ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ މޯދީ: އިންޑިއާ

ބޮޑުވަޒީރު މޯދީ އާއި ރައީސް މުއިއްޒު: ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ މޯދީ ކަމަށް އިންޑިއާއިން ބުނޭ -- ފޮޓޯ/ އޭޕީ

ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތައް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޝަރަފުވެރިކޮށްދެއްވާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ރާއްޖޭގެ މިނިވަން ކަމަށް އަންނަ ހޮނިހިރު ދުވަހު 60 އަހަރު ފުރޭއިރު، އެ މުނާސަބަތާ ދިމާކޮށް މޯދީ ވަޑައިގަންނަވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ މީގެ ކުރިން ރިޕޯޓުކޮށްފައެވެ. އެ މަނިކުފާނު ވަޑައިގަންނަވާކަން ރާއްޖޭގެ ރައީސް އޮފީހުން އިއުލާން ކުރީ އިއްޔެއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގެން ހުންނަވާނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކަމަށާއި ދެ ގައުމުން ގުޅިގެން ކުރިއަށްގެންދާނެ މަޝްރޫއުތަކެއް އިފުތިތާހު ކޮށްދެއްވާނެ ކަމަށެވެ.

އިންޑިއާގެ ޚާރިޖީ ކަންތައްތައް ބެހޭ އެކްސްޓާނަލް އެފެއާސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ގައުމުގެ ވެރިއަކު ރާއްޖެެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކުރައްވައިފައެވެ.

އެ ބަޔާނުގައި ވަނީ ބޮޑުވަޒީރު ޖުލައި 26ވާ ހޮނިހިރު ދުވަހު، މިނިވަން ދުވަހާ ގުޅުވައިގެން ބާއްވާ ހަރަކާތްތަކުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މޯދީ ހުންނަވާނެ ކަމަށެވެ.

މީގެ އިތުރުން، ދެ ގައުމުގެ މަސްލަހަތާ ގުޅުން ހުރި ކަންކަމާ ގުޅޭ ގޮތުން ރައީސާއި ބޮޑުވަޒީރު މަޝްވަރާކުރައްވާނެ ކަމަށާއި މިއީ އިންޑިއާއިން ރާއްޖެއަށް ދޭ އަހަންމިއްޔަތު ދައްކުވައިދޭ ދަތުރުފުޅެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ރަނގަޅު ވާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

މި ސަރުކާރުން ވެރިކަމަށް އައީ އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ދިގު މުއްދަތަކަށް ހިންގި 'އިންޑިއާ އައުޓް' ހަރަކާތުގައި އިސްކޮށް އުޅުމަށް ފަހުގައެވެ. އެ ހަރަކާތާ މެދު އިންޑިއާއިން ނުރުހުންވެފައި އޮތްއިރު، މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ލޭބަލް ވެފައި އޮތީ 'ޕްރޯ ޗައިނާ' ސަރުކާރެއްގެ ގޮތުގައެވެ.

އެއަށްފަހު ސަރުކާރުގެ ވަރަށް ކުރީކޮޅު ނައިބު ވަޒީރުންތަކެއް މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް ކުޑައިމީސް ކުރި މައްސަލައިގައި ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވިއެވެ. ނަމަވެސް މި ސަރުކާރުން އެ ގައުމާ ގުޅުން ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއްކޮށް، މިދިޔަ އަހަރުގެ ޖޫން މަހު މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތެވެ.

މޯދީ މީގެ ކުރިން ރާއްޖެ ވަޑައިގަތީ 2018ގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށާއި އޭގެ ޖެހިގެން އައިއަހަރުގެ ޖޫން މަހުގެ އަށެއްގައެވެ.

comment ކޮމެންޓް