ލޯނުގައި ކިޔަވާ ދަރިވަރުންތަކަކަށް ފައިސާ ނުދެއްކި ކޯހުން ވަކިކޮށްފި، މަޖިލީހުގައި ހައްލަކަށް އެދިއްޖެ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރު: ބައެއް ދަރިވަރުންނަށް ސަރުކާރުން ލޯނު ފައިސާ ނުލިބޭތީ ފީ ނުދެއްކުމުން، އެ ދަރިވަރުން ކޯހުން ވަކިިކޮށްފައިވާ ކަމަށް އެމްޕީ ކުޑޫ ވިދާޅުވި -- ފޮޓޯ/ މަޖިލީސް

ސަރުކާރުގެ ލޯނު ސްކީމްގެ ދަށުން ސްޕެއިންގެ ބާސެލޯނާގައި ޕައިލެޓުކަން ކިޔަވާ ދަރިވަރުންތަކަކަށް ފައިސާ ނުލިބުމުގެ ސަބަބުން ބައެއް ދަރިވަރުންނަށް ކޯސް ފީ ނުދެއްކުމުން، ކޯހުން ވަކިކޮށްފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުاللهއަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ ވިދާޅުވީ، ސަރުކާރުގެ ލޯނުގެ ދަށުން "އީއޭއެސް ބާސެލޯނާ" އާއި "ފްލައިބައި"ގައި ޕައިލެޓުކަން ކިޔަވަމުން އަންނަ ދަރިވަރުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެދި ދަރިވަރުންގެ ފަރާތުން މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުއްވި ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ބާސެލޯނާގައި ކިޔަވާ ދަރިވަރުން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށް، އެ ދަރިވަރުންނަށް ވިސާ ހޯދުމުގައި ދިމާވާ ދަތިތަކާއި އެކަމަށް އިތުރަށް ދާ ޚަރަދާއި، ދަރިވަރުންނަށް އެކަށީގެންވާ އަދަދެއްގެ ސްޓައިޕެންޑެއް ނުލިބި އަމިއްލައަށް ޚަރަދު ކުރަން ޖެހުމާއި ކޯހުގައި ހޭދަވާ މުއްދަތު، ލޯނު ދޭ މުއްދަތަށް ވުރެ އިތުރުވާ މައްސަލަ ފާހަގަކޮށް ސިޓީއެއް ފޮނުވައިފައެވެ.

https://sun.mv/203762

ނަމަވެސް އެ ސިޓީ ފޮނުވިތާ މަހެއްވީއިރު ދަރިވަރުންނަށް ޖަވާބެއް ނުލިބޭ ކަމަށް "ސަން"އަށް ބައެއް ދަރިވަރުން އޭރު ބުނެފައިވެއެވެ.

ކުޑޫގެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި ހަމަ މި މައްސަލައިގައި މަޖިލިސް މެދުވެރިކޮށް ހައްލެއް ނުލިބި އޮއްވައި މިދިޔަ މެއި މަހުގެ ހަތް ވަނަ ދުވަހު ހައިދަރު ދަރިވަރުންނާ ޒޫމް މެދުވެރިކޮށް ބައްދަލުކުރެއްވިއެވެ. އެގޮތުން އެ ބައްދަލުވުމުގައި ދަރިވަރުންގެ ޝަކުވާތައް ނޯޓުކޮށްފައިވާ ކަމަށާއި ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ހައިދަރު ވިދާޅުވި ކަމަށް ކުޑޫގެ ސިޓީގައި ވެއެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް އެއްވެސް މައްސަލައެއް ހައްލުކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެގޮތުން އަލަށް ހުށަހެޅި ސްޓޫޑަންޓް ލޯނާއި ޓޮޕްއަޕް ލޯނުގެ ޚަބަރެއް ނެތް ކަމަށާއި، ކިޔެވުމުގެ އާ އަހަރު ފެށޭއިރު ދަރިވަރުންނަށް ލޯނު ލިބޭނެކަން ނުވަތަ ނުލިބޭނެކަން ނޭނގޭ ކަމަށާއި، ޔޫރޯގެ ރޭޓު މައްޗަށް ދާއިރު އެ ކަމަށް ވެސް ހައްލެއް ނުލިބޭ ކަމަށް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

މެންބަރު މުހައްމަދު އިބްރާހިމް: ބާސެލޯނާގައި ކިޔަވަމުންދާ ދަރިވަރުންގެ މައްސަލަ ހައްލުނުވާ ކަމަށް ވިދާޅުވެ، މައްސަލަ ހައްލުކޮށްދިނުމަށް އެދިވަޑައިގެން ވަނީ ސިޓީއެއް ހުށަހަޅުއްވާފައި -- ފޮޓޯ/ މަޖިލީސް

މީގެ އިތުރުން ކުޑޫގެ ސިޓީގައި ވިދާޅުވީ، ބައެއް ދަރިވަރުންގެ ލޯނަށް ސަރުކާރުން ގަވައިދުން ފައިސާ ޖަމާކުރަމުން ނުދިއުމުގެ ސަބަބުން ދަރިވަރުންނަށް ކޯސްތަކަށް ފައިސާ ނުދެއްކި އޮތުމުން އެ ދަރިވަރުން ކޯސްތަކުން ވަކިކޮށްފައިވާ ކަމަށެވެ.

މިއަދާ ހަމައަށް ވެސް މި މައްސަލަތަކަށް މަޖިލިސް މެދުވެރިކޮށް ހައްލެއް ނުލިބި އޮތުމަކީ މަޖިލީހަށް އާންމުން ކުރާ އިތުބާރު ކުޑަވާނެ ކަމެއް ކަމަށާއި، މިނިސްޓަރު ވެސް ދަރިވަރުން ނާއުންމީދުގެ ތެރެއަށް ވައްޓާލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ކުޑޫ ވިދާޅުވިއެވެ.

އެހެންވެ އޭނާ އެދިވަޑައިގަތީ ދަރިވަރުންނަށް ދިމާވާ ދަތިތައް މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީއެއް މެދުވެރިކޮށް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށެވެ.

މި މައްސަލައިގައި މިދިޔަ އޭޕްރިލް މަހު ހައިދަރު ވަނީ ސްޓޫޑެންޓް ލޯން ފައިސާ ބައެއް ފަހަރު ލަސްވާކަން ގަބޫލުކުރައްވައި ކަމަށާއި އެހެން ދިމާވަނީ ދަރިވަރުން ފޮނުވާ މައުލޫމާތު ފުރިހަމަނުވާތީ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/205413

ދައުލަތުގެ އެހީގައި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ވާހަކަ ދައްކައިގެން ހައްލެއް ހޯދަން މަސައްކަތް ކުރާއިރު އެ މިނިސްޓްރީއާ ނުގުޅޭ މައްސަލަ ވެސް އޮތީ ވަރަށް ބޮޑުވެފައެވެ. އެހެންވެ، ދަރިވަރުންގެ ޝަކުވާތައް ބަލައިގަތުމަށް އޮކްޓޯބަރު މަހުގެ ކުރިން އެޕެއް ތައާރަފުކުރާނެ ކަމަށް ހައިދަރު ވިދާޅުވެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ދަރިވަރުންނަށް ފައިސާ ޖަމާވުން ލަސްވެ، ދިމާވަމުންދާ ދަތިތަކާ ގުޅޭގޮތުން މިދިޔަ މަހުގެ 23ގައި ކުޑޫ މަޖިލީހުގައި ހައިދަރާ ސުވާލުކުރެއްވުމުން، މިނިސްޓަރު ވަނީ އެއީ އެ ދުވަހުގެ ސުވާލުގެ ދާއިރާގެ ތެރެއިން ކުރެއްވި ސުވާލަކަށް ނުވާތީ ޖަވާބުދާރީވުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް