ޢާއިލާ ހިތާމަކޮށް، ގައުމު ސިއްސުވައިލާ، ފުލުހުން މަގުތަކަށް!

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާފައި -- ސަން ފޮޓޯ / އިބްރާހީމް އިފާޒް

އެއްގަމު އެކްސިޑެއްޓެއްގައި މީހަކު މަރުވާ ކޮންމެ ފަހަރަކު މުޅި ގައުމު އެ ކަމާ ހިތާމަ ކުރެއެވެ. ތައުޒިޔާ އާއި ހެޔޮ އެދުމުގެ ބަސްތަކުން މީސް މީޑިއާ ފުރާލައެވެ. ލިބުނު އަނިޔާ އާއި ގެއްލުންތަކުގެ ތަފުސީލުތައް ނޫސްތަކުން ރިޕޯޓު ކުރެއެވެ. އެންމެ މުހިއްމު ކަމަކަށް، ކަމާ ބެހޭ އިދާރާތައް އާދަޔާ ޚިލާފަށް ހަރަކާތްތެރި ވެ ފުލުހުން މަގުތަކަށް ނިކުމެއެވެ. މަގުމަތީގެ ރައްކާތެރި ކަމަށް ސަމާލު ވުމަށް މީހުންނަށް ނަސޭހަތްތެރި ވެ ޤާނޫނާއި ގަވާއިދުތައް ހަނދާން ކޮށްދީ ހަދައެވެ. ނަތީޖާއެއްގެ ގޮތުން، ގަވާއިދާ ޚިލާފަށް ދުއްވާ ފަރާތްތައް ހިސާބަކަށް މައިތިރި ވެލާހެން ހީވެއެވެ. ގިނަ ވެގެން ހަފުތާއެއް ނުވަތަ ދެ ހަފުތާއެއްހައި ދުވަހު މި ކަން މި ގޮތަށް ހިނގާފާނެއެވެ. އޭގެ ފަހުން އެ ކަން ހުއްޓި، ދުއްވާ މީހުންނާއި ހިނގާ މީހުން ވެސް އެ މީހުންގެ "އަސްލު ގޮތަށް" ރުޖޫއަ ވެ ދެއެވެ. އަނެއްކާ ވެސް އެހެން މީހެއްގެ މަރުގެ ޚަބަރާ އެކު، މި ކަންކަން އެ ތަރުތީބުން ތަކުރާރު ވާނެއެވެ.

ރިއެކްޓިވް ޕޮލިސިންގ ދޫކޮށް ޕްރޯއެކްޓިވް ޕޮލިސިންގ އަށް ދާން ޖެހޭ

މަގުމަތީގެ އެކްސިޑެންޓެއް ހިނގުމުން ކުއްލިއަކަށް ފުލުހުން މަގުތަކަށް ނިކުމެ ހަރަކާތްތެރި ވުމަކީ ރިއެކްޓިވް ޕޮލިސިންގ އެވެ. މިއީ ވަރަށް ގިނަ ގައުމުތަކުގައި ފުލުހުން ޢަމަލު ކުރަމުން ދާ ގޮތެއް ނަމަވެސް މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި މިއީ އެންމެ އެދެވިގެން ވާ ގޮތެއް ނޫންކަން ހޯދިފައި ވެއެވެ. ޑޮމިނިކް ޒާލް، މޮނާޝް ޔުނިވާސިޓީގެ އެކްސިޑެންޓް ރިސާޗް ސެންޓަރަށް 1994 ވަނަ އަހަރު ލިޔުނު ރިޕޯޓުގައި ފާހަގަ ކޮށްފައި ވާ ގޮތުގައި، މަގުމަތީގެ އާއްމު ސަލާމަތްތެރި ކަމާ ގުޅޭ ގޮތުން، ކަން ވެ ނިމޭ ފަހުން ފިޔަވަޅުތަކެއް އެޅި ނަމަވެސް އެއީ ދާއިމީ ގޮތެއްގައި ކުރިއަށް ގެންދެވޭ ކަމަކަށް ނުވާތީ، ރިއެކްޓިވް ޕޮލިސިންގ އަކީ އެންމެ އެދެވިގެން ވާ ސްޓްރެޓެޖީއެއް ނޫނެވެ.[1]

ދިވެހިރާއްޖެ އެކޭ އެއްގޮތަށް ނައިޖީރިއާ ގައި ވެސް މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި މީހަކު މަރު ވެއްޖެ ނަމަ - ރިއެކްޓިވް ކޮށް - ފުލުހުންގެ ހަރަކާތްތައް ވަރުގަދަ ކުރެއެވެ. ނަމަވެސް އެއީ ދާއިމީ ގޮތެއްގައި ކުރި އަށް ގެންދާ ހަރަކާތްތަކަކަށް ނުވާތީ އޭގެ ހެޔޮ ނަތީޖާ އެއް ނުފެނެއެވެ. އެ ގައުމުގެ ބަޔެލްސާ ސްޓޭޓުގައި 2023 ވަނަ އަހަރު ކޮށްފައި ވާ ދިރާސާއަކުން ދައްކާ ގޮތުގައި، މަގުމަތީގެ ސަލާމަތާ ބެހޭ ގަވާއިދުތައް މީހުންނަށް ރަނގަޅަށް ނޭނގުމާއި، މަގުތައް ބެލެހެއްޓުމުގައި ރަސްމީ އިދާރާތަކުގެ ދޯހަޅި ކަމާއި، އަދި ގަވާއިދާ ޚިލާފު ވާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު ނޭޅުމަކީ އެ ސްޓޭޓުގައި ޓްރެފިކް ގަވާއިދުތަކާ ޚިލާފު ވުމުގެ މައިގަނޑު ސަބަބުތަކެވެ.[2]

މަގުމަތީގެ ރައްކާތެރި ކަމާ ބެހޭ އިދާރާތަކާއި ދާއިރާގެ ތަޖުރިބާކާރުން ބާރު އަޅަނީ ރިއެކްޓިވް އެންފޯސްމަންޓްގެ ބަދަލުގައި ޕްރޯ އެކްޓިވް ޕޮލިސިންގ އަށް ބަދަލު ވުމަށެވެ. މިއީ ރިއެކްޓިވް ޕޮލިސިންގ އާ ޚިލާފަށް، މަގުމަތީގެ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ކުރީން، އެ ކަމެއް ހުއްޓުވުމަށް ނުވަތަ އެ ފަދަ ކަންކަން މަދު ކުރުމަށް ޓަކައި، ކަމާ ބެހޭ އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ސްޓްރެޓެޖިކް ފިޔަވަޅުތައް އަޅަމުން ގެންދިއުމެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނާ ގޮތުގައި، ބާރު ސްޕީޑުގައި ދުއްވުމާއި ހެލްމެޓު އެޅުން ފަދަ ކަންކަމާ ބެހޭ ޓްރެފިކް ޤާނޫނުތައް ދާއިމީ ގޮތެއްގައި ތަޠުބީޤު ކުރެވޭ ނަމަ އޭގެ ނަތީޖާ - ރިއެކްޓިވް އެންފޯސްމަންޓަށް ވުރެ - މާ ބޮޑަށް ރަނގަޅެވެ.[3] ހަމަ މި ޖަމިއްޔާ އިން 2018 ވަނަ އަހަރު ނެރެފައި ވާ ގްލޯބަލް ސްޓޭޓަސް ރިޕޯޓު އޮން ރޯޑް ސޭފްޓީ ގައި ފާހަގަ ކޮށްފައި ވާ ގޮތުގައި، އޮޓަމޭޓެޑް ސްޕީޑް އެންފޯސްމަންޓާއި ރެންޑަމް ބްރެތު ޓެސްޓިންގ އަކީ މަގުމަތީގެ އެކްސިޑެންޓުތަކުން ރައްކާތެރި ވުމަށް ޓަކައި އެޅޭނެ ޚަރަދު ކުޑަ ފިޔަވަޅުތަކެވެ. ނަމަވެސް މީގެ ފައިދާ އެކަށީގެން ވާ ގޮތުގައި ކުރާނީ ދާއިމީ ގޮތެއްގައި - ޕްރޯއެކްޓިވް ކޮށް - މި ކަންކަން ކުރިއަށް ގެންދާ ނަމައެވެ.[4]

ބްރެތު ޓެސްޓިންގ ގެ މަސައްކަތުގައި ފުލުހަކު ހަރަކާތްތެރި ވަނީ. ބްރެތު ޓެސްޓިންގ އަކީ ބަނގުރާ ނުވަތަ މަސްތުުވާ ތަކެތި ބޭނުން ކޮށްގެން ތިބެ ދުއްވާ މީހުން ދެނެގަތުމަށް ޓަކައި، އެ ކަމަށް ޚާއްސަ އާލާތެއް ބޭނުން ކޮށްގެން ޑްރައިވަރުގެ ނޭވާ ޓެސްޓު ކުރުން -- ފޮޓޯ / ޑްރިންކްޑްރައިވިންގ.އޯގް

މީގެ އިތުރުން ޑަބްލިޔުއެޗްއޯގެ 2023 ވަނަ އަހަރުގެ ރޯޑް ސޭފްޓީ ރިޕޯޓުން ކަށަވަރު ކޮށްދޭ ގޮތުގައި، ނަތީޖާ ނެރެވޭ ފަދަ ގޮތެއްގައި ޓްރެފިކް ގަވާއިދުތައް ތަންފީޒު ކުރެވޭނީ، ނިޒާމީ ގޮތެއްގައި - އެންމެ ބޮޑަށް ސަމާލު ކަން ދޭން ޖެހޭ ނުރައްކާތެރި ދާއިރާތައް ދެނެގަނެ އެ އަށް އަމާޒު ކުރެވޭ ގޮތަށް ސިޔާސަތުތައް އެކުލަވައިލައިގެންނެވެ. އަދި ބިނާރާއި ތަންފީޒު ކުރުމުގެ އުސޫލުތައް "ސޭފް ސިސްޓަމް" އެޕްރޯޗަށް ކުރިއަށް ގެންގޮސްގެންނެވެ. ސޭފް ސިސްޓަމް އެޕްރޯޗަކީ އެއްގަމު ޓްރެފިކް އެކްސިޑެންޓުތަކުގައި މަރު ވުމާއި ބޮޑެތި އަނިޔާތައް މަދު ކުރުމަށް އަމާޒު ހިފޭ ގޮތަށް ފަރުމާ ކުރެވޭ ޝާމިލު މަންހަޖެވެ.[5]

ސޭފް ސިސްޓަމް އެޕްރޯޗް ބިނާ ވެގެން ވަނީ އެކުއެކީގައި މަސައްކަތް ކުރާ ތިން ރުކުނެއްގެ މައްޗަށެވެ. އެއީ ސާފު ކޮށް، މީހުންނަށް ފަހުމު ވާ ފަދަ ޤާނޫނު ތަކާއި ސިޔާސަތުތައް ހުރުމާއި، އެކަށީގެން ވާ ގޮތުގައި ތަރައްގީ ކުރެވިފައި ވާ މަގުތަކާއި ބިނާރާއި، އަދި ޕްރޯއެކްޓިވް ކޮށް، އެންމެނަށް ފެންނަ ގޮތުގައި ޢަދުލުވެރި ކަމާއެކު ޤާނޫނު ތަންފީޒު ކުރުމެވެ.

މަގުމަތީގެ ޓްރެފިކް މައްސަލަތައް ހައްލު ކުރުމަށް ޓަކައި، އެންމެ ހަރުދަނާ އުސޫލުތަކަށް ޢަމަލު ކުރާ ސްވިޑެން އާއި ނެދަލޭންޑްސް އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި ހަރުދަނާ ޤާނޫނުތަކާ އެކު ހައި-ޓެކް ވަސީލަތްތައް ބޭނުން ކުރެއެވެ. އޭގެ ތެރޭގައި، ސްޕީޑް ކެމެރާ އާއި، ރެންޑަމް ބްރެތު ޓެސްޓިންގ އާއި، ރެޑް-ލައިޓް އަދި ޓްރެފިކް ސިގްނަލް ކެމެރާ ހިމެނެއެވެ. ޑޭޓާ-ޑްރައިވަން ޕޮލިސިންގެ އުސޫލު ބޭނުން ކުރުމާއި، ބިނާރު ތަރައްގީ ކުރުމުގައި، ދުވެލި މަޑުކުރަން ތަބީއީ ގޮތުން މަޖުބޫރު ވާ ގޮތަށް މަގު ހެދުމާއި، ސްޕީޑު ބަންޕަރާއި، އަދި ރައުންޑްއެބައުޓް ތައް ގާއިމު ކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. ހަމަ މިއާ އެކު، ނުރައްކާ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރި ވުމާއި އަދި އާއްމުން ހޭލުންތެރި ކުރުވުމުގެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެއެވެ.

ޓްރެފިކް މައްސަލަތައް ހައްލު ކުރުމަށް ޓަކައި، ކުރިއަރާފައި ވާ ގައުމުތަކުގައި ރެޑްލައިޓް ކެމެރާ ސިސްޓަަމް ބޭނުުން ކުރޭ -- ފޮޓޯ / ސަމިޓްގަރާޖް.ސީއޯ.ޔޫކޭ

ވީމާ، މަގުމަތީގެ ސަލާމަތްތެރި ކަން ކަށަވަރު ކުރުމާ ގުޅޭ ގޮތުން، ދުނިޔޭގެ ކުރިއަރާފައި ވާ ގައުމުތަކުގައި ކަން ކުރާ ގޮތް ބަލައި، އޭގެ ތެރެއިން ރާއްޖެ އަށް އެކަށީގެން ވާ ގޮތްތައް ރާއްޖޭގައި ވެސް ތަޠުބީޤު ކުރަން ޖެހެއެވެ. ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ހޯދައި އެ ވަސީލަތްތަކަށް އަހުލުވެރި ވެ އެ ތަކެތީގެ ބޭނުން ހިފަން ޖެހެއެވެ. މަގުމަތީގެ ގަވާއިދުތަކަށް މަދަރުސާ ކުދީންނާއި އާއްމުން ހޭލުންތެރި ކުރުމުގެ މަސައްކަތް ނިޒާމީ ގޮތެއްގައި ކުރިއަށް ގެންދަން ޖެހެއެވެ.

ރަސްމީ ފަރާތްތަކުން މައުލޫމާތު ލިބިފައި ވާ ގޮތުގައި، މަގުމަތީގެ ރައްކާތެރިކަން ބެލެހެއްޓުމާ ބެހޭ ގޮތުން ރާއްޖޭގައި މިހާރު ހުރި ޤާނޫނުތައް ބޭނުން ކޮށްގެން އެދެވޭ ހައްލުތަކެއް ހޯދޭނެއެވެ. ޒަމާނާ ހާލަތާ ގުޅޭނެހެން ޤާނޫނުތަކަށް ބަދަލުތައް ގެންނަން ޖެހުނަސް މިހާރު ހުރި ޤާނޫނުތައް "އެންމެ އެކަށީގެން ވާ ގޮތުގައި ތަންފީޒު ކުރެވޭނެ ގޮތް ވެއްޖެ ނަމަ" ފާހަގަ ކުރެވޭނެ ފަދަ ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. ނަމަވެސް ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމުގައި އެ ފަރާތްތަކަށް "އެކަށީގެން ނުވާ އުނދަގޫތައް" އަބަދުވެސް ކުރިމަތި ވަމުން ދެއެވެ.

ވީމާ، މި ސީރިއަސް މައްސަލައާ މެދު އެންމެ މަތީ ލެވަލުގައި މަޝްވަރާ ކުރެވި ހައްލުތަކެއް ހޯދަން ޖެހެއެވެ. އެކިއެކި ބާރުތައް ލިބިފައި ވާ ފަރާތްތަކުން، އަމިއްލަ މަސްލަހަތުގެ މައްޗަށް ޖަމާޢީ މަސްލަހަތު އިސްކުރާން ޖެހެއެވެ. ޢަދުލުވެރި ކަމާ އެކު ޤާނޫނުތައް ތަންފީޒު ކުރުމަށް ހުރަސް އެޅުމުގެ ބަދަލުގައި، މަގު ބޭނުން ކުރާ ހުރިހާ ފަރާތްތަކަށް އަމާން ރައްކާތެރި މާހައުލެއް ޤާއިމު ކޮށްދޭން ޖެހެއެވެ.

ހަވާލާ:
1. ޒާލް، ޑޮމިނިކް. ޓްރެފިކް ލޯ އެންފޯސްމަންޓް: އަ ރިވިއު އޮފް ދަ ލިޓްރެޗަރ. މޮނާޝް ޔުނިވަރސިޓީ އެކްސިޑެންޓް ރިސާޗު ސެންޓަރ، ރިޕޯޓު ނަންބަރު. 53، 1994.
2. އަލާފާ އިނާލާ، އެޓިމް އޯކޮން. ދި އިފެކްޓިވްނަސް އޮފް ފެޑެރަލް ރޯޑް ސޭފްޓީ ކޯޕް އޮން އެކްސިޑެންޓް ރިޑަކްޝަން އިން ނައިޖީރިއާ: އަ ސްޓަޑީ އޮފް ބަޔެލްސާ ސްޓޭޓު. ނައިޖީރިއަން ޖާނަލް އޮފް ސޯޝަލް ޑިވެލޮޕްމަންޓް، 11، ނަންބަރު 1 (2023) : 49-56.
3. ވޯލްޑް ހެލްތު އޯގަނައިޒޭޝަން. ސްޓްރެންތަނިންގ ރޯޑު ސޭފްޓީ ލެޖިސްލޭޝަން: އަ ޕްރެކްޓިސް ރިސޯސް މެނުއަލް. ޖެނީވާ: ޑަބްލިޔުއެޗްއޯ، 2013.
4. ވޯލްޑް ހެލްތު އޯގަނައިޒޭޝަން. ގްލޯބަލް ސްޓޭޓަސް ރިޕޯޓު އޮން ރޯޑު ސޭފްޓީ 2018. ޖެނީވާ: ޑަބްލިޔުއެޗްއޯ، 2018.
5. ވޯލްޑް ހެލްތު އޯގަނައިޒޭޝަން. ގްލޯބަލް ސްޓޭޓަސް ރިޕޯޓު އޮން ރޯޑު ސޭފްޓީ 2023. ޖެނީވާ: ޑަބްލިޔުއެޗްއޯ، 2023.

comment ކޮމެންޓް