އުއްތަމަ ފަނޑިޔާރު ކަމަށް ކުރިމަތިލާން އަށް ދުވަސް ދީފި

ސުޕްރީމް ކޯޓުގެ ބެންޗު: އުއްތަމަ ފަނޑިޔާރު ކަމަށް ކުރިމަތިލާން އަށް ދުވަސް ވަނީ ދީފައި --

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔަރު އަހުމަދު މުއުތަސިމް އަދުނާން މިއަދު ރިޓަޔާ ކުރެއްވުމުން، އެ މަގާމަށް ކުރިމަތިލާން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ހުޅުވާލައިފިއެވެ.

ޖޭއެސްސީން ނެރުނު އިއުލާނެއްގައި ވަނީ އުއްތަމަ ފަނޑިޔާރު ކަމަށް އެޕްލިކޭޝަން ހުށަހަޅާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ 12:00ގެ ކުރިން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާނަމަ ޖޭއެސްސީގެ ރަސްމީ ގަޑީގައި ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެ ކަމާށް ބުނެފައިވެއެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން އުއްތަމަ ފަނޑިޔާރު އައްޔަން ކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރާ މީހަކު ކަނޑައަޅާނީ ޖޭއެސްސީގެ މަޝްވަރާގެ މަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މި އަހަރު ސުޕްރީމް ކޯޓަށް ތިން ފަނޑިޔާރަކު އައްޔަންކޮށްފައިވެއެވެ. އެއީ މާރިޗް 19ގައި އައްޔަން ކުރި ފަނޑިޔާރު ހުސައިން ޝަހީދާއި މިދިޔަ މަހުގެ 11ގައި އައްޔަންކުރި ފަނޑިޔާރު މުހައްމަދު ސަލީމާއި އަބްދުﷲ ހަމީދެވެ. އެ ކޯޓުގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

މުއުތަސިމް ރިޓަޔާ ކުރެއްވުމުން ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ފަނޑިޔާރު ހަމީދާއެވެ.

މި އަހަރު ސުޕްރީމް ކޯޓަށް އައު ތިން ފަނޑިޔާރުން އައްޔަންކުރީ، ކުރިން އެ މަގާމުގައި ތިއްބެވި ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރުގެ ބަދަލުގައެވެ. އެއީ، މި ސަރުކާރުން މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަމުން ދަނިކޮށް ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމަށް ފަހު، އަޒްމިރަލްދާއާއި މަހާޒް ވަކިކުރުމަށް ފަހުގައެވެ. ސުއޫދު އަމިއްލައަށް އިސްތިއުފާ ދެއްވީއެވެ.

އެ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބެލީ ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދީ ކަމުގެ ފާޑުކިޔުންތައް ގައުމުގެ އެތެރެއިންނާއި ބޭރުން ވެސް އަމާޒުވިއެވެ. އެ މައްސަލައިގައި މުއުތަސިމް ވަކި އެއްޗެކޭ ވިދާޅުނުވާތީ، އެކަމާ ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

comment ކޮމެންޓް