ވެހިކަލުން ތޮއްޖެހިފައިވާ މާލޭގައި ޕާކިން ބިލްޑިންއެއް އަޅަން ކައުންސިލުން ބަޔަކު ހޯދަނީ

ކާނިވާ ސަރަހައްދުގައި ހަދާފައިވާ ޕާކިން އޭރިއާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެހިކަލުން ފުރި ބާރުވެފައިވާ ވެރިރަށް މާލޭގައި ޕާކިން ބިލްޑިންއެއް އަޅައިދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން މިއަދު އިއުލާނުކޮށްފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ މާލޭގެ އުތުރު ފަރާތުގައި ޕާކިން ބިލްޑިންއެއް އަޅަން ބޭނުންވާތީ އެ ކަން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި އެ މަސައްކަތަށް ބީލަން ހުށަހަޅަން ވެސް ވަނީ ހުޅުވައިލައިފައެވެ.

ކައުންސިލުން ބުނި ގޮތުގައި މި މަސައްކަތުގެ މައުލޫމާތު ސާފުކުރުން އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު މެންދުރުފަހު 13:00ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ ކައުންސިލުގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިގައި ކަމަށެވެ.

މަސައްކަތުގެ އަގު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 10ވަނަ ދުވަހުގެ ހެނދުނު 10:00ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ ކައުންސިލުގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިގައެވެ.

ސިޓީ ކައުންސިލުން ބުނީ މަޢުލޫމާތު ސާފުކުރަން ނާންނަ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ އާންދާސީ ހިސާބު ބަލައި ނުގަންނާނެ ކަމަށް ވެސް ބުނެފައެވެ.

މާލޭގައި ޕާކިން މައްސަލަ އިންތިހާށް ބޮޑުވެފައިވަނީ ކެރީން ކެޕޭސިޓީއަށްވުރެ އިތުރަށް އުޅަނދު މާލޭ ތެރޭގައި ބޭނުންކުރާތީއެވެ.

މީގެ ކުރިން މާލޭގެ ބައެއް ސަރަހައްދުތަކުގައި މެކޭނިކަލް ޕާކިންތަކެއް ހުރި ނަމަވެސް އެ ބޭނުންކުރެވިފައެއް ނުވެއެވެ. އަދި މާ ބޮޑު ހައްލެއް ވެސް ލިބިފައެއް ނުވެއެވެ.

https://sun.mv/204577

މާލޭގައި، ސިޓީ ކައުންސިލުން މިހާރު ޕާކިން ޖާގަ ހަދަނީ ގަބުރުސްތާނުތައް ހުސްކޮށްގެނެވެ. އެގޮތުން އެންމެ ފަހުން ވަނީ މާފަންނު ސަހަރާ ހުސްކޮށް އެ ތަނުގައި ޕާކިން ޖާގައާއި ހިތްފަސޭހަ މައިޒާނެއް ހަދަން މަސައްކަތް ފަށައިފައެވެ. މީގެ އިތުރުން މޯޗަރީ ހުންނަ ގަލޮޅު ސަހަރާގެ ބައެއް ވެސް ސާފުކޮށް ޕާކިން ޖާގަ ހަދައިފައިވެއެވެ.

ނަމަވެސް ގަބުރުސްތާނުތައް ހުސްކުރާތީ އެކަމުގެ ކަންބޮޑުވުން އާންމު ރައްޔިތުން ކުރެއެވެ. އަދި އެ ފަދަ ކަންކަމަށް ސަހަރާތައް ހުސް ނުކުރެވޭނެ ކަމަށް ފަތުވާ މަޖިލީހުން ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް