އަންނަ އަހަރު ބޯހިޔާވަހިކަމުގެ އައު މަޝްރޫއުތަކަށް ބަޖެޓުގައި ބިލިއަނެއް ކަނޑައަޅާނަން: ރައީސް

ރައީސް މާފަރުގައި -- ފޮޓޯ/ ރައީސް އޮފީސް

އަންނަ އަހަރުގެ ބަޖެޓުގައި ވެސް ބޯހިޔާވަހިކަމުގެ އައު މަޝްރޫއުތަކަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ސަރުކާރުން 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި ވާއިރު، މި ބަޖެޓުގައި ބޯހިޔާވަހިކަމަށް ވަނީ ތިން ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ. ބޯހިޔާވަހިކަމާ ގުޅޭ ލޯނުތަކަށް ބިލިއަނެއް ކަނޑައަޅައިފައި ވެއެވެ. އަދި 1.8 ބިލިޔަން ރުފިޔާ ބޯހިޔާވަހިކަމުގެ އައު މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވެއެވެ.

މިއީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށް މީގެކުރިން ރައީސް ވިދާޅުވިއެވެ.

މިއަދު ނ. މާފަރު ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ މާފަރެކޭ އެއްގޮތަށް މުޅި ރާއްޖެއަށް ވެސް ކުރިމަތި ވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.

މި މައްސަލަ ހައްލުކުރުމަށް މިއަހަރު ވެސް މަސައްކަތް ކުރާއިރު، ބޯހިޔާވަހިކަމުގެ އައި މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެއް ބިލިއަން ރުފިޔާ ކަނޑައަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަންނަ އަހަރަށް އަޅުގަނޑުމެން ޕްލޭންކޮށްގެން މި އުޅެނީ މިރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަން. އަންނަ އަހަރު އިރާދަކުރެއްވިއްޔާ 2026ގެ ތެރޭގައި ބަޖެޓުގެ ތެރެއިން ނިއު ޕޮލިސީ އިނީޝިއޭޓިވްސްގެ ތެރޭގައި ބޯހިޔާވަހިކަމަށް ކަނޑައަޅާނެ އެއް ބިލިއަން ރުފިޔާ، އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ އާ މަޝްރުއުތައް ފެށިގެންދާ ރަށެއްގެ ގޮތުގައި މިރަށް އަޅުގަނޑުމެން ކަނޑައަޅާފައި އޮންނާނެ،" ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވަނީ މާފަރުގެ ތަރައްގީއަށް ކުރިއަށް ގެންދާނެ މަޝްރޫއުތަކާ ގުޅިގެން ވެސް ވާހަކަ ދައްކަވައިފައެވެ. އެގޮތުން، އެރަށުގެ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރިހަމަ ޓާމިނަލެއް އަޅައި، ފަތުރުވެރިންނަށް މަޑުކޮށްލެވޭނެ ފަދަ ހޮޓެލްއެއް ގާއިމް ކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެ އަތޮޅުގައި ވަރަށް ގިނަ ރިޒޯޓުތައް، ވަރަށް ގިނަ އެނދުތައް ހުރުމާ އިތުރު ވުމުގެ މަރުހަލާގައި އުޅުމާ އެކީގައި އެބައޮތް ވަރަށް ބޮޑު ޕޮޓެންޝިއަލްއެއް. އެހެންވީމައި މިތަނުގައި ހުންނަންޖެހޭ އެހެން ކަންކަން ވެސް އެބަހުރި،" ރައީސް ޑރ. މުހައްމަދު މުއިއްޒު

އެހެންކަމުން ޓާމިނަލް ހިމެނޭހެން، އެހެން ކަންކަން އެއާޕޯޓުގައި ކުރުމުގެ މަސައްކަތް މާ ލަސްތަކެއް ނުވެ ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ނ. މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަށް އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް، މި އެއްބަސްވުމުގައި ކަންބޮޑުވުންތަކެއް ހުރުމުން ރައްޔިތުން ބޭނުންވާ ގޮތަށް އެ އެއްބަސްވުމަށް ބަދަލު ގެންނަން ނިންމާފައި ވާކަން ވެސް ރައީސް ވަނީ މިއަދު ހާމަކުރައްވާފައެވެ.

ރައީސް މާފަރަށް ކުރެއްވި ދަތުރުފުޅުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މާފަރު ޕޮލިސް ސްޓޭޝަންގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވައިފައެވެ.

https://sun.mv/208841

ރައީސް މިއަދު ނ. އަތޮޅަށް ފުރައިވަޑައިގަތީ އެއަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށެވެ. މިއީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ވަޒީރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

comment ކޮމެންޓް