އިންޑިއާގެ ނޮއިޑާ ވީއައިޕީ ސެކިއުރިޓީ ޓްރެއިނިން ސެންޓަރުގައި ކުރިއަށްގެންދިޔަ ވީއައިޕީ ސެކިއުރިޓީ ޓްރެއިނިންގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ 10 ބޮޑީގާޑުން ބައިވެރިވެ ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފިއެވެ.
ފުލުހުން ބުނީ މި ޓްރެއިނިން އޮތީ މި މަހުގެ އަށަކުން 18ގެ ނިޔަލަށް 10 ދުވަހުގެ މުއްދަތަށް ކަމަށެވެ.
މި ތަމްރީނަކީ އިންޑިޔާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސްގެ ފަރާތުން ކުރިއަށް ގެންދިޔަ ތަމްރީނެކެވެ.
މި ތަމްރީނުގައި ޕްރޮޓެކްޓިވް ސެކިއުރިޓީ ޓެކްޓިކްސް، ވެޕަންސް ޓްރެއިނިން، ޓެކްޓިކަލް ޓްރެއިނިން އަދި ފިޒިކަލް ޓްރެއިނިންގެ އިތުރުން ވީއައިޕީ ސެކިއުރިޓީއާ ގުޅުންހުރި ގިނަ ހުނަރުތައް ދަސްކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދިވެހި ފުލުހަކަށް ހަނދާނީ ފިލާ ދެނީ --
މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ޑިރެކްޓާ ޖެނަރަލް އޮފް ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް، ގިޔަނެންޑްރަ ޕްރަޓާޕް ސިންޙް ދެއްކެވި ވާހަކައިގައި ވަނީ މި ތަމްރީނު ފުރިހަމަކޮށްފައިވާ 10 ފުލުހުންގެ ވެސް ޑިސިޕްލިން ވަރަށް ރަނގަޅުކަމަށް ފާހަގަކުރައްވައިފައި ކަމަށް ދިވެހި ފުލުހުން ބުންޏެވެ.
އަދި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ފުރުސަތުތައް ދިވެހި ފުލުހުންނަށް ދެއްވާނެކަމުގެ ޔަގީންކަން ދެއްވިކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން ތަމްރީނުން ދަސްވި ހުނަރުތަކުގެ ބޭނުން އަމަލީ މައިދާނުގައި ހިފުމަށް ބައިވެރިންނަށް ނަސޭހަތްތެރިވެލެއްވި ކަމަށް ވެސް ބުންޏެވެ.