ބަންގްލަދޭޝްގެ ވައިގެ ސިފައިންގެ މަތިންދާބޯޓެއް ކޮލެޖަކަށް ވެއްޓި 19 މީހުން މަރުވެއްޖެ

ބަންގްލަދޭޝްގެ ވައިގެ ސިފައިން ތަމްރީނު ދޭން ބޭނުންކުރާ މަތިންދާބޯޓެއް ވެރިރަށް ޑާކާގެ ކޮލެޖަކާއި ސްކޫލެއް ހިންގާ ކެމްޕަހަކަށް ވެއްޓި 19 މީހުން މަރުވެއްޖެއެވެ.

ބަންގްލަދޭޝް މީޑިއާތަކުން ބުނީ އެފް-7 ބީޖީއައި މަތިންދާބޯޓު ޑާކާގެ މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖު ކެމްޕަހަށް ވެއްޓުނީ ބަންގްލަދޭޝް ގަޑިން މިއަދު މެންދުރު 13:00 ހާއިރު ކަމަށެވެ. އެ ވަގުތު ބައެއް ދަރިވަރުން ދިޔައީ ސްކޫލްގައި ޓެސްޓެއް ހަދަމުން ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެ ހާދިސާގައި އަނިޔާވި ބައެއް މީހުންނަށް ފަރުވާ ދެމުން އަންނަ ޑާކާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުގައި ފިހިގެން ދާ މީހުންނަށް ޚާއްސަކޮށްފައިވާ ޔުނިޓްގައި އިސްކޮށް ހުންނަވާ ބިދާން ސާކާ ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި، އެ ހޮސްޕިޓަލަށް އެއް ކުއްޖަކު ގެންދިޔައިރު އޮތީ މަރުވެފައެވެ.

"ގްރޭޑް ތިނެއްގައި ކިޔަވާ ދަރިވަރަކު މަރުވެގެން ގެނައި. އުމުރުން 12އާއި 14 އަހަރުގެ ދެ ކުއްޖަކާއި 40 އަހަރުގެ މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވޭ،" ބައެއް މީހުން ގެންދިޔަ ނިއުސް އެޖެންސީއަށް ވިދާޅުވިއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ބާން އެންޑް ޕްލާސްޓިކް ސާޖަރީގެ ޑޮކްޓަރަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބޯޓު ވެއްޓުނު ފަހުން ފިހިފައިވާތީ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް 50 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ބޯޓު ވެއްޓުނު ހިސާބުގައި ރޯވެ، ބޯ ދުން އަރަމުންދާ މަންޒަރު ފެނެއެވެ. އަދި އެ ސަރަހައްދުގައި ދަރިވަރުންގެ އިތުރުން ގިނަ އަދަދެއްގެ މީހުން ދުވެ، ރޮއެ ހަދާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.

ފަޔާ ފައިޓަރުން ބޯޓު ވެއްޓުނު ސަރަހައްދަށް ފެން ޖަހަމުން ދާއިރު، ބޯޓު އޮތީ އިމާރާތުގެ އެއްފަރާތަށް ވެއްޓިފައެވެ.

"އަޅުގަނޑުގެ ދަރިފުޅު ގޮވައިގެން ގޭޓާ ހަމައަށް ދިޔައިރު އަޅުގަނޑަށް ހީވި ފަހަތުން އެއްޗެއް ގޮވާއަޑު އިވުނުހެން. ފަހަތަށް ބަލާލިއިރު ފެނުނީ އަލިފާނާއި ދުން." އެ ސްކޫލުގެ ޓީޗަރެއް ކަމަށްވާ މަސޫދު ތާރިކް ރޮއިޓާސްއަށް ބުންޏެވެ.

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސްވެރިޔާ މުހައްމަދު ޔޫނުސް ވިދާޅުވީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

ޔޫނުސް ވަނީ ބޯޓު ވެއްޓުމާ ގުޅިގެން ނޭޝަނަލް އިންސްޓިޓިއުޓް އޮފް ބާން އެންޑް ޕްލާސްޓިކް ސާޖަރީގައި އެމަޖެންސީ ހޮޓްލައިނެއް އެކްޓިވޭޓް ކޮށްފައިވާކަން ވެސް އިއުލާން ކުރައްވާފައެވެ.

އެ ހާދިސާ ހިނގާފައި މިވަނީ އަވަށްޓެރި އިންޑިއާގެ އަހުމަދުއާބާދު ސިޓީގެ މެޑިކަލް ކޮލެޖެއްގެ ކިޔަވާ ކުދިންތަކެއް ދިރިއުޅޭ އިމާރާތެއްގެ މައްޗަށް އެއާ އިންޑިއާގެ މަތިންދާބޯޓެއް މިދިޔަ މަހު ވެއްޓުނު ފަހުންނެވެ. އެ ބޯޓުގައި ތިބި 242 މީހުންގެ ތެރެއިން 241 މީހުންނާއި އިތުރު 19 މީހުން މަރުވެފައިވެއެވެ.

comment ކޮމެންޓް