ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ޕައިލެޓުންގެ މުސާރައިގެ 20 ޕަސެންޓް ރުފިޔާއިން ދޭން ނިންމުމުން، މުވައްޒަފުން ހަޅުތާލު ކުރަން ތައްޔާރުވެފައި ވަނިކޮށް އެ ކުންފުނިން ނިންމުން ބަދަލުކޮށްފިއެވެ.
ޓީއެމްއޭގެ ޕައިލެޓުންނަށް މިހާތަނަށް މުސާރަ ދެމުން އައީ މުޅިން ވެސް ޑޮލަރުންނެވެ. ނަމަވެސް އޭގެ ތެރެއިން 20 ޕަސެންޓް މި މަހުން ފެށިގެން ރުފިޔާއިން ދޭން ނިންމައި އެކަން މުވައްޒަފުންނަށް ވަނީ އަންގައިފައެވެ.
އެ މައްސަލައިގައި ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށް، އަންނަ ހޮނިހިރު ދުވަހު މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރާނެކަން އިއުލާންކުރިއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ޓީއެމްއޭއިން މިހާރު ވަނީ ކުރީގެ ނިންމުން ބަދަލުކޮށް، މުޅި މުސާރަ ޑޮލަރުން ދޭން ނިންމައިފައެވެ.
އެ މައްސަލައާ ގުޅިގެން ޕައިލަޓުން ދަތުރު ހުއްޓާލަފާނެތީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ނެރުނު ބަޔާނެއްގައި ބުނީ، އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ލޮޖިސްޓިކްސްގައި ޓީއެމްއޭގެ ދައުރު މުހިންމުކަމަށާއި، ދަތުރުތައް ހުއްޓާލައިފިނަމަ ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެ ކަމަށެވެ.
ޓީއެމްއޭ އަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓްކުރާ ކުންފުނިކަން ފާހަގަކޮށް މަޓާޓޯއިން ބުނީ، ޓީއެމްއޭގެ ދަތުރުތައް ހުއްޓިއްޖެ ނަމަ ދަތުރުވެރިން ތާށިވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެސްޓުންނަށް ލިބެން ޖެހޭ ފުރިހަމަ ޚިދުމަތް ނުލިބިދާނެ ކަމަށެވެ.
އެ ނިޒާމަށް ބުރޫ އަރައިފިނަމަ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ އިތުބާރު ކުރެވޭ އަދި ލަގްޒަރީ ޓްރެވަލް ޑެސްޓިނޭޝަންގެ ގޮތުގައި އޮތް ރާއްޖޭގެ އަގު ވެއްޓިދާނެ ކަމަށް މަޓާޓޯއިން ބުންޏެވެ. އޭރުން ރިސޯޓްތަކާއި ޓްރެވަލް އެޖެންސީތަކާއި އެއާލައިންތަކަށް ކުރިމަތިލާން ޖެހޭނީ ކަސްޓަމަރުން ރީބުކް ކުރުމާއި ބަދަލު ދިނުން ފަދަ ކަންކަމާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.