ދެހާސް އަށްވަނަ އަހަރަށް ފަހު މި ސަރުކާރުގެ ބަންޑާރަނައިބު އަހުމަދު އުޝާމް ނޫނީ ފަނޑިޔާރުންނަށް މި ވަރަށް ނުފޫޒު ފޯރުވި ބަންޑާރަނައިބެއް ދެކެވަޑައިނުގަންނަވާ ކަމަށް، ސުޕްރިމް ކޯޓު ފަނޑިޔާރުކަމުން ވަކިކުރި މަހާޒު އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާކުރެއްވުމުން މަރުހަބާ ވިދާޅުވެ އުޝާމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓު ހިއްސާކުރައްވައި މަހާޒު ވަނީ ޗެޓު ލޮގެއް ޝެއާކުރައްވައިފައެވެ. އެއީ ވަކީލަކު ލައްވައި އުޝާމް، މަހާޒަށް ގުޅުއްވި ކަމަށް ބުނާ ކޯލު ފެންނަ ޗެޓްލޮގެކެވެ.
އެއީ އަށް މިނެޓުގެ ފޯނު ކޯލެއް ކަމަށް މަހާޒު ވިދާޅުވިއެވެ. ވަކީލަކު މެދުވެރިކޮށް ގުޅުއްވައި، ފެބްރުއަރީ 10، 2025ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ދައުލަތުގެ އިދާރާއަކުން ބަލަން ނޫޅޭ ކަމަށާއި އޮކްޓޯބަރު 25، 2022ގައި ހިނގާފައި އޮތް ހާދިސާއެއްގެ މައްސަލަ ވެސް ޖޭއެސްސީން ނުބަލާނެ ކަމުގައި އެ ވަކީލު ވިދާޅުވި ކަމަށް މަހާޒް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު -- ފޮޓޯ/ ރައީސް އޮފީސް
އެ ވަކީލު އަރިހުގައި އޭޖީގެ މެސެޖު ސާފުވިކަމަށާއި، 2022 ގެ ވާހަކަ މިހާރު ދައްކާނީ ކީއްވެގެންކަން އެނގޭ ކަމަށް މަހާޒް ވިދާޅުވި ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި 2008ގެ ފަހުން ފަނޑިޔާރުންނަށް އެވަރަށް ނުފޫޒު ފޯރުވި ބަންޑާރަނައިބެއް ފެނިވަޑައިނުގަންނަވާ ކަމަށް މަހާޒް އެ ޕޯސްޓުގައި ލިޔުއްވިއެވެ.
ސުޕްރިމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވައި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރީ، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އިދިކޮޅުން ސުޕްރިމް ކޯޓަށް ވެއްދުމާ އެކު، ސުޕްރިމް ކޯޓުން އެ މައްސަލަ ބަލަނިކޮށެވެ.
އެ ގޮތުން، މިދިޔަ ފެބްރުވަރީ މަހު ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒާއެކު ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރިއެވެ. އެއަށް ފަހު ސުއޫދު މަގާމުން އިސްތިއުފާ ދެއްވީއެވެ. އަދި މެއި 14 ވަނަ ދުވަހު މަޖިލީހުން ވަނީ މަހާޒާއި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ.
ސުއޫދާއި އަޒްމިރަލްދާ ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެއީ ސަރުކާރުން ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުމަށް، ފަނޑިޔާރުންނަށް ބިރު ދައްކައި، ކޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.
އެ މައްސަލައިގައި އެތެރެއާއި ބޭރުގެ އެކިއެކި އިދާރާތަކުންނާއި ގާނޫނީ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން ދިޔައިރު އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދެ ފަނޑިޔާރުން ވަކިކުރަން ނިންމިއެވެ.
ފަނޑިޔާރުން ޖަވާބުދާރީވާން އެކަށިގެންވާ ފުރުސަތެއް ނުދޭކަމުގެ ކަންބޮޑުވުން އޮއްވައި، ކޮމިޓީން ނިންމީ އެ ފުރުސަތު ނުދިނުމަށެވެ. އަދި މަޖިލީހުން ވެސް ކޮމިޓީގެ ނިންމުމާ އެއްގޮތަށް، ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރީ މިދިޔަ މަހުގެ 14ގައެވެ.