ވޮޝިންޓަން (21 ޖުލައި 2025) : އިސްރާއީލަށް ފާޑުކިޔާ މީހުންނަށް އެމެރިކާގެ ޔުނިވާސިޓީތަކުން ދެން ޖާގަނުލިބޭނެ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާގެ ކޮންސިއުލާ އެފެއާޒްގެ ޑައިރެކްޓާ ޖޯން އާމެސްޓްރޯންގް ވިދާޅުވީ އިސްރާއީލަށް ފާޑުކިޔުމަކީ އެމެރިކާއަށް ގެއްލުންދިނުމުގެ އަމަލެއްގެ ގޮތުގައި ބެލޭވެތީ ސޯޝަލް މީޑިއާގައި ވެސް އަދި އެ ނޫންގޮތަކަށް ވެސް އިސްރާއީލަށް އެއްވެސް ވަރަކަށް ފާޑުކިޔުމަކީ އެމެރިކާ ބަލައިގަންނާނެ ކަމެއް ނޫނެވެ. އެހެން ކަމުން އިސްރާއީލަށް ފާޑުކިޔާ ފަރާތްތަކަށް އެމެރިކާގެ ޔުނިވާސިޓީތަކުން ދެން ޖާގަނުލިބޭނެއެވެ.
އެމެރިކާގެ ޔުނިވާސިޓީތަކަށް ވަނުމަށް އެދި ބޭރުގެ ދަރިވަރުން ވިސާއަށް ހުށަހެޅުމުން އެ ފަރާތުން އިސްރާއީލާ ދެކޮޅަށް ބަސްބުނެފައިވޭތޯ ނޫނީ އިސްރާއީލާ ދެކޮޅު މުޒާހަރާއެއް ނޫނީ އެއްވުމެއްގައި ބައިވެރިވެފައިވޭތޯ ބަލައި ތަހުގީގުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ ޔުނިވާސިޓީތަކުގައި ކިޔެވުމަށް ބޭނުންވާ ސްޓޫޑެންޓް ވިސާ ދެން ދޭނީ މިކަންކަން ބެލުމަށްފަހުގައި ކަމަށް ޖޯން އާމެސްޓްރޯންގް ވިދާޅުވިއެވެ.
"ވިސާއަށް އެދި ހުށަހަޅާފަރާތަކީ އިސްރާއީލަށް ފާޑުކިޔާ ފަރާތެއްނަމަ ނޫނީ އިސްރާއީލާ ދެކޮޅު މުޒާހަރާއެއް ނުވަތަ އެއްވުމެއްގައި ބައިވެރި ވެފައިވާ ފަރާތެއްނަމަ އެފަރާތަކަށް ވިސާ ނުދޭނެ" އާމެސްޓްރޯންގް ވިދާޅުވިއެވެ.
އާމެސްޓްރޯންގް އިތުރަށް ވިދާޅުވިގޮތުގައި ސްޓޫޑެންޓް ވިސާ ލިބުމަށްފަހު އެމެރިކާގެ ޔުނިވާސިޓީތަކުގައި ކިޔަވަން އުޅޭއިރުވެސް އިސްރާއީލަށް ފާޑުކިޔައިފިނަމަ ނޫނީ އިސްރާއީލާ ދެކޮޅަށް ބަހެއް ބުނެފިނަމަ ނޫނީ އިސްރާއީލާ ދެކޮޅު އެއްވުމެއް ނޫނީ މުޒާހަރާއެއްގައި ބައިވެރިވެއްޖެނަމަ ވަގުތުން ވިސާ ކެންސަލް ކޮށްފައި އެފަރާތެއް އެމެރިކާއިން ބޭރުކޮށްލެވޭނެ އެވެ.
މިޒަމާނުގެ ނާޒީ ޖަރުމަނުގެ ގޮތުގައި ސިފަކުރެވޭ ނުރައްކާތެރި އެންޓިޓީ އެއްކަމަށްވާ އިސްރާއީލުގެ ހިމާޔަތުގައި އެމެރިކާ މިހިސާބަށް ދާންޖެހުނީ ކީއްވެތޯ އަދި އިސްރާއީލާ ޖެހުމުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުން އެމީހަކު މަހުރޫމް ކުރަނީ ކީއްވެތޯ ބުނެ ސުވާލު އުފެދިފައިވާއިރު އެމެރިކާއާއި ޔޫރަޕްގެ އާންމު ރައްޔިތުން އިސްރާއީލާމެދު ދެކޭގޮތް މިހާރު ވަރަށް ބޮޑަށް ބަދަލުވަމުންދާކަން އާންމު ޚިޔާލު ހޯދުމުގެ ސާވޭތަކުން ދަނީ ހާމަވަމުންނެވެ. މިއާއެކު ހުޅަނގުގެ އާންމުންގެ މެދުގައި އިސްރާއީލަށް އޮންނަ ސްޕޯޓް ބޭސް ގެއްލިދާނެކަމުގެ ބިރު އިސްރާއީލުގައިވަނީ ވަރަށް ބޮޑުވެފައެވެ.
ޚިޔާލު ހޯދުމުގެ ސާވޭތައްކުރާ މުއައްސަސާއެއްކަމަށްވާ "ޕިއޯ" އިން ކުރާ ސާވޭތަކުން މިކަން ދަނީ ހާމަވަމުންނެވެ.
ޒަޔަނިސްޓުން ކޮންޓްރޯލް ކުރާ ހުޅަނގުގެ މެއިން ސްޓްރީމް މީޑީއާ ތަކުން އިސްރާއީލުގެ ހަގީގަތް އޮޅުވާލުމަށްޓަކައި އިސްރާއީލަކީ ވިކްޓިމް އެއްކަމާއި އިސްރާއީލު ނައްތާލުމަށްޓަކައި ފަލަސްތީނު މީހުން އެއްވެސް ސަބަބެއް ނެތި ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ގެންދާކަމުގެ ޕްރޮޕަގެންޑާތަކުގައި ހުޅަނގުގެ އާންމުން މިހާތަނަށް ތިބީ ވަރަށް ބޮޑަށް ޖެހިފައެވެ.
ނަމަވެސް ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ޓެރަރިޒަމާއި ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމާއި ހައިހޫނުކަމުގައި ޖައްސައިގެން މީހުން މެރުމުގެ ޖަރީމާތައް ފާޅުކަން ބޮޑުގޮތެއްގައި ފެންނަން ފެށުމުން ޔަހޫދީ ޒަޔަނިސްޓް ޕްރޮޕަގެންޑާތައްވަނީ މުޅިން ބޭޒާރުވެފައެވެ.
އަދި އެންޓި ސެމިޓިޒަމް ފަދަ ބިރުތައް ދައްކައިގެންވެސް މިހާރު އިސްރާއީލާ ދެކޮޅަށް ފާޑުކިޔާ ފަރާތްތަކުގެ އަނގަ ބަންދުކުރުމުގައި އިސްރާއީލާއި އެމެރިކާ އަދި ޔޫރަޕް ގެ ސަރުކާރުތައްވަނީ ނާކާމިޔާބުވެފައެވެ.
މިއާއެކު ހުޅަނގުގައިވެސް އާންމުން ގެންދަނީ ބިރުކަނޑާލުމަށްފަހު ތޮށިގަނޑު ފަޅާލައި އިސްރާއީލާ ދެކޮޅަށް ފާޅުގައި ނުކުންނަމުންނެވެ. އަދި އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސާ ކުރާ މައިގަނޑު ދެފަރާތަކީ އެމެރިކާއާއި ޔޫރަޕް ކަންވެސްވަނީ ހުޅަނގުގެ އާންމުންނަށްވެސް އެނގޭ ހިސާބަށް ކަންތައްތައްވަނީ ގޮސްފައެވެ.
އިސްރާއީލަށް ފާޑުކިޔާތީ އެމެރިކާއިންވަނީ އދ. ގެ އިންސާނީ ހައްގުތަކާބެހޭ މުގައްރިރު ފްރަންސިސްކާ އަލްބަނީޒް އާ ދެކޮޅަށްވެސް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. އަދި ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލަން މަސައްކަތްކުރާތީ އިސްރާއީލުގެ އިސްވެރިން ހައްޔަރުކުރުމުގެ އަމުރު ނެރުނު ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުންނަށާއި އެމައްސަލަ ހުށަހެޅި އެކޯޓުގެ ޕްރޮސެކިއުޓާ ދެކޮޅަށްވެސް އެމެރިކާވަނީ ބިރުދައްކައި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. މީގެތެރޭގައި އެބޭފުޅުން އެމެރިކާއަށް ވަނުން މަނާކުރުމާއި އެމެރިކާގެ ބޭންކްތައް މެދުވެރިކޮށް މާލީ މުއާމަލާތް ނުކުރެވޭގޮތް ހެދުމާއި އެބޭފުޅުންވެސް އެސެޓްތައް ފްރީޒް ކުރުންފަދަ ހަރުކަށި ފިޔަވަޅުތައް ހިމެނެއެވެ.
މީގެއިތުރުން އިސްރާއީލުގެ ބޮޑުވަޒީރާ ގާތް ގުޅުންތަކެއް އޮންނަ އިނގިރޭސިވިލާތުގެ ލޯޔަރެއްކަމަށްވާ ނިކޮލަސް ކައުފްމަން ވަނީ އިސްރާއީލުގެ ވެރިން ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރު ބާތިލް ނުކޮށްފިނަމަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓު އަދި އެކޯޓުގެ ޕްރޮސެކިއުޓާ ކަރީމް ޚާން ވެސް ނައްތާލާނެކަމުގެ އިންޒާރު ދީފައެވެ.