ތިންފަށް ވަރިއަކަށްފަހު 5 އަހަރުވީއިރު ވެސް އަންހެން މީހާ ގެއިން ނުނިކުތް މައްސަލައެއް ހައިކޯޓާ ހަމައަށް

ދެ މީހަކު ޕާކެއްގައި: ތިންފަށް ވަރިއަކަށްފަހު 5 އަހަރުވީއިރު ވެސް އަންހެން މީހާ ގެއިން ނުނިކުތް މައްސަލައެއް ހައިކޯޓަށް ހުށަހަޅައިފައިވޭ -- ސަން ފޮޓޯ: ފަޔާޒު މޫސާ

މީގެ ފަސް އަހަރު ކުރިން، ތިންފަށް ވަރިއަކުން ވަރިކުރި އަންހެނަކު، ފިރިހެން މީހާގެ ގެއިން ނުކުންނަން ދެކޮޅުހަދާތީ އެ މައްސަލަ ހައިކޯޓުގައި ވެސް ބަލައިފިއެވެ.

އެ މައްސަލައިގައި އޮތީ، ބ. ދަރަވަންދުއަށް ނިސްބަތްވާ ފިރިހެނަކާއި އެ އަތޮޅު ދޮންފަނަށް ނިސްބަތްވާ މީހަކު ތިން ވަނަ ފަހަރަށް ވަރިވެ، އެކަން ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގައި އޮކްޓޫބަރު 22، 2019ގައި ސާބިތުކޮށްދީފައިވާ ކަމަށެވެ. އެއަށްފަހު، ފިރިހެން މީހާގެ ނަމުގައި ދަރަވަންދޫގައި ރަޖިސްޓްރީކޮށްފައިވާ ގެއިން ނުކުންނަން އަންހެން މީހާގެ ގާތުގައި ތަކުރާރުކޮށް ބުނުމުން ވެސް އެ ގޭގައި ދިރިއުޅެމުންދާތީ، އޭނާ ނެރެދިނުމަށް އެދި ފިރިހެން މީހާ އެ މައްސަލަ ފުރަތަމަ ހުށަހެޅީ އެ ރަށު މެޖިސްޓްރޭޓް ކޯޓަށެވެ.

އެ މައްސަލައިގެ އަންހެން މީހާގެ ދިފާއުގައި އެނާގެ ފިރިހެން ދަރިފުޅު ތަދައްޚުލްވިކަން ކޯޓުން ފާހަގަކޮށްފައިވެއެވެ.

އެ މައްސަލައިގައި ސެޕްޓެމްބަރު 10، 2020ގައި އެ ކޯޓުން ނިންމީ، ފިރިހެން މީހާގެ ގޭގައި އަންހެން މީހާ ބައިންދަން ޖެހޭ ޝަރުއީ އަދި ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށެވެ. އެހެންވެ، ކޯޓުން އެ ހުކުމްކުރިތާ 48 ގަޑިއިރު ތެރޭގައި އަންހެން މީހާ، ފިރިހެން މީހާގެ ގެއިން ނުކުތުމަށް ކޯޓުން ހުކުމްކުރިއެވެ. އެ ހުކުމުގައި ވަނީ

އެ މައްސަލަ އަންހެން މީހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފަ ބުނެފައިވަނީ، އޭނާ ތިން ވަނަ ފަހަރަށް ކައިވެނި ކުރަން އެއްބަސްވީ އޭނާ އޭގެ ފަހުން ''އެގެއިން ނެރެ ބޭރުކޮށްނުލާނެ'' ކަމަށް ފިރިހެން މީހާ އެއްބަސްވުމުން ކަމަށެވެ. ނަމަވެސް އެކަމަށް މެޖިސްޓްރޭޓް ކޯޓުން ރިއާޔަތް ނުކުރާ ކަމަށާއި އެފަދައިން އެއްބަސްވިކަން ސާބިތުކުރުމަށް ދަރިން ހާޒިރުކުރަން އެދުނު ނަމަވެސް އެ ފުރުސަތު ނުދީ އެންމެ އަޑުއެހުމަކުން މައްސަލަ ނިންމާލީ ކަމަށް އިސްތިއުނާފުގައި ބުނެފައިވެއެވެ.

އެ ވާހަކަތަކަށް ރައްދުދީ ފިރިހެން މީހާގެ ފަރާތުން ބުނެފައި ވަނީ ދަރިފުޅު މައްސަލައަށް ތަދައްޚުލްކުރަން ހުށަހަޅައިފައިވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމައިފައިވާކަން އިއުލާންކޮށް، ދެން އޮންނާނީ ހުކުމް ކުރުމުގެ މަޖިލީސް ކަމަށް އިއުލާން ކުރި ފަހުން ކަމަށެވެ.

އެ މައްސަލަ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދިޔައިރު، އަންހެން މީހާ ތިން ވަނަ ފަހަރަށް ކައިވެނި ކުރީ ގެއިން ނުނެރޭނެ ކަމަށް އެއްބަސްވުމުން ކަމަށް ބުނެފައިނުވާ ކަމަށާއި ދަރިން ހާޒިރުކުރަން ބޭނުންވާ ސަބަބު ވެސް ކިޔައިދިނީ ތަފާތުކޮށް ކަމަށް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. އެގޮތުން މެޖިސްޓްރޭޓް ކޯޓުގައި އަންހެން މީހާ ބުނީ ދަރިންގެ ބަހެއް ބޭނުންވަނީ، ގޭތެރޭގައި ކަން ހިނގާ ގޮތާއި ޚަރަދު ކުރާ ގޮތާއި އެއް ގެއެއްގައި އެއް އާއިލާއެއްގެ ގޮތުގައި އުޅެމުން އައި އުޅުން އެންމެ ރަނގަޅަށް އެނގޭނީ ދަރިންނަށް ވާތީ ކަމަށެވެ.

މީގެ އިތުރުން މެޖިސްޓްރޭޓް ކޯޓުން ގާނޫނު މާނަ ކުރުމުގައި ނުވަތަ ގާނޫނު ތަތުބީގު ކުރުމުގައި ގޯހެއް ހަދައިވާ ކަމުގެ ބޮޑު ގާނޫނީ ބަހުސެއް ބުނެދެވިފައިނުވާ ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ގަނޫނުއަސާސީގެ ކަމާ ގުޅުންހުރި މާއްދާގައި ބަޔާންކޮށްފައިވާ ހަމަލަތަކާ ޚިލާފަށް މައްސަލައިގެ މައްޗަށް ހުކުމް ކުރުމުގައި ގަނޫނީ ހަމަތަކަށް ފުރިހަމައަށް ރިއާޔަތްކޮށްފައި ނުވާ ކަމަށް ބުނި ނަމަވެސް ރިއާޔަތް ކޮށްފައި ނުވަނީ ކޮން ހަމަތަކަކާ ޚިލާފަށްކަން ބުނެދީފައި ނެތް ކަމަށް ވެސް ހުކުމުގައިވެއެވެ.

އިސްތިއުނާފުގައި، މެޖިސްޓްރޭޓް ކޯޓުން ގޮތް ނިންމީ ފަނޑިޔާރުންގެ ގާނޫނާ ޚިލާފަށް ކަމަށް ވެސް ބުނެފައި އޮތްއިރު އެކަމުގެ ތަފުސީލެއް ވެސް ނެތް ކަމަށް ހައިކޯޓުން ބުނެފައިވެއެވެ.

އެ ކަންތައްތަކަށް ރިއާޔަތް ކުރައްވައި، އެ މައްސަލައިގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ފައިސަލްގެ ރައުޔުގައި ވަނީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރެވޭ މިންވަރަށް ބަޔާންކޮށްދެވިފައިވާ ނުކުތާތަކެއް ކަމުގައި ނުބެލެވޭ ކަމަށެވެ. އެހެންވެ، އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބަލައިގެން އެ ނުކުތާތަކާ މެދު ގޮތެއް ކަނޑައަޅަން ޖެހޭ ފަދަ ގާނޫނީ ސަބަބެއް އޮތްކަން އެނގެން ނެތުމުން، އެ މައްސަލަ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅަން ފެންނަ ކަމަށް އެ ރައުޔުގައިވެއެވެ.

އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާއާއި ފަނޑިޔާރު ހުޒައިފާ މުހައްމަދު އެ ރައުޔަށް ތާއިދުކުރެއްވެމުން، އިސްތިއުނާ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ވަނީ ހުކުމްކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ކުރި އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހައްގު އެއް މަސް ދުވަހަށް ލިބިދީފައިވާކަން އެ ކޯޓުން ފާހަގަކޮށްފައިވެއެވެ.

ރާއްޖެއަކީ ނިސްބަތުން އެންމެ ވަރި ގިނަ ގައުމު ކަމަށްވާއިރު، އާއިލާތަށް ރޫޅުމުން ދިމާވާ އެތައް މައްސަލައެއް ވެސް ފެންމަތިވެއެވެ.

comment ކޮމެންޓް