ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯހެއް ދިވެހިބަހުގެ އެކެޑަމީއިން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އާއި ގދ. ހޯނޑެއްދޫ ކައުންސިލާއި އެ ރަށުގައި ހުންނަ ދައުލަތުގެ އިދާރާތަކުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވައިފިއެވެ.
ދިވެހިބަހުގެ އެކެޑަމީން ބުނީ، މީރާގެ މުވައްޒަފުންނަށް ބޭއްވި ކޯސް ކުރިއަށް ގެންދިޔައީ މި މަހު 13އިން 17އަށް މާލޭގައި، މީރާގައި ކަމަށެވެ. ދިހަ ގަޑިއިރުގެ މި ކޯހުގައި ކިޔަވައިދެއްވީ ދިވެހިބަހުގެ ގަވާއިދާއި އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތް ކުރާނެ ގޮތާއި ދިވެހިބަހުން ރީތިކޮށް މުއާމަލާތުކުރާނެ ގޮތްތަކެވެ.
މި ކޯހުގައި މީރާގެ ޖުމްލަ 21 ބައިވެރީން ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ.
ހޯނޑެއްދޫ ކައުންސިލް އިދާރާއާ ގުޅިގެން ކުރިއަށްގެންގޮސްފައިވަނީ ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށްދިނުމުގެ ކޯހެކެވެ. މި ކޯހުގައި ހޯނޑެއްދޫ ކައުންސިލާއި އެ ރަށުގައި ހުންނަ ދައުލަތުގެ އިދާރާތަކުގެ މުއައްސަސާތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި މަހުގެ 17އިން 19އަށް ހޯނޑެއްދޫ ކައުންސިލްގެ އިދާރާގައި 10 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ކޯހުން ޖުމްލަ 25 ބައިވެރީން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.
ދިވެހި ބަހުގެ އެކަޑެމީއިން ބުނި ގޮތުގައި ކޯސްތަކުގައި ކިޔަވައިދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ ޢަޒީޒާ ޢަފީފާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަބްދުﷲ ޖަމީލްގެ އިތުރުން ދިވެހިބަހުގެ އެކެޑަމީގެ ނައިބު ރައީސް ޒުލްފާ އިބްރާހީމެވެ.