ޑޮލަރު ލިބުން ދަތިވާ މައްސަލައިގައި ފޮނުވި ސިޓީއަށް ޖަވާބު ނުލިބުމުން އެމްޑީޕީ ޕީޖީ އެމްއެމްއޭއަށް

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ 12 މެންބަރުން: ސިޓީއަށް ގަވަރުނަރު ޖަވާބު ނުދެއްވާކަމަށް ވިދާޅުވެ ގަވަރުނަރާ ބައްދަލުކުރަން މެންބަރުން ވަނީ އެމްއެމްއޭއަށް ވަޑައިގެންފަ --- ފޮޓޯ: އެމްޑީޕީ

ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެ، ގިނަ ވިޔަފާރިތަކަށް މިކަމުގެ ސަބަބުން އަސަރު ކުރާތީ މައި އިދިކޮޅު ޕާޓީ, އެމްޑީޕީން ފޮނުވި ސިޓީއަށް ޖަވާބު ދެއްވައިފައި ނުވާތީ, އެމްޑީޕީގެ މަޖިލީހުގެ މެންބަރުން މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރާ ބައްދަލުކުރުމަށް، އެމްއެމްއޭއަށް ވަޑައިގެންފިއެވެ.

ފާހަގަކުރެވޭ ގޮތުގައި މި މައްސަލައިގައި މުނައްވަރާ ބައްދަލުކުރަން އެދި އެމްޑީޕީގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް މިދިޔަ ބުދަ ދުވަހު ވަނީ ގަވަރުނަރަށް ސިޓީއެއް ފޮނުއްވާފައެވެ.

އެ ސިޓީގައި ބުނެފައިވަނީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިއަހަރު އަމަލުކުރަން ފެށި ނަމަވެސް، އެ ގާނޫނު ތަންފީޒުނުކުރެވޭތީ ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް ރަސްމީކޮށް އުފެދިފައިވާ ކަމަށާއި، ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ޑޮލަރުން ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސަންޓު އެމްއެމްއޭއަށް ނަގަން ފެށުމުން މުދާ އެތެރެކުރާ މީހުންނަށް ޑޮލަރު ލިބުން ދަތިވެ، ބޭންކުތަކުން އެމީހުންނަށް ފޯރުކޮށްދޭ ޑޮލަރު ވެސް ލިބުން ހުއްޓުމަކަށް އަންނަން ފަށާފައިވާ ކަމަށެވެ.

"ޑޮލަރު ލިބުން ނުހަނު ދަތިވުމާއެކު، ގިނަ ވިޔަފާރިތަކެއް ހުއްޓުމުކަމަށް އަތުވެދާނެކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމުގެ ބޭނުމުގައި ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުއާމަލާތް ކުރުމުގެ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަމުންދާ ކުއްލި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރު ލިބުން އިތުރަށް ދަތިވެދާނެކަމުގެ ކަންބޮޑުވުން އެބަ އޮތެވެ،" އެ ސިޓީގައި ވެއެވެ.

އެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމްޑީޕީ ޕީޖީއާ ބައްދަލުކުރުމަށް އަވަސް ފުރުސަތެއް ދެއްވުމަށް އެ ސިޓީގައި މުނައްވަރުގެ ކިބައިން އެދިފައިވެއެވެ.

ނަމަވެސް އެ ސިޓީއަށް މުނައްވަރު ޖަވާބެއް ދެއްވާފައިނުވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ހުރިހާ މަޖިލިސް މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާއަށް ފަހު މިއަދު އެމްއެމްއޭގެ އޮފީހަށް ވަޑައިގެންފައެވެ.

އެމްޑީޕީން މިއަދު ފޮޓޯއަކާ އެކު 'އެކްސް'ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އެ ޕާޓީގެ މަޖިލީހުގެ މެންބަރުންގެ ނަމުގައި ފޮނުވި ސިޓީއަށް މުނައްވަރު ޖަވާބެއް ދެއްވާފައިނުވާތީ މި ވަގުތު މެންބަރުން ތިއްބެވީ އެމްއެމްއޭގައި ކަމަށެވެ.

ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ވަނީ އަރައިފައެވެ. މި ދަނޑިވަޅުގައި ގަވަރުނަރު ހަނު ހުންނެވުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

ޑޮލަރެއްގެ އަގު ބޮޑުވުމުން އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. ރާއްޖޭގެ އުފެއްދުންތެރިކަށް ދަށްވުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އެންމެ ޒަރޫރީ ތަކެތި ވެސް އެތެރެކުރަނީ ބޭރު ގައުމުތަކުންނެވެ. އެ ތަކެތި ގަންނަން ވިޔަފާރިތަކުން ވެސް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމުން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެއެވެ.

މުސާރައާއި އާމްދަނީ އިތުރު ނުވަނީސް ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން މީހުން ހަރަދު ކުރާ ވަރު ދަށްވެ, ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.

ފާހަގަކުރެވޭ ގޮތުގައި މި ސަރުކާރު އައިފަހުން ޑޮލަރުގެ އަގު އެންމެ ރަނގަޅަށް ހުރީ މިދިޔަ އަހަރުގެ ފެބްރުއަރީ ހިސާބުގައެވެ.

comment ކޮމެންޓް