ޑޮލަރު މައްސަލަ: ގަވަރުނަރާ ބައްދަލުވަންދެން އެމްޑީޕީން ކޮންމެ ދުވަހަކު އެމްއެމްއޭއަށް ދަނީ

އެމްޑީޕީގެ ޕީޖީ ގްރޫޕާއި ބައެއް މެންބަރުން އެމްއެމްއޭ އޮފީސް ކުރިމަތީގައި --- ފޮޓޯ: އެމްޑީޕީ

ޑޮލަރު ލިބުން ދަތިވެ، އޭގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވާތީ މަރުކަޒީ ބޭންކް, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް އިދިކޮޅު އެމްޑީޕީން މިއަދު ދިޔުމުން ވެސް ގަވަރުނަރު އަހުމަދު މުނައްވަރާ ބައްދަލުނުވާތީ، މުނައްވަރާ ބައްދަލުވަންދެން ކޮންމެ ދުވަހެއްގެ ހެނދުނު 11 ޖަހާއިރު އެމްއެމްއޭއަށް ދާނެ ކަމަށް، އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ފަރާތުން މިއަދު ބުނެފިއެވެ.

އެ މައްސަލައިގައި މުނައްވަރާ ބައްދަލުކުރަން އެދި އެމްޑީޕީގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ސިޓީއެއް ފޮނުއްވާފައިވެއެވެ. ނަމަވެސް، އެ ސިޓީއަށް ގަވަރުނަރު ޖަވާބު ނުދެއްވާ ކަމަށް ބުނެ، އިއްޔެ ވެސް އެމްޑީޕީގެ މެންބަރުން އެމްއެމްއޭގެ އޮފީހަށް ގޮސް ގާތްގަނޑަކަށް ގަޑިއިރެއް އެ ތަނުގައި ހޭދަކުރިއެވެ.

އެމްއެމްއޭގެ އޮފީސް ކުރިމަތީގައި ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޒިޔާދު ވިދާޅުވީ، ޑޮލަރު ރޭޓު މައްޗަށް ނުދާ ކަމަށް މުނައްވަރު ވިދާޅުވި ނަމަވެސް، ޑޮލަރެއް ގަންނަން ލިބެނީ 20 ރުފިޔާއަށް ވުރެ މަތިން ކަމަށެވެ.

ޒިޔާދު ވިދާޅުވީ، މި ވަގުތު އާސަންދައާއި އެންސްޕާގެ އެހީގައި ބޭރު ގައުމުތަކަށް ބޭސް ފަރުވާއަށް ދާ މީހުންނަށް ޑޮލަރު ބޭނުންވާ ކަމަށެވެ.

"އެ ކަންކަމަށް ބޭނުންވާ ޑޮލަރަށް ވެސް ތާށިވުންތަކެއް އަންނާތީ އެ ދަތި އުޅޭތީ އެ ކަންބޮޑުވުން އަޅުގަނޑުމެންގެ އޮންނާނީ އަޅުގަނޑުމެން ގަވަރުނަރާ ބައްދަލުކުރަން ބޭނުންވަނީ، މިކަމުގައި ހައްލެއް ހޯދޭނީ ކޮން ގޮތަކަށްތޯ، ކޮން ގޮތަކަށްތޯ ގަވަރުނަރުގެ ވިސްނުން [ހުރީ]" އޭނާ ވިދާޅުވިއެވެ.

މުނައްވަރު އެ ބޭފުޅުންނާ ބައްދަލުކުރައްވަން ބޭނުންނުވާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ޒިޔާދު ވިދާޅުވިގޮތުގައި އެ ބޭފުޅުން ވެސް މަސައްކަތްކުރައްވަނީ ސަރުކާރުގެ ވައުދުތައް ފުއްދޭތޯއެވެ.

"އެހެން ނަމަވެސް މާދަމާ ވެސް އަޅުގަނޑުމެން އަންނާނަން، ދެން މި ދަތުރުކުރާނަން ގަވަރުނަރާއި އަޅުގަނޑުމެންނާ ބައްދަލުވަންދެން، ގަވަރުނަރުގެ ފައިންޕުޅު ފެނިގެން މި ވާ ގޮތެއް ސާފުވަންދެން އަޅުގަނޑުމެން މިކަން ކުރާނަން،" ޒިޔާދު ވިދާޅުވިއެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ޑޮލަރު މާރުކުރާ ގާނޫނު ހުށަހެޅި ދުވަހު ޑޮލަރުގެ ރޭޓު ހެޔޮވާނެ ކަމަށް މުނައްވަރު އޭރު ވިދާޅުވި ކަމަށާއި ނަމަވެސް ޑޮލަރުގެ ރޭޓު ދަށްނުވާ ކަމަށެވެ. އަންނަ ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ބާއްވާ ރަސްމިއްޔާތަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، ރައްޔިތުންނަށް ޑޮލަރު ނުލިބޭއިރު ޓާމިނަލް ހުޅުވާ ރަސްމިއްޔާތަށް ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ ޚަރަދުކުރާ ކަމަށާއި ހަވާ އެރުވުމަށާއި ޑްރޯން ޝޯއަށް 6.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

ދައުލަތަށް ލިބޭ އާމްދަނީއާ ބަލައި، ޑޮލަރުގެ ރޭޓު މަތިވާންވީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑޮލަރުގެ އަގު މައްޗަށް ދާން ޖެހޭ އެއްވެސް ސަބަބެއް ނެތް، ޓޫރިޒަމުން ރާއްޖެއަށް ލިބުނު އިންކަމް 12 ޕަސެންޓު އިތުރުވެއްޖެ، އެއީ ޑޮލަރު ވަންނަ މަގުތައް އެއީ. ދައުލަތަށް ލިބޭ އިންކަމް އިތުރުވެއްޖެ، 18 ޕަސެންޓަށް ޓީޖީއެސްޓީ ބަދަލުކުރީމާ ސަރުކާރަށް އިތުރަށް ޑޮލަރު ވަންނާނެ، ކޮބާހޭ ޑޮލަރު؟ ކީއްވެހޭ ރައްޔިތުންނަށް ނުލިބެނީ؟ އެއީ އަޅުގަނޑުމެންގެ ސުވާލަކީ،" އަބްދުލްޣަފޫރު ވިދާޅުވިއެވެ.

ކުޑޫގެ ސިޓީގައި ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް މި އަހަރު އަމަލުކުރަން ފެށި ނަމަވެސް، އެ ގާނޫނު ތަންފީޒުނުކުރެވޭތީ ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް ރަސްމީކޮށް އުފެދިފައިވާ ކަމަށާއި، ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ޑޮލަރުން ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސަންޓު އެމްއެމްއޭއަށް ނަގަން ފެށުމުން މުދާ އެތެރެކުރާ މީހުންނަށް ޑޮލަރު ލިބުން ދަތިވެ، ބޭންކުތަކުން އެ މީހުންނަށް ފޯރުކޮށްދޭ ޑޮލަރު ވެސް ލިބުން ހުއްޓުމަކަށް އަންނަން ފަށާފައިވާ ކަމަށެވެ.

ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ވަނީ އަރައިފައެވެ. މި ދަނޑިވަޅުގައި ގަވަރުނަރު ހަނު ހުންނެވުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔައިފައެވެ.

ޑޮލަރެއްގެ އަގު ބޮޑުވުމުން އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. ރާއްޖޭގެ އުފެއްދުންތެރިކަށް ދަށްވުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އެންމެ ޒަރޫރީ ތަކެތި ވެސް އެތެރެކުރަނީ ބޭރު ގައުމުތަކުންނެވެ. އެ ތަކެތި ގަންނަން ވިޔަފާރިތަކުން ވެސް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމުން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެއެވެ.

މުސާރައާއި އާމްދަނީ އިތުރު ނުވަނީސް ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން މީހުން ޚަރަދު ކުރާ ވަރު ދަށްވެ, ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.

comment ކޮމެންޓް