ފްރާންސުން ހިންގަނީ ސިޔާސީ ތަހުގީގެއް، އެއްބާރުލުން ނުދޭނަން: އެކްސް

މަސްކް: މަސްކްގެ އެކްސްއިން ވަނީ ފްރާންސުން ހިންގާ ތަހުގީގަކަށް އެއްބާރުލުން ދޭން ދެކޮޅު ހަދައިފައި --

އީލޮން މަސްކްގެ އެކްސް ޕްލެޓްފޯމާ ދެކޮޅަށް ފްރާންސުން ހިންގަނީ ސިޔާސީ ތަހުގީގެއް ކަމަށް ބުނެ، އެ ތަހުގީގަށް އެއްބާރުލުން ދޭން އެ ކުންފުނިން ދެކޮޅު ހަދައިފިއެވެ.

ފްރާންސްގެ ޕްރޮސެކިއުޓަރުން އެކްސްއާ ދެކޮޅަށް މި ތަހުގީގު ފަށާފައިވަނީ މި އަހަރުގެ ޖަނަވަރީ މަހެވެ. އެ މައްސަލަ ބިނާވެފައިވަނީ އެ ޕްލެޓްފޯމްގެ އެލްގޮރިދަމްއަށް ބަދަލުގެނައުމާއި، މީހުންނަށް އޮޅުވާލައިގެން މައުލޫމާތު ނެގުމުގެ ތުހުމަތު ފަދަ ކަންކަމުގެ މައްޗަށެވެ.

އެ މައްސަލަ ހުށަހަޅާފައިވަނީ ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކާއި ދައުލަތުގެ އިދާރާއެއްގެ އިސް އޮފިޝަލެކެވެ.

ރޮއިޓާސްއިން ރިޕޯޓްކުރާ ގޮތުގައި، މިމަހުގެ ކުރީކޮޅު މި ތަހުގީގު އިތުރަށް ވަރުގަދަކޮށް، ފުލުހުން ވެސް މިހާރު ދަނީ އެކްސް ކުންފުނިން ނުވަތަ އެކުންފުނީގެ އިސްވެރިންނާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް ބަލަމުންނެވެ.

އެކްސްގެ ގްލޯބަލް ގަވަރުމެންޓް އެފެއާޒް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފްރާންސްގެ އިސް ބަޔަކު ކުރާ ތުހުމަތުތައް އެއްކޮށް ދޮގުކުރާ ކަމަށެވެ. އަދި މި ތަހުގީގުގެ ސަބަބުން އެ ކުންފުނީގެ ހައްގުތައް ގެއްލި، އެކްސް ބޭނުންކުރާ މީހުންގެ ޕްރައިވެސީއާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ނުރައްކާވާ ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ.

އެކްސް އިން ބުނާ ގޮތުގައި، ފްރާންސްގެ އޮފިޝަލުން ވަނީ އެ ޕްލެޓްފޯމްގެ ރެކޮމެންޑޭޝަން އެލްގޮރިދަމްއަށް އެކްސެސް ހޯދުމަށާއި، މީހުން ޕޯސްޓްކުރާ ހުރިހާ ލިޔުންތަކެއްގެ ވަގުތުން ވަގުތަށް ބެލޭނެ ގޮތް ހެދުމަށް އެދިފައެވެ. އެ ޑޭޓާތައް ހޯދަނީ ދިރާސާކޮށް، އެކްސް ހިންގާ ގޮތުގެ "ހަގީގަތް ހޯދުމަށް" ކަމަށްވެސް ފްރާންސުން ބުނެއެވެ.

މި ޑޭޓާތައް ދިރާސާކުރާނީ ދެ މާހިރެކެވެ. އެއީ، އެއީ ޕެރިސް ކޮމްޕްލެކްސް ސިސްޓަމްސް އިންސްޓިޓިއުޓް (އައިއެސްސީ-ޕީއައިއެފް)ގެ ޑިރެކްޓަރު ޑޭވިޑް ޝަވަލަރިއާސް އާއި، އެ އިންސްޓިޓިއުޓްގެ އޭއައި ޕްލެޓްފޯމް ލީޑަރު މަޒިޔާރު ޕަނާހީ އެވެ.

އެކްސްއިން ތުހުމަތުކުރާ ގޮތުގައި، މި ދެ މާހިރުންނަކީ ވެސް އެކްސްއާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކާފައިވާ ދެ މީހުންނެވެ. އަދި ޝަވަލަރިއާސްއަކީ އެކްސް ބޭނުންކުރުން ހުއްޓާލުމަށް ބާރުއަޅާ 'އެކްސް އެސްކޭޕް' ކިޔާ ކެމްޕޭނެއް ހިންގާ މީހެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ފްރާންސްގެ ގާނޫނުތަކުގެ ދަށުން މި ތުހުމަތުތައް ސާބިތުވެއްޖެނަމަ، އެކްސް ކުންފުންޏަށް ބޮޑެތި މާލީ ޖޫރިމަނާތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ. އަދި ކުންފުނީގެ އިސްވެރިންނަށް ވެސް ގާނޫނީ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

މިއީ އެކްސް ޕްލެޓްފޯމުން ސަރުކާރެއްގެ އަމުރަކަށް ނުކިޔަމަންތެރިވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިން، ބްރެޒިލް އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ ކޯޓު އަމުރުތަކަށް ގޮންޖަހައި، ކޯޓުން އަންގާ ގޮތަށް އަމަލުކުރަން އެ ކުންފުނިން ދެކޮޅު ހަދައިފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު