600އެއްހައި މީހުން އުޅޭ ހެނބަދޫގެ ބިން ނޮވެމްބަރު މަހު ހިއްކަން ފަށަނީ

ރައީސް ހެނބަދޫގައި ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

އާބާދީގައި ގާތްގަނޑަކަށް 600 މީހުން ދިރިއުޅޭ ނ. ހެނބަދޫ ބިންހިއްކުމުގެ މަސައްކަތް މިއަހަރު ނޮވެމްބަރު މަހު ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ނ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެރަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މިއަހަރު ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ހެނބަދޫ ބިންހިއްކުމުގެ މަސައްކަތް ހިމަނުއްވާފައިވާ ކަމަށެވެ. ބިންހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ތޮށިލާންޖެހޭ ހިސާބާއިކަނޑާ ކައިރިވުމުން އިންޖިނިއަރިންގެ ގޮތުން ޑީޓެއިލް ޑިޒައިނެއް ހަދަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ. އެކަމާ ގުޅޭގޮތުން ކައުންސިލާ މަޝްވަރާކޮށް ސެޕްޓެމްބަރު މަހާ ހަމައަށް މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރަކާ ހަވާލުކުރުމަށް އަމާޒުހިފާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރު މިކަން ކުރަން އަޅުގަނޑުމެން ގަސްދުކޮށްފައި އޮތް ގޮތަކީ ދެން އެންމެ އަވަހަށް ކޮންޓްރެކްޓްކުރަން ހުޅުވައިލާ މަޝްރޫއުތަކުގެ ތެރޭގައި މިރަށުގެ ބިން ހިއްކުން ވެސް ވާނީ ހިމަނައިފައި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ހެނބަދޫގައި ބިންހިއްކެން އޮތް އެންމެ ބޮޑުމިނަކީ ހަ ހެކްޓަރުކަމަށާއި އެއީ ރަށަށް ވަރަށް މުހިންމު ޖާގައެއްކަމަށެވެ. ބިންހިއްކާ ނިމުމުން ބިމުން ގޯތި ނުވަތަ ހައުސިންއަށާއި ކުޅިވަރު ކުޅުމަށް ބޭނުންކުރެވޭނެ އެންމެ ބޮޑު ޖާގައެއް ލޭންޑް ޔޫސް ޕްލޭން ހަދާ ނިންމާއިރު އޮންނަވަރަށް ހަމަޖައްސައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެރަށު ސިއްހީ މަރުކަޒުގެ ޚިދުމަތް މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 16 ގަޑިއިރަށް ބަދަލުކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދެއްވާފައެވެ.

ނ. އަތޮޅަށް ކުރާ ދަތުރުފުޅުގައި ރައީސް ދެން ބައްދަލުކުރައްވާނީ ކެނދިކުޅުދޫ ރައްޔިތުންނާއެވެ.

comment ކޮމެންޓް