އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދުނިޔެއަށް އިންގިލާބެއް ގެނައި ޗެޓްޖީޕީޓީއަށް ދުވާލެއްގެ މައްޗަށް 2.5 ބިލިއަނަށްވުރެ ގިނަ ޕްރޮމްޕްޓް (މެސެޖު) ލިބޭ ކަމަށް އެ ޕްލެޓްފޯމް އުފެއްދި އޯޕަންއޭއައި ކުންފުނިން ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ.
މި ތަފާސްހިސާބުތަކުން ޗެޓްޖީޕީޓީގެ މަގުބޫލުކަން އިންތިހާއަށް އަރާފައިވާކަން ދައްކުވައިދެއެވެ.
އެކްސިއޯސްއިން ޝާއިޢުކުރި ރިޕޯޓެއްގައިވާ ގޮތުން އޯޕަންއޭއައިއިން ވަނީ އެ ކުންފުނީގެ ސާވާތަކުން ދުވާލެއްގެ މައްޗަށް ޕްރޮސެސްކުރާ މެސެޖުތަކުގެ އަދަދު ފުރަތަމަ ފަހަރަށް އާންމުކޮށްފައެވެ. މިގޮތުން، ދުވާލަކު ލިބޭ 2.5 ބިލިއަނަށްވުރެ ގިނަ މެސެޖުގެ ތެރެއިން 330 މިލިއަނަށްވުރެ ގިނަ މެސެޖު އަންނަނީ ހަމައެކަނި އެމެރިކާއިންނެވެ. ބާކީ މެސެޖުތައް އަންނަނީ ދުނިޔޭގެ އެހެން ހިސާބުތަކުންނެވެ.
މި ރިޕޯޓުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ޗެޓްޖީޕީޓީ ހަފުތާއަކު 500 މިލިއަނަށްވުރެ ގިނަ މީހުން ޗެޓްޖީޕީޓީ ބޭނުންކުރެއެވެ. މީގެ ތެރެއިން ގިނަ މީހުން ބޭނުންކުރަނީ ޗެޓްޖީޕީޓީގެ ހިލޭ ލިބޭ ވަޞީލަތްތަކެވެ.
މީގެ އިތުރުން، ޕްލޭ ސްޓޯރުގެ "ޓޮޕް ފްރީ" ޗާޓުގެ އެއްވަނައިގައި ޗެޓްޖީޕީޓީގެ އެންޑްރޮއިޑް އެޕް އޮތްއިރު، އެޕަލްގެ އެޕް ސްޓޯރުގެ "ޓޮޕް ފްރީ އެޕްސް" ލިސްޓުގެ ދެވަނައިގައި މި އެޕް އޮތުމަކީ ވެސް އޭގެ މަގުބޫލުކަން ދައްކުވައިދޭ ކަމެކެވެ.
އޯޕަންއޭއައިގެ ސީއީއޯ ސޭމް އާލްޓްމަން، އޭއައި ޓެކްނޮލޮޖީ "ޑިމޮކްރެޓިކް"ކުރުމާ ގުޅޭގޮތުން ވާހަކަދެއްކެވުމަށް ވޮޝިންޓަނަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާގެ މަޤުސަދަކީ މި ޓެކްނޮލޮޖީ މަދު ބައެއްގެ އަތްމައްޗަށް ދޫކޮށްލުމުގެ ބަދަލުގައި، ވީހާ ވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުން ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
ޗެޓްޖީޕީޓީ ފަދަ އޭއައި ޕްލެޓްފޯމްތަކުގެ ބޭނުން އާންމުވުމުގެ ސަބަބުން ގޫގުލް ފަދަ ސާޗް އިންޖީނުތަކަށް ލިބޭ ޓްރެފިކް ދަށަށް ދާން ފަށާފައިވާކަން ވެސް ފާހަގަކުރެވިފައިވެއެވެ. އެގޮތުން، އެއް ރިޕޯޓެއްގައިވާ ގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ޖޫން މަހު ދުނިޔޭގެ ސާޗް ޓްރެފިކް ވަނީ 15 އިންސައްތަ ދަށްވެފައެވެ.
އަދި، ނޫސް ވެބްސައިޓްތަކަށް ސީދާ ކްލިކްކޮށްގެން ނުވަންނަ މީހުންގެ ނިސްބަތް 2024 ވަނަ އަހަރުގެ މޭ މަހު 56 އިންސައްތައިގައި ހުރިއިރު، 2025 ވަނަ އަހަރުގެ މޭ މަހު އެ އަދަދު ވަނީ ގާތްގަނޑަކަށް 69 އިންސައްތައަށް އަރާފައެވެ.
ޗެޓްޖީޕީޓީ އަކީ އޯޕަންއޭއައި ކުންފުނިން ތަރައްޤީކޮށްފައިވާ އޭއައި ޗެޓްބޮޓެކެވެ. ކުރިން 2022 ވަނަ އަހަރުގެ ފަހުކޮޅު އާންމުކުރެވުނު މި ޕްލެޓްފޯމް ވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ދުނިޔޭގެ މަޤުބޫލުކަން ހޯދާފައެވެ. އެއީ، އިންސާނުންނާ އެއްފަދަ ގޮތަކަށް ވާހަކަދެއްކުމާއި، ލިޔުންތައް އެކުލަވާލުމާއި، ކޯޑްކުރުމާއި، އަދި އުނދަގޫ ސުވާލުތަކަށް ޖަވާބު ދިނުމުގެ ހުނަރު ލިބިފައިވާތީއެވެ.
ޖެނެރޭޓިވް އޭއައިގެ ވައްތަރެއް ކަމަށްވާ 'ލާޖް ލޭންގުއޭޖް މޮޑެލް' (އެލްއެލްއެމް)އެއްގެ މައްޗަށް ބިނާކޮށްފައިވާ މި ޓެކްނޮލޮޖީ އާންމުވުމާ އެކު، ޓެކްނޮލޮޖީގެ ދާއިރާގައި ވަނީ ބޮޑު ވާދަވެރިކަމެއް އުފެދިފައެވެ. މިކަމުގެ ސަބަބުން ގޫގުލްއާއި މައިކްރޮސޮފްޓް ފަދަ ބޮޑެތި ކުންފުނިތަކުން ވެސް ވަނީ މިފަދަ އޭއައި ވަޞީލަތްތައް އުފައްދައި، އެ ކުންފުނިތަކުގެ ޕްރޮޑަކްޓްތަކަށް ހަލުވިކަމާއެކު ފޯރުކޮށްދޭން ފަށާފައެވެ.