އެމްއޭސީއޭލްއިން އަމިއްލައަށް ސެކިއުރިޓީ ބަލަހައްޓަން ހެދި ޑިޕާޓްމެންޓުގެ ޚަރަދުތައް ހާމަނުކުރި

ސެޓްފިކެޓް 3 އިން އެއާޕޯޓް ސެކިއުރިޓީ އެންޑް މެނޭޖްމަންޓް ކޯސް ރަސްމީކޮށް އިފްތިތާހުކުރުން: އައު ޑިޕާޓްމަންޓެއް އުފެއްދީ ކުންފުނީގެ މުދަލާއި ހުޅުލޭގެ ސެކިއުރިޓީ ބަލަހައްޓަން ކަމަށް އެމްއޭސީއެލުން ބުނެފި -- ފޮޓޯ/ އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ސެކިއުރިޓީ ބެލެހެއްޓުމަށް އުފެއްދި އައު ޑިޕާޓްމަންޓްގެ ޚަރަދުތަކުގެ ތަފުސީލް ސިއްރުކޮށްފިއެވެ.

އެމްއޭސީއެލުން ވަނީ އެސްޓޭޓް ސެކިއުރިޓީގެ ނަމުގައި އައު ޑިޕާޓްމަންޓެއް ގާއިމުކޮށް، އެ ޑިޕާޓްމެންޓަށް މީހުން ތަމްރީނު ކުރުމަށް އޭވިއޭޝަން އިންސްޓިޓިއުޓް މޯލްޑިވްސްގެ 'ސެޓްފިކެޓް 3 އިން އެއާޕޯޓް ސެކިއުރިޓީ އެންޑް މެނޭޖްމަންޓް ކޯސް' ރަސްމީކޮށް އިފުތިތާހުކޮށްފައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އިން ކުރި ސުވާލުތަކަށް އެމްއޭސީއެލްއިން މިއަދު ލިޔުމުން ދިން ޖަވާބުގައި ބުނީ، އެސްޓޭޓް ސެކިއުރިޓީ ތައާރަފުކުރުމުގެ ބޭނުމަކީ ކުންފުނީގެ އިތުރުވަމުންދާ ފެސިލިޓީތައް ބެލެހެއްޓުން ކަމަށެވެ.

އޭގެތެރޭގައި ޕާކިން ސަރަހައްދުތަކާއި، ޖެޓީ ސަރަހައްދުތަކާއި، ޓެކްސީ ކިއުތަކުގެ އިތުރުން ކުންފުނީގެ އެސެޓްތަކާއި ހުޅުލޭގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން ހިމެނެއެވެ.

މިހާރު ވެސް އެއާޕޯޓު ސެކިއުރިޓީ ބެލެހެއްޓުމުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންނާއި، ސިފައިންނާއި ފުލުހުންގެ އެހީތެރިކަން ވެސް ލިބެއެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓާނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި، ސިފައިންނާއި ފުލުހުންނެވެ. އެސްޓޭޓް ސެކިއުރިޓީން ބަލަހައްޓާނީ އެމްއޭސީއެލްގެ މުދަލާއި ރަށުގެ ސެކިއުރިޓީއެވެ.

އެސްޓޭޓް ސެކިއުރިޓީ ޑިޕާޓްމަންޓުގެ ވެރިއަކަށް ހުންނަވަނީ ޑެޕިއުޓީ ޗީފް އޮފިސަރު މުހައްމަދު ހުޝާމެވެ. ނަމަވެސް އޭނާއާ ގުޅޭ އިތުރު މައުލޫމާތަކީ ޒަތީ މައުލޫމާތު ކަމުގައި ބަލައި، އެމްއޭސީއެލުން އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

ސެޓްފިކެޓް 3 އިން އެއާޕޯޓް ސެކިއުރިޓީ އެންޑް މެނޭޖްމަންޓް ކޯސް ރަސްމީކޮށް އިފްތިތާހުކުރުން -- ފޮޓޯ/ އެމްއޭސީއެލް

އެ ޑިޕާޓްމަންޓް އުފެއްދުމަށް އެއްވެސް ޚަރަދެއް ހިނގާފައި ނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މަހެއްގެ މައްޗަށް ޚަރަދުވާނީ:

  • ކުންފުނީގެ މުދާ ބެލެހެއްޓުމަށް
  • ރަށުގައި ދަތުރުކޮށް ބެލެހެއްޓުމަށް
  • ސެކިއުރިޓީ ބެލެހެއްޓުމަށް
  • އާންމު މުވައްޒަފުންގެ ޚަރަދު
  • އިތުރު ތަމްރީނުގެ ޚަރަދު

އެމްއޭސީއެލުން ވަނީ, އެ ޑިޕާޓްމަންޓް ހިންގުމަށް ހިނގާނެ ޚަރަދުތަކުގެ ތަފުސީލުތައް ސިއްރުކޮށްފައެވެ.

ތިންހާހެއްހާ މުވައްޒަފުން ތިބޭ އެ ކުންފުނިން ސެކިއުރިޓީ ބެލެހެއްޓުމަށް ޑިޕާޓްމަންޓެއް ހެދިއިރު، އެމްއޭސީއެލްއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. އެ ކުންފުނީގެ ޖުމްލަ ދަރަނި ހުރީ 13 ބިލިއަނުގައެވެ.

https://sun.mv/208780

އެމްއޭސީއެލްގެ ދަރަނީގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާފައިވާ އެކި ދަރަނިތަކަށް ނުދައްކައި 1.6 ބިލިއަން ރުފިޔާ އެބަ އޮތެވެ. އޭގެ ތެރޭގައި ކޯޕަރޭޓް ބޭނުމަށް ކަމަށް ބުނެ، 26 ޑިސެންބަރު 2023ގައި ނަގާފައިވާ 50މިލިއަން ޑޮލަރުގެ ލޯނެއް ހިމެނެއެވެ. އެއީ ފަސް އަހަރުން ދައްކާ ގޮތަށް، ކޮންމެ އަހަރަކަށް 8.5 ޕަސެންޓުގެ އިންޓަރެސްޓުގައި ބީއެމްއެލްއިން ނެގި ލޯނެކެވެ. މި ލޯނުގެ 40 މިލިއަން ޑޮލަރު އޮތީ ނުދައްކައެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ ޖޫން 24ގައި 30 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ކޯޕަރޭޓް ބޭނުމަށް 8.5 ޕަސެންޓުގެ އިންޓަރެސްޓުގައި ފަސް އަހަރުން ދައްކާގޮތަށް ބީއެމްއެލްއިން ނަގާފައިވެއެވެ. އޭގެ ތެރެއިން ވެސް 26.5 މިލިއަން ޑޮލަރު އޮތީ ނުދައްކައެވެ.

ކަން އެހެން އޮއްވައި، އެމްއޭސީއެލްގައި ލޯނު ދެއްކުމުގެ ގާބިލްކަން ފުރިހަމައަށް އެބަހުރި ކަމަށާއި، އެ ކަމާ ދޭތެރޭ އެއްވެސް މީހަކު ހާސްވާކަށް ނުޖެހޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވަނީ މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައެވެ.

comment ކޮމެންޓް