އެސްޑީއެފްސީ ގަތީ އިގްތިޞާދީ ފުދުންތެރިކަން އިތުރުކުރަން: ބީއެމްއެލް

ބީއެމްއެލްގެ އޭޖީއެމްގައި ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވަހަހަކަދައްކަވަނީ -- ފޮޓޯ: ބީއެމްއެލް

ސަރުކާރުން މިރޭ ވަނީ، އެސްޑީއެފްސީ، ބީއެމްއެލަށް ވިއްކައިލަން ވަޒީރުންގެ މަޖިލީހުން ނިންމަފައިވައިވާކަމަށް މިރޭ ބުނެފައެވެ،

އެ ނިންމުމާއެކު މިރޭ ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނީ އެސްޑީއެފްސީ މެދުވެރިކޮށ ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ފޯރުކޮށްދޭނީ އިސްލާމިކް ފައިނޭންސިން ޚިދުމަތްތައްް ކަމަށެވެ.

އަދި މި ޑިޖިޓަލް ބޭންކުގެ އައު ސްޓްރެޓެޖީގެ ދަށުން އަލަށް ފަށާ ވިޔަފާރިތަކާއި، އަންހެނުން ހިންގާ ވިޔަފާރިތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ވިޔަފާރިތަކާއި، ދެމެހެއްޓެނިވި ވިޔަފާރިތަކާއި އީ-ކޮމާސްގެ ދާއިރާތަކަށް ފައިނޭންސް ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށް ބޭންކުން ބުންޏެވެ.

https://sun.mv/208840

އެ ބޭންކުން ބުނީ، ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމުގެ މަގުސަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ވިއުގައާއި، ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިން ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިން ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުމަށާއި، ރައްޔިތުން މާލީ ބައިވެރިވުން އިތުރުކޮށް، ދިވެހި އިޤްތިޞާދަށް ފުދުންތެރިކަން އިތުރުކުރުމެވެ.

އަދި އެމްއެސްއެމްއީ ދާއިރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން އެސްޑީއެފްސީ އިން ޚިދުމަތް ދޭނީ ޑިޖިޓަލް ލެންޑިން ޕްލެޓްފޯމް އަދި ޑިޖިޓަލް މާކެޓްޕްލޭސް ފަދަ ހާއްސަ މާލީ ހައްލުތަކާއެކުގައި ކަމަށް އެ ބޭންކުން ބުންޏެވެ.

" އެސްޑީއެފްސީން ޚިދުމަތް ފޯރުކޮށްދޭ އެމްއެސްއެމްއީ ދާއިރާއަކީ ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ، އަދި ހަމައެހެންމެ އިޤްތިޞާދުގެ ކުރިއެރުމާއި އީޖާދީ ކަންކަމުގައި ވެސް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް. ބޭންކުގެ މި ނިންމުމާއެކު، އިސްލާމިކް ބޭންކިން ޚިދުމަތްތައް އަޅުގަނޑުމެންގެ ޑިޖިޓަލް ފަސްޓް ސަބްސިޑަރީ މެދުވެރިކޮށް ރާއްޖޭގެ އެމްއެސްއެމްއީތަކަށް އެންމެ ޒަމާނީ ބޭންކިންގ ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން،" ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސަބްސިޑައިރީއެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ މި ޑިޖިޓަލް ފަސްޓް ސަބްސިޑައިރީ މެދުވެރިކޮށް އެސްޑީއެފްސީއިން ފައިނޭންސް ދޫކުރަމުން އައި ޖުމްލަ ނިސްބަތަށްވުރެ އިތުރަށް ފައިނޭންސް ދޫކުރާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި ފައިނޭންސް ދޫކުރާނީ އެސްޑީއެފްސީން އެމްއެސްއެމްއީތަކަށް ދީފައިވާ ޝަރުތުތަކާއެކުގައި ކަމަށް ވެސް ބުންޏެވެ.

ބީއެމްއެލުން ބުނީ، އަމާޒަކީ ފުރަތަމަ އަހަރުގެ ތެރޭގައި މި ސަބްސިޑަރީ މެދުވެރިކޮށް 500 މިލިއަން ރުފިޔާގެ ފައިނޭންސިން ދޫކުރުން ކަމަށެވެ.

މީގެ އިތުރުން، މުޖުތަމަޢުގެ ތަރައްޤީއާއި ދެމެހެއްޓެނިވި ވިޔަފާރީގެ ކުރިއެރުމަށް އެހީތެރިވުމަށް ޓަކައި މޯލްޑިވިއަން އިސްލާމިކް ސޯޝަލް ފައިނޭންސިން އިނީޝިއޭޓިވް (އެމްއައިއެސްއެފްއައި) މެދުވެރިކޮށް ތިން އަހަރުގެ ތެރޭގައި 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެ ކަމަށް ވެސް ބުންޏެވެ.

އެސްޑީއެފްސީގެ ހިންގުމާއި ގަވަރނަންސްއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ބޭންކުން ހާމަކުރާނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

comment ކޮމެންޓް