އުއްތަމަ ފަނޑިޔާރުގެ މަގާމަށް ވަޑައިގަތްތާ ހަ އަހަރު ފަހުން، ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިއަދު ރިޓަޔާކުރައްވައިފިއެވެ.
މުއުތަސިމް ރިޓަޔާ ކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ އަށް ވަނަ ދުވަހެވެ.
ޖޭއެސްސީން މިއަދު ބުނީ ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދުގެ ދަށުން އުއްތަމަ ފަނޑިޔާރު މުއުތަސިމް މިއަދުން ފެށިގެން ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔާކޮށްދިނުމަށް އެ ކޮމިޝަނުން ނިންމައިފައިވާ ކަމަށެވެ.
މުއުތަސިމް ވަނީ އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ނުވަ އަހަރާއި ހަތް މަހާއި 12 ދުވަހު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރައްވާފައެވެ.
މުއުތަސިމް އުއްތަމަ ފަނޑިޔާރު ކަމަށް ވަޑައިގަތީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ޑިސެންބަރު 8، 2019ގައެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާކުރައްވަން ނިންމެވުމާ ގުޅިގެން އެ މަގާމަށް ބޭފުޅަކު ހަމަޖެހެންދެން ސުޕްރީމް ކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދުއާ ހަވާލުކުރުމަށް މިދިޔަ ބުރާސްފަތި ޖޭއެސްސީން ނިންމައިފައިވާކަން ވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ.
މުއުތަސިމް ރިޓަޔާ ކުރައްވައިފައިވަނީ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތުތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް، އެ ކޯޓުގެ ތިން ފަނޑިޔާރަކަށް މިދިޔަ ފެބްރުވަރީ މަހު ފިޔަވަޅު އަޅައި، އެ ބޭފުޅުން ހައްގުތަކުން މަހުރޫމު ކުރި ކަމުގެ ތުހުމަތު ފެންމަތިވިއިރު ވެސް އެއްޗެއް ވިދާޅުނުވާތީ އެ މަނިކުފާނަށް ފާޑުކިޔުން ވެސް އަމާޒުވެފައި ވަނިކޮށެވެ.
މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ޖޭއެސްސީން ސަސްޕެންޑުކުރީ ސުޕްރީމް ކޯޓުގައި ތިއްބެވި ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ސަސްޕެންޑުކޮށްފައެވެ. އޭގެ ތެރެއިން ސުއޫދު އިސްތިއުފާ ދެއްވިއިރު، މިދިޔަ މެއި މަހުގެ 14ގައި މަޖިލީހުން ވަނީ މަހާޒާއި އަޒްމިރަލްދާ ވަކިކޮށްފައެވެ. އެއީ އެ ބޭފުޅުންގެ މައްސަލަ ބެލި ގޮތާ ގުޅޭ ގޮތުން ބޭރުގެ ވެސް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
އެ ދެ ބޭފުޅުންގެ ބަދަލުގައި، ވެރިކަން ކުރާ ޕާޓީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ސުޕްރީމް ކޯޓަށް އައްޔަންކޮށްފައިވަނީ ހަމީދާއި ހައިކޯޓުގައި ފަނޑިޔާރުކަން ކުރައްވަމުންގެންދެވި މުހައްމަދު ސަލީމެވެ.