޑުތައް ސިކުނޑީގައި ހަރުލިގޮތުން ފަސޭހައިން ފިލައިގެން ނުދާނެކަން އެނގުނެވެ. ޚާއްސަކޮށް އޭނަ ހުއްޓުން އެރިގޮތެވެ. ރަކިވީގޮތެވެ. މޫނަށް އެރިކުލަވަރެވެ. ތެދުވެރިކަމެވެ. ކޮންމެވެސް ހިސާބަކުން ބުނަން ނޭގޭފަދަ ޖަޒުބާތެއް ހޭލައިގަތެވެ. ހަމްދަރުދީއެއްވެސް ނޫނެވެ. އެ އިހުސާސްތައް އޮޅުން ފިލީއެއްވެސް ނޫނެވެ. މިއީ ފެށުމެކެވެ.
***
ޒޭބާއަށް ނުނިދިގެން އޭނަ ފޮތް ހަރުގަނޑުން ގެނައި ފޮތެއް ކިޔައިލަން އެނދުމަތީގައި އިނެވެ. އެކަމަކު އެންމެ ލަފުޒެއްވެސް ކިޔައިލެވޭގޮތެއްނުވިއެވެ. ކައިލާގެ ކޮޓަރިއަށް ނިދަން އަންނަން މަންމަ އެއްބަސް ކުރެވުނުއިރުވެސް އޭނަގެ ސިކުނޑީގައި ހުރި ހަކަތަކޮޅު ދިޔައެވެ. މަންމަ ދެކެގޮތުން އަޒިއެލްއަށްވުރެ އިފުރީތަކާއެކު އެއް ފުރާޅެއްގެ ދަށުގައި ހުރުން ރައްކާތެރިއެވެ. އޭނަ ފޮތް ހިފަހައްޓަލައިގެން އިނަސް ނުކިޔާކަން އެނގުމުން ކައިލާ އެފަރާތަށް އެނބުރުނެވެ.
"އެކަމާއި އެވަރަށް ނުވިސްނަބަލަ..."
"އައި ޑޯންޓް ފީލް ބޭޑް އެކަމަކު....ވަރަށް އަންސާޓެން.."
"އެވެސް ހަމަ އޯކޭއޭ..."
"އަހަރެން ހީކުރިގޮތަކަށް ނޫން...އަޒިއެލް...އިޒް ނޮޓް ވެލް އެކަމަކުވެސް އޭނަ އަނެއްހެން ލޮސްޓް އޭ ނުބުނެވޭނެ.."
"ދުވަހަކުވެސް ލޮސްޓްއެއްނޫން....އެކަމަކު އަހަރެމެންނާއި ތަފާތަކީ އޭނަ އަހަރެމެންނަށްވުރެ ދިގު ޓަނެލްއަކުން ދިރިއުޅުމުގެ ދަތުރުގައި ހިނގާތީ..." ކައިލާ ކުޑަކޮށް ހިނިތުންވެލިއެވެ." ނަފްސާނީ މައްސަލަތައް ނުހުންނަ ބަޔަކަށް އެކަހަލަ ކަމެއް އިހުސާސެއްނުވާނެ...އެކަމަކު އެއީވެސް ހަމަ ބައްޔެއް.."
ޒޭބާވެސް އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
***
ހުކުރުނަމާދަށް ދާން ތައްޔާރުވެެގެން އަޒިއެލް ނުކުތީ ސާފުހެދުމެއްލައިގެން އިސްތަށިގަނޑުވެސް އޮމާންކޮށްލައިގެންނެވެ. މޫނުން ފެންނަނީ ތާޒާކަމެވެ. އަތަރު ފުޅި ހަނދާންނެތިގެން ނުގެނެސް ކައުންޓަރުމަތީގައި ހުރުމުން އައްމާރު އެ ގެނެސްދިނެވެ. އަދި ގަމީހުގެ އަތުކުރީގައި ގޮށް އަޅުވާދޭންފެށިއެވެ.
"ޢާޒް ޔަގީންތަ؟"
"އަހަރެން ދަނީ އެމީހުންނަށްޓަކާއެއްނޫން. އަމިއްލަ ނަފުސަށްޓަކާ.."
"ތީ ހަމަ ވަރަށް ރަގަޅު ސަބަބެއް..."
"އެކަމަކު.....އަހަންނަށް ހުވަފެނުގައި އިމާމް ޣަޒާލީ ފެނުނު..އެންމެ ހުކުރު ނަމާދެއްވެސް ވައްޓާނުލަން ނަސޭހަތްތެރިވި...ހީވެސް ނުކުރާހާ ޖަޖްމެންޓަލް ހަމަ........" އެ ޖުމްލައާއެކު އައްމާރުއަށްވެސް ހީގަނެވުނެވެ.
***
މަސްޖިދުގެ ތެރެއަށް ވަނުމުން ހޫނުކަމާއި އަރާމުކަމެއް އިހުސާސްވިއެވެ. އަދި މުގައްދަސްކަން މުޅި ހިސާބުގައި ރަސްކަން ކުރާފަދައެވެ. ފިނިފެން، ގޮމަކަސްތޫރި، އޫދު، ދޫލަތަކާއި ހޫނު ފައިތިލަތައްފަދަ އެތައް ވައްތަރެއްގެ ވަހެއްވެސް ތަނުގައި ހިފާލާފައިވިއެވެ. އިމްރާންއާއެކު ހިނގާލާފައި ދިޔައިރު ބައެއްމީހުންގެ ނަޒަރު އަޒިއެލްއަށް ހުއްޓުނެވެ. އަނެއްހެން ރުޅިވެރިކަމުގެ ލޮލަކުންނޫނެވެ. ކާކުކަން އެނގުމުން ވަކި ނަޒަރަކުން ބެލުމެވެ. ނަފްސާނީ މައްސަލަ ހުންނަމީހުންނަށް އެބަލައިލާ ނުތަނަވަސް ކަންބޮޑުވެފައިވާފަދަ ނަޒަރެވެ. އެދެމީހުންގޮސް މަޑުކޮށްލީ އެންމެ ފަހަތު ބަރީގެ ކަނެއްގައެވެ.
އަޒިއެލް ދެފައި ވަށްކޮށްލައިގެން އިށީންގޮތަށް ލޯ މަރައިލިއެވެ. ވަށައިގެން ތިބި މީހުން ރުކޫއަކޮށް ސަޖިދަޖަހަމުން ދިޔައިރުވެސް އޭނަ އިނީ ހިމޭންވެފައެވެ. އިރުކޮޅެއްވާންދެން އެހެން އިނދެވުނެވެ. ނުފެންނަ އަތަކުން އޭނަ ބަދެފައިވާފަދަގޮތަކަށް އިހުސާސްކުރެވުނު ވަގުތުކޮޅެކެވެ. މިފަހަރު އޭނަގެ ޚިޔާލުތަކުގެ ސަބަބުން ޚުތުބާގެ އަޑު ގެނބުނަ ނުދޭން އަޒުމް ކަނޑައެޅިއެވެ.
***
ޒޭބާ ފޮތް ހަރުގަނޑުގައި އޮތް ނޯޓްފޮތެއް ނެގީ އަޒިއެލްގެ ފޮތެއްކަން އެނގިގެނެއްނޫނެވެ. ނަމަވެސް އެކްސިޑެންޓަކުން އެ ފޮތް ނެގި ހުޅުވައިލެވި އެއީ އަޒިއެލްގެ ޚިޔާލުތަކަށް ވަދެވެން ހުރި ރާސްތާއެއްކަން އެނގުމުން އެފޮތަށް ހިތް ދަމައިގަތީއެވެ. މިއީ މީހެއްގެ ފޮތް ސިއްރުން ބެލީކަމަށް ނުވާނެ ނޫންހެއްޔެވެ؟ އެހާ ސިއްރުވެރި އެއްޗެއްނަމަ ހަރުގަނޑުގައި ނޯންނާނެއެވެ. އޭގައި ހުރީ ސިއްރުން ފުރިފައިވާ ޑައިގްރާމްތަކެވެ. ބައެއް އާޔަތްތަކުގެ ތަންކޮޅެވެ. އޮޅުންބޮޅުންތަކުގެ ތެރެއިންވެސް ރީތިކަން ފެނުނެވެ.
"އީވެން ދަ މޫން އޮބޭސް ﷲ ވައިލް ޓްރެމްބްލިން
ވަޓް އިފް ދަ ހާޓްސް ރިދަމް އިޒް އިޓްސް އޯން ފޯމް އޮފް ޒިކްރް؟
ޓު ބީ މެންޓަލީ އިލް އިޒް ނޮޓް ޓު ބީ ފެއިތްލެސް، އިޓް އިޒް ޓު ބީ ބްރޫޒްޑް އެންޑް ބިލީވިން އެޓް ވަންސް..."
އޭނަ އެ ފޮތް އުނގުގައި ބާއްވާލައިގެން ޖެހި ބުދެއްހެން ހުއްޓުން އަރާފައި އިނީ އެ ޅެން ބައިތުތަކުން މުޅި ހަށިގަނޑު ގަނޑުވެ އެތައް އިހުސާސްތައް ސިކުނޑިއާއި ނަފުސްގައި ހިނގާ ހާލުގައެވެ. ލޮލުން ކަރުން ހިލޭގޮތްވިއިރު ހީބިހިނެގިއެވެ. މުޅި ވުޖޫދުގައިވެސް އިލެޓްރިކް ރާޅެއް ދަތުރުކުރިފަދައެވެ. އަޖައިބެއްފަދަ އާޝޯޚުކަމަކާއި އިހުސާސްތަކަކުން ހިތް ގެނބުނެވެ. އެ ލަފުޒުތަކުން ހިތަށް ނާރާފަދަ އަސަރެއްކޮށްފިއެވެ. ތެދެކެވެ. ހަނދަކީވެސް ﷲތައާލާގެ މަޚުލޫގެކެވެ. ކިޔަމަންތެރިވާނެއެވެ. ހިތުގެ ވިންދަކީވެސް ހަމަ ހިތުގެ ޒިކުރުކަމަށްވެދާނެއެވެ. އޭނައަށް ދެން ތުރުތުރުލަމުން ދިޔަ އިނގިލި ބީއްސައިލެވުނީ ސަފުހާއެއްގެ ތެރޭގައި ފިތިފައިވާ މަލެއްގައެވެ. އެއީ ޖޭޒްމިން މަލެކެވެ.
ނުނިމޭ