މިދިޔަ މެއި މަހު މަގާމުން ރިޓަޔާކުރައްވަން ހުށަހެޅުއްވި، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންގެ ރިޓަޔާމެންޓް ބަލައިގަންނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.
މުއުތަސިމް ރިޓަޔާ ކުރައްވަން ލިޔުން ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ އަށް ވަނަ ދުވަހެވެ.
ޖޭއެސްސީން ބުނީ، މާދަމާއިން ފެށިގެން ޝަރަފުވެރިކަމާ އެކު މުއުތަސިމް ރިޓަޔާކޮށްދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު ހަމަޖެހެންދެން ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރަނީ ފަނޑިޔާރު އަބްދުالله ހަމީދަށް ކަމާށް އެ ކޮމިޝަނުން ބުންޏެވެ.
މުއުތަސިމް ރިޓަޔާ ކުރައްވަނީ ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތުތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް، ތިން ފަނޑިޔާރުނަށް ފިޔަވަޅު އަޅައި، އެ ބޭފުޅުން ހައްގުތަކުން މަހުރޫމު ކުރި ކަމުގެ ތުހުމަތު ފެންމަތިވިއިރު ވެސް އެއްޗެއް ވިދާޅުނުވާތީ އެ މަނިކުފާނަށް ފާޑުކިޔުން ވެސް އަމާޒުވެފައި ވަނިކޮށެވެ.
އެ ދެ ބޭފުޅުންގެ ބަދަލުގައި ސުޕްރީމް ކޯޓަށް އައްޔަންކޮށްފައިވަނީ ހަމީދާއި ހައިކޯޓުގައި ފަނޑިޔާރުކަން ކުރައްވަމުންގެންދެވި މުހައްމަދު ސަލީމެވެ.
މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ޖޭއެސްސީން ސަސްޕެންޑުކުރީ ސުޕްރީމް ކޯޓުގައި ތިއްބެވި ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ސަސްޕެންޑުކޮށްފައެވެ. އޭގެ ތެރެއިން ސުއޫދު އިސްތިއުފާ ދެއްވިއިރު، މިދިޔަ މެއި މަހުގެ 14ގައި މަޖިލީހުން ވަނީ މަހާޒާއި އަޒްމިރަލްދާ ވަކިކޮށްފައެވެ. އެއީ އެ ބޭފުޅުންގެ މައްސަލަ ބެލި ގޮތާ ގުޅޭ ގޮތުން ބޭރުގެ ވެސް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
މުއުތަސިމް އުއްތަމަފަނޑިޔާރު ކަމަށް ވަޑައިގަތީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ޑިސެންބަރު 8، 2019ގައެވެ.