ސޫރިޔާގެ ސުވައިދާގައި ދުރޫޒީންނާއި ބަދަވީ ގަބީލާތަކުގެ ތަޅާފޮޅުންތައް އަދިވެސް ކުރިޔަށްދަނީ

ސޫރިޔާގެ ސުވައިދާ

ސުވައިދާ (20 ޖުލައި 2025) : ސޫރިޔާގެ ސުވައިދާ ސަރަހައްދުގައި ދުރޫޒީންނާއި ބަދަވީ ގަބީލާތަކުގެ މީހުންނާ ދެމެދު ހިނގަމުންދާ ތަޅާފޮޅުންތައް އަދިވެސް ނިމުމަކަށް ނާންކަމަށް ސޫރިޔާގެ މީޑިއާތަކުން ހާމަކޮށްފިއެވެ.

ސޫރިޔާގައި ވެރިކަންކުރާ ކުރީގެ ޖަބްހަތުއްނުސްރާ އަދި މިހާރުގެ ހައިއަތު ތަހްރީރް އައްޝާމްގެ ސަރުކާރުގެ މީޑިއާތައް ބުނާގޮތުން ސޫރިޔާގެ ސަލާމަތީ ބާރުތަކުން ގެންދަނީ ތަޅާފޮޅުންތައް ކޮންޓްރޯލް ކުރަން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.

މިދިޔަ ހަފްތާގައި މި ތަޅާފޮޅުންތައް ފެށުނީ ދުރުޒީންގެ މީހަކު ހަމަލާދީ ބަދަވީ ގަބީލާއެއްގެ ވަރަށް ނިކަމެތި މީހަކު މަގުމަތީގައި މަރާލުމާ ގުޅިގެން އެކަމަށް ބަދަލުހިފުމުގެ ގޮތުން ބަދަވީންގެ ބަޔަކު ދުރުޒީންނަށް ހަމަލާދީ ދުރުޒީންގެ ބަޔަކު މަރާލުމާ ގުޅިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުން ބަދަވީންނާއި ދުރުޒީންގެ އަރާރުންތައް އިތުރަަށް ގޯސްވެގެން ދިޔައީ ސޫރިޔާގެ އުތުރުގައި އުޅޭ އައިއެސް ޖަމާއަތުގެ ތަކްފީރީ ހަނގުރާމަވެރިން ތަކެއް ދަނޑިވަޅު ބަލާފައި ދުރުޒީންނަށް ހަމަލާދީ ދުރުޒީންގެ ބަޔަކު މަރާލުމާ ގުޅިގެންނެވެ. މަރާލި ބައެއް ދުރުޒީންގެ ބޯބުރިކޮށްލާފައިވާ ކަމަށް ވެސް ވެއެވެ.

ބަދަވީ ގަބީލާތަކުގެ ޝައިޚުން ތުހުތުކުރާ ގޮތުގައި އައިއެސްގެ ތަކްފީރީ ހަނގުރާމަވެރިން ދުރުޒީންނާ ދެކޮޅަށް މިޖަރީމާތައް ހިންގީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޫސާދުގެ އެދުމުގެ މަތިންނެވެ. އެއީ މިގޮތަށް ހެދުމުން ދުރުޒީންގެ ހިމާޔަތުގައި ކަމަށް ބުނެ ސޫރިޔާއަށް ބޮންއަޅައި އުދުވާން ހިންގުމުގެ ފުރުސަތު އިސްރާއީލަށް ލިބިގެންދާނެތީއެވެ.

ދުރުޒީންނަށް ލިބުނު ގެއްލުންތަކާއެކު ދުރުޒީންގެ އިސް ލީޑަރެއްކަމަށްވާ ޝައިޚު ހިކުމަތުލް މުހާރިޖީ ވަނީ ދުރުޒީން ހިމާޔަތް ކޮށްދިނުމަށް ބޭރުގެ ފަރާތްތަކުގެ ކިބައިން އެދިފައެވެ.

ނަތީޖާއަކަށްވީ ދުރުޒީން ހިމާޔަތް ކުރުމުގެ ނަމުގައި އިސްރާއީލުން ސޫރިޔާއަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދިނުމެވެ. އިސްރާއީލުގެ ފައިޓާޖެޓްތަކުން ވަނީ ސޫރިޔާގެ ވަރަށް ހައްސާސްތަންތަނަށް ބޮންއަޅާފައެވެ. އިސްރާއީލު ހަމަލާދިން ތަންތަނުގެ ތެރޭގައި ސޫރިޔާގެ ރިޔާސީ ގަނޑުވަރަކާއި ދިފާއީ ވުޒާރާގެ އިމާރާތަކާ އަދި ސޫރިޔާ ސިފައިންގެ ކޮމާން އެންޑް ސްޓާފް އާ ބެހޭ މައި މަރުކަޒު ހިމެނެއެވެ. މި ތަންތަން ވަނީ އެއްކޮށްހަލާކުކޮށްލާފައެވެ. އަދި މި ހަމަލާތަކުގައި ސޫރިޔާ ސިފައިންގެ ގިނަ ބަޔަކު މަރުވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ދުރުޒީންގެ އިސް ލީޑަރު ޝައިޚު ހިކުމަތުލް މުހާރިޖީ ވަނީ އައިއެސްގެ ހަނގުރާމަވެރިން ދުރުޒީންނަށް ދިން ހަމަލާތަކަކީ ސޫރިޔާގެ ރައީސް އަހްމަދުއްޝަރުއު ފަހަތުގައި ހުރެގެން ދިން ހަމަލާތަކެއް ކަމަށް ސިފަކޮށްފައެވެ. ހިކުމަތުލް މުހާރިޖީ އަކީ ސޫރިޔާގެ މިހާރުގެ ސަރުކާރާ ދެކޮޅު މީހެކެވެ. ސޫރިޔާ ސަރުކާރުން އޭނާ ތުހުމަތު ކުރަނީ ގައުމަށް ޣައްދާރުވާ ޚާއިނެއްގެ ގޮތުގައެވެ.

އަހްމަދުއްޝަރުއު އަކީ ކުރިން އައިއެސްގެ އިސް ކޮމާންޑަރެކެވެ. އައިއެސްގެ އެންމެ ނުރައްކާތެރި ގޮފިކަމަށްވާ ޖަބްހަތުއްނުސްރާ އުފެއްދީވެސް ކުރީގެ ނަމުންނަމަ އަބޫމުހައްމަދުލްޖޫލާނީ ނުވަތަ މިހާރުގެ ނަމުންނަމަ އަހްމަދުއްޝަރުއު އެވެ.

އައިއެސްގެ ފަހަތުގައި ފަރުދާގެ އަނެއް ފަރާތުގައި އެމެރިކާއާއި އިސްރާއީލުގެ ޖާސޫސީ އިދާރާތައް ވާކަމަށް ވަރަށް ގިނަ ފަރާތްތަކަކުން ދެކެއެވެ. ދުރުޒީންނަކީ އަރަބި ނަސްލަށް ނިސްބަތްވާ އެހެންނަމަވެސް އިސްލާމް ދީނާ ތަފާތު އަގީދާއެއް ގެންގުޅޭ ބައެކެވެ. ދުރުޒީން ދިރިއުޅެނީ ސޫރިޔާ، ލުބްނާން އަދި އިސްރާއީލުގައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ސޫރިޔާގެ މުއައްސަސާއެއްކަމަށްވާ ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިޔުމަން ރައިޓްސް ބުނާގޮތުން ސޫރިޔާގެ ސުވައިދާ ސަރަހައްދުގައި ދުރޫޒީންނާއި ބަދަވީ ގަބީލާތަކުގެ މީހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ 940 މީހަކު މަރުވެފައެވެ.

ސޫރިޔާގައި ވެރިކަން ކުރާ "ހައިއަތު ތަހްރީރު އައްޝާމް" ޖަމާއަތުގެ ސަރުކާރު ބުނާގޮތުން ސޫރިޔާގެ ސަލާމަތިބާރުތައް ގެންދަނީ ތަޅާފޮޅުންތައް ހުއްޓުވަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިޔުމަން ރައިޓްސް ބުނާގޮތުން ދެފަރާތުގެ ތަޅާފޮޅުންތައް ހުއްޓުވުމުގައި ސޫރިޔާގެ ސަލާމަތީ ބާރުތައް ވަނީ ނާކާމިޔާބުވެފައެވެ.

އިސްރާއީލުން ސޫރިޔާއަށް ދިން ހަމަލާތަކަށް ސޫރިޔާ ސަރުކާރުން އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ. އިސްރާއީލުން ސޫރިޔާއަަށް މި ހަމަލާތައް ދިންއިރު ސޫރިޔާގެ ރައީސް އަހްމަދުއްޝަރުއުގެ ސަރުކާރު ގެންދަނީ އެމެރިކާ މެދުވެރިއަކަށް ވެގެން އިސްރާއީލާ މުއާމަލާތްތަކެއް ކުރަމުންނެވެ. އެމެރިކާވަނީ ކައިރި މުސްތަގްބަލެއްގައި އަހްމަދުއްޝަރުއުގެ ސަރުކާރުން އިސްރާއީލަށް އިއުތިރާފްވެ އިސްރާއީލާ ގުޅުންތައް ގާއިމް ކުރާނެކަންވެސް ތަންކޮޅެއް ކުރިން އިއުލާން ކޮށްފައެވެ.

ދާދިފަހުން އަހްމަދުއްޝަރުއު އަޒަރުބައިޖާން އަށް ކުރި ދަތުރުގައި އޭނާ އިސްރާއީލުގެ މަސްއޫލުވެރިއަކާ ބައްދަލުކުރި ކަމުގެ ޚަބަރުތަކެއް ފެންމަތިވިއެވެ.

އިސްރާއީލާއި ސޫރިޔާގެ ދުޝްމަނުންނަކީ އެއްބައެއްކަމަށް ސޫރިޔާގެ ރައީސް އަހްމަދުއްޝަރުއު ދާދިފަހުން ބުނެފައިވެއެވެ. މިއީ އީރާނަށް ކުރި އިޝާރާތެއްކަމަށް ވަނީ ބެލެވިފައެވެ. އަހްމަދުއްޝަރުއު އަޒަރުބައިޖާންގައި އިސްރާއީލުގެ މަސްއޫލުވެރިއަކާ ބައްދަލުކުރި ކަމުގެ ޚަބަރު އިސްރާއީލުވެސް އަދި ސޫރިޔާއިންވެސް ދޮގުކޮށްފައެއް ނުވެއެވެ. އިސްރާއީލުވަނީ ސޫރިޔާގެ ގޯލާންގެ ބިންތަކާއި ގުނައިތިރާ އަދި އެނޫންވެސް ގިނަ ބިންތަކެއް ހިފައި އެތަންތަން އިސްރާއީލުގެ ތަންތަނުގެ ގޮތުގައި ހަދާފައެވެ.

comment ކޮމެންޓް