މަންދީ، ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތް ކަމަށް ސިވިލް ކޯޓުގައި ސާބިތުވެއްޖެ

މަރިޔަމް ޒުބައިރު (މަންދީ) އާއި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު: މަންދީ، ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތް ކަމަށް ސިވިލް ކޯޓުގައިވަނީ ސާބިތުވެފައި --

އެމްޑީޕީގެ އިސް އެކްޓްވިސްޓް މަރިޔަމް ޒުބައިރު (މަންދީ)އާ ދެކޮޅަށް, ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި، ރައީސްގެ ދެކަނބަލުންގެ ދަރިކަލުންގެ ކަރާމާތަށް މަންދީ އަރައިގަތް ކަމަށް މިއަދު ސާބިތުވެއްޖެއެވެ.

ސާޖިދާ މުޙައްމަދު, މަންދީގެ މައްޗަށް ދައުވާ ކުރައްވަނީ އެމްޑީޕީން މިދިޔަ މާޗުމަހު ކުރިއަށްގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. އޭނާވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކޮށްފައިވަނީ ރައީސްގެ ދަރިކަލުން ވޭޕްކުރައްވާތީ ކަމަށް ތުހުމަތުކޮށްފައެވެ.

މަންދީގެ އިތުރުން އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާށް ވެސް ސާޖިދާ ސިވިލް ކޯޓުގައި ދައުވާ ކުރެއްވިއެވެ.

އެ ދައުވާތަކާ ގުޅޭ ގޮތުން ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ މައްސަލައިގައި ފައްޔާޒާއި އެމްޑީޕީ ޒިންމާ ނަގަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. ނަމަވެސް މަންދީ ދެއްކި ވާހަކަތަކުގެ ސަބަބުން ދަރިކަލުންގެ ކަރާމާތަށް ގެއްލުންވިކަން ސާބިތުވާ ކަމަށް ހުކުމުގައިވެއެވެ.

ސިވިލް ކޯޓުން ވަނީ، އެ ވާހަކައިގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ، ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައިފައެވެ.

ސާޖިދާގެ ފަރާތުން ވަނީ އެ މައްސަލައިގައި މާފަށް އެދުމަށް އަމުރުކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ މާފަށް އެދުމަށް އަމުރުކުރާނެ ގާނޫނީ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

މަންދީއާއި އެމްޑީޕީއާއި ފައްޔާޒަށް ދައުވާކުރާނެކަން، ރައީސްގެ އާއިލާގެ ފަރާތުން އިއުލާންކުރެއްވީ މާޗް 15ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އާއިލާ ތަމްސީލުކުރައްވާ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރެވެ.

އެ ބައްދަލުވުމުގައި އާޒިމާ ވަނީ ސާޖިދާގެ ފަރާތުން ބަޔާނެއް އިއްވަވައިފައެވެ. އެ ބަޔާނުގައި ވަނީ ދަރިކަލުންގެ ތައުލީމީ ހަޔާތަށާއި އިޖުތިމާއީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭފަދަ ވާހަކަތައްވެސް ދައްކައި ފަތުރާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިކަންތައްތަކުގެ ސަބަބުން އޭނާގެ މުޅި މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭފަދަ ފުރުސަތުތައް ވަނީ ހުޅުވިގެން ގޮސްފައި ކަމަށް ވެސް ސާޖިދާ ވިދާޅުވެފައިވެއެވެ.

އެ މައްސަލަ ފެމިލީ ކޯޓަށް ވެސް ހުށަހަޅައިފައިވާއިރު، އެމްޑީޕީއަށް ދައުވާ ކުރަނީ އެ ވާހަކަތައް ދައްކައިފައިވަނީ އެ ޕާޓީގެ އެއްވުމެއްގައި ކަމަށްވާތީ ކަމަށް އާޒިމާ ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒަށް ދައުވާކުރަނީ އޭނާ ކުރައްވާފައިވާ ޓުވީޓަކާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް